English Edition
Dhivehi Edition
ގަލޮޅޫ ސްކޫލް

މާލޭގެ ސްކޫލެއްގައި އުމުރުން ހަތަރު އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި އަންހެން މީހާ ބަންދުން ދޫކޮށްލައިފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ތުހުމަތު ކުރެވޭ މީހާ ބަންދުގައި ބަހައްޓަން ޖެހޭ ކަމަށް ނުފެންނަ ކަމަށް ޕީޖީ އޮފީހުން ލަފާދީފައިވާތީ އޭނާ ދޫކޮށްލައިފައިވާ ކަމަށެވެ.

ފުލުހުން އިތުރަށް ވިދާޅުވީ މިމީހާ ބަންދުން ދޫކުރި ކަމުގައިވިޔަސް މައްސަލައިގެ ތަޙުގީގު ކުރިއަށް ދާކަމަށެވެ.

ހަތަރު އަހަރުގެ ކުއްޖާއަށް ޖިންސީ ގޯނާ ލިބިފައި ވަނީ ގަލޮޅު ސްކޫލުގެ މަސައްކަތު މީހެއްގެ ފަރާތުންނެވެ. އަންހެން ކުއްޖާއަށް ޖިންސީއަނިޔާ ކުރި މައްސަލައިގައި ކޯޓު އަމުރެއްގެ ދަށުން ރޭގެ ވަގުތެއްގައި ހައްޔަރު ކުރީ އެސްކޫލް ސާފު ކުރުމުގެ ވަޒީފާގައި އުޅޭ އުމުރުން 63 އަހަރުގެ އަންހެނެކެވެ.

ކުޑަ ކުއްޖާއަށް ޖިންސީ ގޯނާ ކުރި މައްސަލައިގައި އެކަން ކުރި މީހަކު ސީދާ ނޭނގޭތީ، އެ ސްކޫލުގެ ހުރިހާ މަސައްކަތު މުވައްޒަފުން ތިބީ ހުކުރު ދުވަހުން ފެށިގެން ސަސްޕެންޑުކޮށްފަ އެވެ.ޖިންސީ ގޯނާގެ މި މައްސަލައާ ގުޅިގެން، ދަރިވަރުން ފާޚާނާއަށް ފޮނުވުމުގައި، ހަވާލު ކުރާ ފަރާތް އެނގޭނެ ފަދަ ގޮތަކަށް ކަންތައް ކުރުމަށް އެޑިއުކޭޝަނުން މިއަދު ސްކޫލުތަކަށް ވަނީ އަންގައިފައެވެ.

މީގެ އިތުރުން ޖިންސީ ގޯނާގެ މައްސަލަ ފެންމަތިވި ސްކޫލުގެ ހުރިހާ ، މަސައްކަތު މީހުން ވަނީ މަޤާމުގެ މަސްއޫލިއްޔަތުން ދުރުކޮށް، ސްކޫލުގައި ސީސީޓީވީ ކެމެރާ ހަރުކުރަން ނިންމާފައެވެ. ކުޑަކުއްޖާއަށް އަނިޔާ ކުރުން “ސީރިއަސް” މައްސަލައެއްގެ ގޮތުގައި ބަލަމުން އަންނަ ކަމަށް އެޑިޔުކޭޝަނުން ވަނީ ބުނެފައެވެ. އަދި ރައްޔިތުންގެ މަޖިލިހުގެ ޖެންޑާ ކޮމިޓީން ވެސް ދަނީ އެ މައްސަލަ ބަލަމުންނެވެ.