English Edition
Dhivehi Edition

ގދ. މަޑަވެލި – ހޯނޑެއްދޫ އައު ކޯޒްވޭ ހެދުމުގެ މަޝްރޫއު މޯލްޑިވްސް ޓްރާންސްޕޯރޓް އެންޑް ކޮންޓްރެކްޓިންގ ކޮންޕެނީ (އެމް.ޓީ.ސީ.ސީ) އާއި ހަވާލުކޮށްފިއެވެ.

ގދ. މަޑަވެލި އާއި ހޯނޑެއްދޫ ދެމެދު މިހާރު ހަދާފައިވާ ކޯޒްވޭ ނެގުމަށް ފަހު، މަޑެވެލި އާއި ހާދޫ އަދި ހާދޫ އާއި ހޯނޑެއްދޫ ދެމެދު، ދެ ބްރިޖް ގާއިމްކުރުގެ މި މަޝްރޫއު ހަވާލުކުރުމަށް މިއަދު މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ގައި ބޭއްވި ރަސްމިއްޔާތުގައި، މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޕާރމަނަންޓް ސެކްރެޓަރީ އަލްފާޟިލާ ޒީނިޔާ ހަމީދެވެ. އަދި އެމް.ޓީ.ސީ.ސީ ގެ ފަރާތުން ސޮއިކުރެއްވީ ޗީފް އޮޕަރޭޓިންގ އޮފިސަރ އަލްފާޟިލް ޝާހިދު ޙުސައިން މޫސާއެވެ.

މި މަޝްރޫއުގެ ދަށުން، 260 މީޓަރުގެ ސަރަޙައްދެއްގެ ގޮނޑުދޮށް ހިމާޔަތް ކުރުމާއި، 262 މީޓަރުގެ މަގެއް ހެދުމާއި، މަގު މާކު ކުރުމާއި، ޕޭވްމަންޓް ހެދުމާއި، މަގު ބައްތި ހަރުކުރުމުގެ މަސައްކަތް ހިމެނެއެވެ. މި ކޯޒްވޭގެ ދިގުމިނަކީ 383 މީޓަރެވެ.

އެގޮތުން 223 މީޓަރުގެ ބްރިޖަކުން މަޑަވެލި އާއި ހާދޫ އަދި 160 މީޓަރުގެ ބްރިޖަކުން ހާދޫ އާއި ހޯޑެއްދޫ ގުޅާލާނެއެވެ. އަދި 262 މީޓަރުގެ މަގު ހަދައި، 65 މީޓަރުގެ ހަތަރު ރިވެޓްމެންޓް ގާއިމްކުރާނެއެވެ. 300 ދުވަހުގެ ތެރޭގައި ނިންމުމަށް ހަމަޖެހިފައިވާ މި މަޝްރޫއުއަށް 84.17 މިލިއަން ރުފިޔާ ހަރަދުވާނެއެވެ.

ޕްލޭނިންގ މިނިސްޓްރީން ވިދާޅުވީ، މި މަޝްރޫއުގެ މަގްސަދަކީ މިހާރު ހަދާފައިވާ ކޯޒްވޭގެ ކަލްވާރޓްތައް ބްލޮކްވުމުގެ ސަބަބުން ދެ ރަށަށް ދިމާވެފައިވާ ރަށްގިރުމާއި އުދަ އެރުމުގެ މައްސަލަ ހައްލުކުރުން ކަމަށެވެ. އަދި މި ދެރަށުގެ ދެމެދުގައި އަޅާ ބްރިޖްތައް ޑިޒައިން ކުރުމަށް ހަމަޖެހިފައި ވަނީ ކޮލަމްތަކަށް ސަޕޯރޓްކޮށް، ބްރިޖްގެ ދަށުން އޮއިވަރު ދެމޭ ގޮތަށް ކަމަށް އެ މިނިސްޓްރީން ވިދާޅުވިއެވެ.

އެ ދެރަށް ބްރިޖަކުން ގުލާލުމަށް އެމް.ޓީ.ސީ.ސީ. އާއި ހަވާލުކޮށްފައިވާއިރު، އެ ދެރަށާއި ދެމެދު މިހާރު ގާއިމްކޮށްފައިވާ ކޯޒްވޭގެ ސަބަބުން ދެރަށަަށްވެސް ގެއްލުންތަކެއް ލިބިފައިވެއެވެ. އަދި މި އަހަރުގެ ކުރީކޮޅުގައި އެ ކޯޒްވޭ ވަނީ ދަތުރު ނުކުރެވޭ ވަރަށް ކަނޑާލާފައެވެ. އެ ކޯޒްވޭގެ ސަބަބުން ހޯނޑެއްދު އަށް ގެއްލުންވާތީ އެތަން ނަގާދިނުމަށް ހޯނޑެއްދޫ ކައުންސިލުން ވަނީ މީގެ ކުރިން ޕްލޭނިން މިނިސްޓްރީގައި އެދިފައެވެ.

އެ ދެރަށް ދެމެދުގައި މިހާރު އޮތް ކޯޒްވޭގެ މަސައްކަތް ފުރަތަމަ ފެށީ 2016 ވަނަ އަހަރު ދައުލަތުގެ ބަޖެޓުން 29 މިލިއަން ރުފިޔާ ހަރަދުކޮށްގެންނެވެ. އެ ކޯޒްވޭގެ ދިގުމިނުގައި 440 މީޓަރު ހުންނަ އިރު ފުޅާމިނުގައި 07 މީޓަރު ހުންނާނެއެވެ.