English Edition
Dhivehi Edition
ފޮޓޯ: ފުވައްމުލައް ސިޓީ ކައުންސިލް

ފުވައްމުލައް ސިޓީގެ ރައްޔިތުންނަށް ހާއްސަކޮށް ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކުމުގެ ޕްރޮގްރާމްތަކެއް އެ ސިޓީގައި ބާއްވައިފިއެވެ.

ފުވައްމުލައް ސިޓީގައި ކުރިއަށް ގެންދާ މި ޕްރޮގްރާމްތަކަކީ ރާއްޖޭގައި ސައިކޭޓްރިސްޓުންގެ ލަފަޔާއި އިރުޝާދު ދިނުމުގެ ލައިސެންސް ލިބިފައިވާ ތަޖުރިބާކާރުން ހިމެނޭ ‘ތިބާ’ އިން ކުރިއަށް ގެންދާ ޕްރޮގްރާމްތަކެކެވެ.

މި ގޮތުން ރޭ ޏ.އަތޮޅު ތައުލީމީ މަރުކަޒުގައި ބެލެނެވެރިންނަށް ހާއްސަކޮށް ކުރިއަށް ގެންދިޔަ ހޭލުންތެރިކުރުމުގެ ޕްރޮގްރާމްގައި ނަފްސާނީ ގޮތުން ދިމާވާ އުނދަގޫތައް އަމިއްލައަށް ފާހަގަކުރާނެ ގޮތާއި، އެކަންތައްތައް ރަގަޅުކުރުމަށް އަމިއްލައަށް ކުރެވިދާނެ ކަންތައްތަކާއި ބެހޭގޮތުން ވަނީ ބައިވެރިންނާއި މައުލޫމާތު ހިއްސާކޮށްފައެވެ، އަދި ނަފުސާނީ މައްސަލަތަައް އަމިއްލައަށް ހައްލު ނުކުރެވޭ ހާލަތްތަކުގައި ސައިކޭޓްރިސްޓެއްގެ ލަފަޔާއި އިރުޝާދު ހޯދުމުގެ މުހިންމުކަމާއި ގުޅޭ ގޮތުން ވަނީ މަޝްވަރާކޮށްފައެވެ. ރޭގެ ބައްދަލުވުމުގައި ބައިވެރިން ކުރި ސުވާލުތަކަށް ޖަވާބު ދީފައިވެއެވެ.

‘ތިބާ’ އިން ފުވައްމުލަކު ހޮސްޕިޓަލާއި ގުޅިގެން އެ ސިޓީގައި ރައްޔިތުންނަށް، ނަފުސާނީ މައްސަލަތަކުގައި އަމަލުކުރާނޭ ގޮތާއި ގުޅޭ ގޮތުން ހޭލުންތެރިކުރުމުގެ ތަފާތު ޕްރޮގްރާމުތަކެއް އަންނަނީ ހިންގަމުންނެވެ. މި ގޮތުން މި މަހުގެ 3 ވަނަ ދުވަހުން ފެށިގެން 6 ވަނަ ދުވަހުގެ ނިޔަލަށް ‘ތިބާ އިން ފުވައްމުލައް ސިޓީގައި އެކު ޕްރޮގްރާމްތައް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.