English Edition
Dhivehi Edition

ކޯޓުތަކުގެ ހިންގުން ހަރުދަނާކުރުމަށްޓަކައި، ރާއްޖޭގެ އުތުރާއި ދެކުނުގައި ގާއިމްކޮށްފައިވާ ހައިކޯޓުގެ ގޮފިތައް އުވާލުމަށް ގާނޫނަށް އިސްލާހު ގެނައުމަށް ސަރުކާރުން ނިންމައިފިއެވެ.

ސަރުކާރުގެ ލެޖިސްލޭޓިވް އެޖެންޑާގެ ދަށުން ހުށަހަޅަން ނިންމާފައިވާ ބިލުތަކުގެ ތެރެއިން ހަތަރު ބިލެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން އެޓާނީ ޖެނެރަލް އޮފީހުން ރައީސް އޮފީހަށް މިއަދު ފޮނުވާފައިވާއިރު އޭގެ ތެރޭގައި ކޯޓުތަކުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލެއް ހިމެނެއެވެ. މި ގޮތުން ރާއްޖޭގެ އުތުރާއި ދެކުނުގައި ގާއިމުކޮށްފައިވާ ހައިކޯޓުގެ ވަކިވަކި ގޮފިތައް އުވާލުމުގެ އިތުރުން ކޯޓުތަކުގެ ހިންގުން ހަރުދަނާކުރުމަށް އިތުރު އިސްލާހުތައް ގެނައުމަށް ހިމަނާފައެވެ.

ހައި ކޯޓުގެ ދެކުނު ގޮފި ގާއިމުކޮށްފައިވަނީ އައްޑޫ ސިޓީ ހުޅުމީދޫގައެވެ. މި ގޮފީގެ މަސައްކަތް ފަށާފައިވަނީ 16 ޑިސެމްބަރު 2015 ގައެވެ. ހައިކޯޓުގެ ދެކުނު ގޮފިން ބަލާނީ ގއ. ގދ. ޏ އަދި ސ. އަތޮޅުގެ މެޖިސްޓްރޭޓް ކޯޓުތަކުން ނިންމާ މައްސަލަތަކުގެ ތެރެއިން އިސްތިއުނާފުކުރުމަށް ހުށަހެޅޭ މައްސަލަތަކެވެ.

ހައި ކޯޓުގެ އުތުރު ގޮފި ހދ. ކުޅުދުއްފުށީގައި ގާއިމުކޮށްފައިވާއިރު އެ ގޮފި ހުޅުވުނީ އޮކްޓޯބަރު 22، 2018 ގައެވެ. ހައިކޯޓުގެ އުތުރު ގޮފިން ބަލަނީ ހއ، ހދ، ށ، ނ، ރ، އަދި ބ ގެ މެޖިސްޓްރޭޓު ކޯޓުތަކުން ނިންމާ މައްސަލަތުކުގެ ތެރެއިން އިސްތިއުނާފު ކުރުމަށް ހުށަހެޅޭ މައްސަލަތަކެވެ.