English Edition
Dhivehi Edition

ސިފައިންނާއި ފުލުހުންގެ ތެރެއިން ޝަހީދުވި މީހުންގެ އާއިލާތަކަށް އެލަވަންސެއް ހަމަޖައްސައި އެ އާއިލާތަކަށް ހާއްސަކޮށްގެން ބޯހިޔާވަހިކަމުގެ މަޝްރޫއެއް ފަށަން ނިންމައިފި އެވެ.

ނަސްރުގެ ދުވަސް ފާހަގަކުރަން ދަރުބާރުގޭގައި ރޭ ބޭއްވި ރަސްމީ ޖަލްސާގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ މި ދައުރުގެ ކުރިއަށް އޮތް އަހަރުތަކުގެ ތެރޭގައި، “ޝަހީދުންގެ ހިޔާ”ގެ ނަމުގައި 50 ހައުސިން ޔުނިޓުގެ ހައުސިން އިމާރާތެއް އަޅާނިންމައި، ޝަހީދުންގެ ޢާއިލާތަކާ ހަވާލުކުރައްވާނޭކަމަށެވެ.

މި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާވަނީ، ވޭތުވެދިޔަ ސާޅީހަކަށް އަހަރުގެ ތެރޭގައި 29 ސިފައިންނާއި، 2 ފުލުހުންނާއި ޢާއްމުންގެ 11 މީހުން، ޤައުމީ ޚިދުމަތާ ގުޅުންހުރި އެކި ޙާލަތްތަކުގައި ދިމާވި ޙާދިސާތަކުގައި މި ދުނިޔެ ދޫކޮށްފައި ވީ ނަމަވެސް، އެ ބޭފުޅުންގެ އަގުވަޒަންކުރުމަށް، ދެމެހެއްޓެނިވި ގޮތެއްގައި ދައުލަތުން އެއްވެސް ކަމެއް ކޮށްދެވިފައި ނުވާކަމީ ބޭއިންސާފެއްކަމުގައި ވިދާޅުވެފައެވެ.

މި އަންނަ އަހަރުން ފެށިގެން، ޝަހީދުންގެ ޢާއިލާތަކަށާއި، 3 ނޮވެމްބަރުގެ މެޑަލް ފޯ އެކްސެޕްޝަނަލް ބްރޭވަރީ ލިބިވަޑައިގަތް 5 ބޭފުޅުންނާއި، މެޑަލް ފޯ ބްރޭވަރީ ލިބިވަޑައިގެންފައިވާ 10 ބޭފުޅުންނަށް ސަރުކާރުން ޚާއްޞަ އެލަވަންސެއް ދެއްވާނެކަންވެސް މިރޭގެ ޖަލްސާގައި އެމަނިކުފާނު ވަނީ އިޢުލާންކުރައްވާފައެވެ. އަދި މި އެލަވަންސް ދެއްވަމުން ގެންދަވާނީ، ކަނޑައެޅޭ، ގެޒެޓްކުރެވޭ އުޞޫލެއްގެ މަތިން، ދެމެހެއްޓެނިވި ގޮތެއްގައި ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ދައުލަތުން ކުރާ މި ފަދަ ކަމަކުން، ޝަހީދުންގެ ޖިހާދުގެ އަގެއް ނުދެއްކޭނޭ ކަމުގައްޔާއި ޢާއިލާތަކުގެ ހިތާމަތައް ފިލުވައި ނުދެވޭނޭކަމަށް ވިދާޅުވެ، އެމަނިކުފާނު ވަނީ، ދައުލަތުން، ކުޑަމިނުން، މި ވަރު ކޮށްދޭން ވާނޭކަމުގައި ވިދާޅުވެފައެވެ.