English Edition
Dhivehi Edition

ރާއްޖޭގެ ސްކޫލް ތަކުގައި ކިޔަވާ ބީޓެކް ދަރިވަރުންގެ، ބީޓެކް ހޮސްޕިޓާލިޓީ ސްޓޭންޑަޑައިޒޭޝަން ފަށައިފިއެވެ.

އޮކްޓޯބަރ މަހުގެ ދެވަނަ ދުވަހުން ފެށިގެން 3 ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މިމައްސަކަތަކީ ބީޓެކްގެ ކޮންމެ ކޯހަކަށްވެސް އަހަރަކު ދެފަހަރު، އިނގިރޭސިވިލާތުގެ ޕިއަރސަންގެ ފަރާތުން ކުރިއަށް ގެންދެވޭ މަސައްކަތެކެވެ. މިމަސައްކަތް ކުރައްވަމުން ގެންދަވަނީ މިކަމަށް ޚާއްސަކޮށް 3 ދުވަހުގެ މުއްދަތަކަށް ރާއްޖެއަށް ވަޑައިގެން އުޅުއްވާ ޕިއާސަންގެ ބޭފުޅެކެވެ. މިބޭފުޅާގެ ދަތުރުފުޅުގައި މާފުއްޓަށް ޒިޔާރަތްކޮށް އެރަށުގެ ބީޓެކްގެ ކަންތައްތައް ހިނގަމުންދާ ގޮތްވެސް ވަނީ ބައްލަވާ ލައްވާފައެވެ.

ސްޓޭންޑަޑައިޒޭޝަންގެ މަސައްކަތް ފެށިގެން ކުރިއަށްދާއިރު މިމަސައްކަތުގައި ރާއްޖޭގެ 100 ސްކޫލަކުން ބީޓެކް ކުދިންގެ މަސައްކަތް ސްޓޭންޑަޑައިޒް ކުރުމަށްވަނީ ހަމަޖެހިފައެވެ. ސްޓޭންޑަޑައިޒޭޝަންގެ މަގުސަދަކީ ބީޓެކް ކިޔަވަމުންދާ ދަރިވަރުންގެ މަސައްކަތްތަކުގެ ފެންވަރު ބަލައި އެކުދިންގެ ސެޓްފިކެޓްތައް ރިލީސްކުރުމެވެ. މީގެއިތުރުން ރާއްޖޭގައި ބީޓެކް ކޮލިފިކޭޝަން ކުރިއަށްދާގޮތް އިތުރަށް ތަރައްޤީކުރުމަށް ލަފާއާއި އިރުޝާދުލިބުމެވެ.

ބީޓެކްއަކީ ސްޓްރީމެއްގެގޮތުގައި 2014ވަނަ އަހަރު ސްކޫލްތަކަށް ތަޢާރަފްކުރެވުނު ޕްރޮގްރާމެކެވެ. މިގޮތުން މިހާރު މިޕްރޮގްރާމްގެ ދަށުން ހޮސްޕިޓަލިޓީ، ސްޕޯޓްސް، ބިޒްނަސް، އިންޖިނިއަރިން އަދި އާޓް އެންޑް ޑިޒައިން މިމާއްދާތައް ކިޔެވުމުގެ ފުރުޞަތު ކުދިންނަށްދެވިގެންދެއެވެ. ބީޓެކް ސްޓްރީމް ކުރިއަށްގެންދެވެނީ އިނގިރޭސިވިލާތުގެ ޕިއަރސަންއާ ގުޅިގެންނެވެ.

ބީޓެކް ޕްރޮގްރާމަކީ ސްކޫލްތަކުގައި ވޮކޭޝަނަލް ސްޓްރީމްގެދަށުން ކުރިއަށްގެންދެވޭ ޕްރޮގްރާމެކެވެ. މިއަހަރު ޖެނުއަރީގައި ބީޓެކް ލެވެލް 2 ފުރިހަމަކުރުމަށްފަހު 319 ކުދިންވަނީ ގްރޭޑް 10 ނިންމާފައެވެ. މިކުދިންގެ ތެރެއިން %88 ދަރިވަރުން މިހާރު ތިބީ ވަޒީފާތަކުގައްޔާއި އިތުރަށް ތަޢުލީމް ހާޞިލްކުރުމުގައެވެ

. ބީޓެކް ސްޓްރީމްގައި މިއަހަރު 3222 ދަރިވަރުން ތަޢުލީމް ޙާޞިލްކުރަމުން ގެންދާއިރު ބީޓެކް އޭލެވެލްގައި 342 ދަރިވަރުން ދަނީ ތައުލީމު ހާސިލް ކުރަމުންނެވެ.