މާލޭގައި ކަރަންޓާއި ފެނާ ދޫކުރާ ރޭޓުން ރަށް ރަށުގައި ކަރަންޓާއި ފެނުގެ ހިދުމަތް ދޭނަމަ ބޮޑުތަކުން ގެއްލުންވާނެ ކަމަށް ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގް ޑިރެކްޓަރު އަހުމަދު ޝަރީފް ވިދާޅުވެފަ އެވެ.
އައްޑޫގައި ފެނާއި ކަރަންޓުގެ އަގު މާލެއަށްވުރެ ބޮޑުކޮށް ނަގާތީ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ ހުށަހެޅުއްވި މައްސަލައިގައި މަޖިލީހުގެ ސަރުކާރު މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީގައި ވާހަކަ ދައްކަވަމުން ޝަރީފް ވިދާޅުވީ ފެނަކައިން 148 އިންޖީނުން އަތޮޅު ތެރޭގައި ހިދުމަތް ދެމުން ގެންދާއިރު މާލެއާއި އެއް އަގެއްގައި އަތޮޅު ތެރޭގައި ހިދުތަމް ދޭނަމަ މިހާރު ލިބޭ އާމްދަނީން 41 މިލިއަން ރުފިޔާ އުނިވާނެ ކަމުގައެވެ.
ފެނަކައިން ޖުމްލަ 52،596 މީޓަރަށް ހިދުމަތް ދެމުންދާ ކަމަށާއި އެއީ ޖުމްލަ 148 އިންޖީނުން ކަމަށް ވިދާޅުވި އެވެ.
އެވްރެޖްކޮށް ބަލާނަމަ ކަރަންޓްގެ އަގު ބޮޑު ނުވާކަމަށް ޝަރީފު ވިދާޅުވިއެވެ. އަދި ކަރަންޓް އަގު ބޮޑުކަމަށް ފެންނަނީ ކަރަންޓް ބޭނުންކުރާ މިންވަރު އިތުރު ވުމުން ކަމަށްވެސް ޝަރީފް ވަނީ ވިދާޅުވެފައެވެ.
“ކަރަންޓު ބިލު ބޮޑުވާ ސަބަބުތަކުގެ ތެރޭގައި ޖައްވު ހޫނުވުމުގެ ސަބަބުން. ކަރަންޓު ބޭނުންކުރާ މިންވަރު އިތުރުވެގެން ދިޔުން. އަދި ދިރިއުޅުމައްޓަކައި ބޭނުންކުރާ ވަސީލަތްތައް އިތުރުވުން.” ޝަރީފު ވިދާޅުވި އެވެ.
ހޫނު ގަދަ ދުވަސްވަރު ކަރަންޓު ބޭނުންކުރާ އަދަދު ގިނަކަން ޝަރީފު ފާހަގަކުރި އެވެ. އެހެންވެ ހޫނު ދުވަސްވަރެއް އަންނަ މަސްތަކުގައި ކަރަންޓު ބިލު ބޮޑުވެފައި ހުރި ކަމަށް ޝަރީފު ވިދާޅުވި އެވެ.