English Edition
Dhivehi Edition
އައްޑޫ ސިޓީ ސްކުއަރ - ފޮޓޯ: ޓްވިޓާ (ނައުޓީ)

އައްޑޫސިޓީ ހިތަދޫގައި ކުޑަ ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުގައި ހައްޔަރުކުރި ފުލުސްމީހާއަށް ދަޢުވާކޮށްފިއެވެ. ހިތަދޫ ޕޮލިސް ސްޓޭޝަން ގައި މަސައްކަތްކުރާ ފުވައްމުލައް މާދަޑު އޮމާން، ޢުމުރުން 34 އަހަރުގެ އަޙްމަދު ނަޒްމީން އަށް ކޮށްފައިވަނީ ކުޑަކުއްޖާއާއެކު ޖިންސީ އަމަލެއް ހިންގުމުގެ ކުށުގެ ދައުވާ އެވެ.

ޕީޖީ އޮފީހުގެ އެ ދަޢުވާ ގައި ވާގޮތުން ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާ މެދު ޚާއްސަ އުސޫލުތަކުން އަމަލުކުރުމުގެ ގާނޫނުގެ ދަށުން އޭނާގެ މައްޗަށް ކުރީ ކުޑަކުއްޖަކު އިތުބާރު ކުރަން ޖެހޭ މަގާމެއްގައި ހުރި މީހަކު، އެ ކުޑަކުއްޖާއާއެކު ޖިންސީ އަމަލެއް ހިންގުމުގެ ކުށުގެ ދައުވާ އެވެ. މި ކުށުގެ އަދަބަކީ 15 އަހަރާއި 18 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމެވެ.

ޕީޖީ އޮފީހުން ބުނީ ނަޒްމީންގެ މައްޗަށް ދައުވާކުރީ މިދިޔަ އަހަރުގެ ކުރީކޮޅުން ފެށިގެން، އިތުބާރު ކުރެވޭ މަގާމެއްގައި ހުރެ، އުމުރުން 18 އަހަރު ނުފުރޭ ކުއްޖަކަށް ބިރުދައްކައިގެން، އެ ކުއްޖާގެ އޮރިޔާން މަންޒަރު ދައްކުވައިދޭ ފޮޓޯ ނަގައި، އެ ފޮޓޯ ބޭނުންކޮށްގެން ބްލެކްމެއިލްކޮށް އެ ކުއްޖާ އަށް އެކި ދުވަސް މަތިން ޖިންސީ ގޯނާ ކޮށްފައިވާ މައްސަލާގައި ކަމަށެވެ.

މި މައްސަލައިގެ ތަހުގީގު ނިންމައި ފުލުހުން ޕީޖީ އޮފީހަށް މައްސަލަ ހުށަހެޅުމުން އެ އޮފީހުން ވަނީ މިދިޔަ ހޯމަ ދުވަހު ނަޒްމީންގެ މައްޗަށް ދައުވާކޮށް، އެމައްސަލަ ހިތަދޫ މެޖިސްޓްރޭޓު ކޯޓަށް ހުށަހަޅާފަ އެވެ.