English Edition
Dhivehi Edition

ސްޓޭޓް ޓްރޭޑިންގް އޯގަނައިޒޭޝަން (އެސްޓީއޯ) އިން ވިއްކާ ތެލުގެ އަގަށް ބަދަލުގެނަޔަސް ކަރަންޓުގެ އަގު ބޮޑު ނުވާނެ ކަމަށް ކަރަންޓުގެ ހިދުމަތް ދޭ ސްޓެލްކޯ އާއި ފެކަނަ ކޯޕަރޭޝަނުން ބުނެފިއެވެ.

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލެމުން ދިއުމާއި ގުޅިގެން އެސްޓީއޯއިން ވަނީ ޑީސަލް ލީޓަރަކުން 53 ލާރި އަދި ޕެޓްރޯލް ލީޓަރަކުން 57 ލާރި އިއްޔެއިން ފެށިގެން ބޮޑުކޮށްފައެވެ.

ސްޓެލްކޯގެ ސީއީއޯ އަހުމަދު ޒުހޫރު ވިދާޅުވީ، ތެލުގެ އަގު ބޮޑުވި ނަމަވެސް މިވަގުތު ކަރަންޓުގެ އަގު ބޮޑު ނުކުރަން ރައީސުލްޖުމްހޫރިއްޔާ އަންގަވާފައިވާ ކަމަށެވެ.

“ރައްޔިތުންނަށް އިތުރު ބުރައެއް ނުޖެއްސުމަށް ރައީސް ވަނީ ސަބްސިޑީއެއް ދީގެން ނަމަވެސް ކަރަންޓުގެ އަގު މިވަގުތު ބޮޑު ނުކުރައްވަން ނިންމަވާފައި،” ޒުހޫރު ވިދާޅުވި އެވެ.

ސްޓެލްކޯއަށް ލިބޭ އާމްދަނީގެ %70 ޚަރަދުވަނީ ތެޔޮ ގަތުމަށްކަމަށާއި، ކުންފުންޏަށް ލިބޭ ފައިދާ އިތުރު ކުރުމުގެ ބަދަލުގައި ސްޓެލްކޯއިން ބޭނުންވަނީ ރައްޔިތުންނަށް ހެޔޮ އަގެއްގައި ކަރަންޓްގެ ޙިދުމަތް ދިނުންކަން ޒުހޫރު ފާހަގަކުރެއްވިއެވެ.

ސްޓެލްކޯގެ އިތުރުން ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރު އަހުމަދު ޝަރީފްވެސް ވަނީ ތެލުގެ އަގަށް އައި ބަދަލާއި ގުޅިގެން ފެނަކަ ކޯޕަރޭޝަނުންވެސް ފިއުލްސާޗާޖް ނަގަން ނިންމާފައި ނުވާކަން ހާމަކޮށްފައެވެ. އެހެންކަމުން ތެލުގެ އަގަށް އައިބަދަލާ ގުޅިގެން ކަރަންޓުގެ އަގަށް ބަދަލެއް ނާންނާނެކަން އޭނާ ފާހަގަކުރެއްވިއެވެ.

މިއަހަރުގެ ޖޫންމަހުގެ ތެރޭގައި ތެލުގެ ޑިއުޓީ %5އަށް ސަރުކާރުން ކުޑަކުރުމާއި ގުޅިގެން ފެނަކައާއި ސްޓެލްކޯއިންވަނީ ފިއުލްސާޗާޖު އެއްކޮށް ކަނޑާލާފައެވެ.