English Edition
Dhivehi Edition
ފޮޓޯ: ރައީސް އޮފީސް

ދިވެހިރާއްޖޭގައި ފަޚުރުވެރިކަމާއެކު ނަޞްރުގެ ދުވަހެއް ފާހަގަކުރަމުން މި އަންނަނީ، ހިތްވަރުގަދަ ދިވެހި ސިފައިން ވެފައިވާ ވަރަށް މަތިވެރި ޤުރުބާނީއެއްގެ ހަނދާންތައް އައުކޮށްދެމުންކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

ދިވެހިރާއްޖޭގެ 34 ވަނަ ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި ރައީސް ސޯލިހް ދެއްވި ހިތާބުގައި ވިދާޅުވީ މި ދުވަސް ފާހަގަކުރަމުން ދަނީ ދީނާއި ޤައުމަށްޓަކައި ފުރާނައިން ފިދާވެދިޔަ އެތައް ސިފައިންނެއްގެ ޒިކުރާ އައުކޮށްދެމުންކަމަށެވެ. ” ދުޝްމަނުން ދެމުންދިޔަ ވަރުގަދަ ޙަމަލާތަކުގެ ކުރިމަތީގައި، ދިވެހި ޢަސްކަރިއްޔާގެ ހިތްވަރުގަދަ ކެރޭ ފަހުލަވާނުން، އަމާންނުދީ ސާބިތުކަމާއެކު ހަނގުރާމަކޮށް، ދިވެހި ޤައުމަށް ނަޞްރު ހޯދައިދިން ދުވަސް. ދިވެހިރާއްޖޭގެ ކޯއްޓޭތަކުގައި، ފެއްސާއި ރަތާއި ހުދުގެ ޤައުމީ ދިދަ ވިހުރެމުން އެދަނީ، އެ ދުވަހު ދިވެހި ސިފައިން ވެފައިވާ މަތިވެރި ޤުރުބާނީގެ ސަބަބުން” ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސްގެ ހިތާބުގައި ވަނީ އެ ދުވަހު މި ޤައުމަށް ދެއްކެވި ޤައުމީ ނަމޫނާއަކީ، މިއަދާއި މާދަމާގެ ދަރިންވެސް، ނަމޫނާއެއްގެ ގޮތުގައި ދެކެންޖެހޭނެކަމަށާއި އަދި އެ ބޭފުޅުންގެ ޒިކުރާ އަބަދުވެސް އާކުރަންޖެހޭނެ މަތިވެރި ނަމޫނާއެއްކަމަށެވެ.

ޞުލްޙަވެރިކަމާއި އަމާންކަމާއި ހަމަޖެހުމާއި އުފާވެރިކަމާއެކު، މި ޖަޒީރާތަކުގައި ދިރިއުޅެމުން އައި ދިވެހިންނަށް، 1988 ނޮވެންބަރު ތިންވަނަ ދުވަސްވީ، ނިރުބަވެރިކަމުގެ ބިރުވެރި ނުރައްކަލުގެ ތެރެއަށް ހޭލެވުނު ދުވަހެއްކަމުގައި ރައީސް ވަނީ ފާހަގަކުރައްވާފައެވެ. އަދި އެ ދުވަހުގެ އިރު އަރަމުންދިޔަ ވަގުތަކީ، ބަޑީގެ ނުރައްކާތެރި އަޑުފަށްގަނޑާއެކު، ބިރުވެރި އެތައް ވާހަކަތަކެއް ފެތުރެމުންދިޔަ ވަގުތެއްކަމަށާއި ހެނދުނަކީ، ދުޝްމަނުންގެ ބަޑީގެ ވަޒަންތައް އަމާޒުވެ، ޝަހީދުވި ސިފައިންނާއި މުވާޠިނުންގެ ޚަބަރުތައް، ޤައުމަށް ފެތުރެމުންދިޔަ ހިތްދަތި ހެނދުނެއް ކަމަށެވެ.

އެ ދުވަހުވެސް ދިވެހި ރައްޔިތުން އުއްމީދު ކަނޑާނުލާކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ އެ ދުވަހުވެސް ދިވެހި ރައްޔިތުންގެ މެދުގައި އޮތް އެކުވެރިކަމާއި އެއްބައިވަންތަކަން ސާބިތުކޮށްދިންކަމަށެވެ. އަދި ޤާނޫނީ ސަރުކާރަށް ފުރިހަމައަށް ބޯލަނބައި ކިޔަމަންތެރިވިއެވެ. އެންމެ ވަރުގަދަ ހަތިޔާރެއް ކަމުގައި ހެދީ، ހިތްތަކުގައި ބިންވަޅު ނެގިފައިވާ އިސްލާމީ މަތިވެރި ޢަޤީދާކަން ރައީސް ވަނީ ފާހަގަކުރައްވާފައެވެ،

ނޮވެންބަރު ތިނެއްގެ ޢުދުވާނީ ޙަމަލާއިން ދިވެހިރާއްޖެ ސަލާމަތުގެ އައްސޭރިއަށް ފޯރުކޮށްދިނީ، ދިވެހި ދަރިންގެ ހިތްވަރާއި ހިންމަތާއި މިންނަތުންކަން ފާހަގަކޮށް ރައީސް ވަނީ އެ ދުވަހު ބައިނަލްއަޤްވާމީ ދުނިޔެ ދިވެހިރާއްޖެއާއެކު ސާބިތުވެ އޮތް އޮތުމަކީ، ދިވެހިންނަށް ލިބުނު ވަރުގަދަ ހިތްވަރެއްކަމަށެވެ. ޚާއްޞަކޮށް، އަވަށްޓެރި އިންޑިއާއިން އެދުވަހު ފޯރުކޮށްދިން ޢަސްކަރީ އަވަސް އެހީގެ މަތީން ހަނދާންކޮށް، އެ ޤައުމުގެ އެކުވެރި ރައްޔިތުންނަށާއި ސަރުކާރަށް ރައީސް ވަނީ ޝުކުރު އަދާކުރައްވާފައެވެ.