ދެ އަހަރަށްފަހު ކުޅިވަރު ހަަރަކާތްތަކާއި އެކު ގދ. އަތޮޅު ތަޢުލީމީ މަރުކަޒުގެ އިންޓަރ ހައުސް ކުޅިވަރު މުބާރާތްތަކުގެ ޕްރެކްޓިސްތައް ފެށިއްޖެއެވެ.
ކޮވިޑްގެ ވަބާއާއި އެކު މާލެއާއި ރާއްޖެތެރޭގެ ސްކޫލްތަކުގެ ކިޔަވައި ދިނުމުގެ ވައްޓަފާޅިއަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަން އިން ގެނައި ބަދަލާއި އެކު ގިނަ ސްކޫލް ތަކުގައި އިތުރު ހަރަކާތްތައް / ކުޅިވަރު ހަރަކާތްތައް ވަނީ ހުއްޓާލާފައެވެ.
އޭ.އޯ ނިއުސްއަށް މަޢުލޫމާތު ދެއްވަމުން ގދ.އަތޮޅު ތަޢުލީމީ މަރުކަޒު ޕްރިންސިޕަލް ޝިފާޒު މުޙައްމަދު ވިދާޅުވީ ކޮވިޑްގެ ޕެންޑެމިކަށް ފަހު އިތުރު ހަރަކާތްތަކާއި ކުޅިވަރު ހަރަކާތްތައް ފެށިފައިވާއިރު ދަރިވަރުންގެ ތެރެއިން %90 ވަނީ ކޮވިޑް ވެކްސިން ޑޯޒްތައް ފުރިހަމަ ކުރައްވާފައިކަމެވެ. އަދި %100 މުދައްރިސުން ވަނީ ކޮވިޑް ވެކްސިން ޑޯޒްތައް ފުރިހަމަ ކުރައްވާފައިކަމެވެ.
ގދ. އަތޮޅު ތަޢުލީމީ މަރުކަޒުގެ އިންޓަރ ހައުސް މުބާރާތްތައް ކުޅެން ހަމަޖެހިފައި މިވަނީ 28 އޮކްޓޯބަރ 2021 ވަނަ ދުވަހު ކަމަށްވެއެވެ. ހަތަރު ހައުސް މެދުގައި ކުޅެން ހަމަ ޖެހިފައިވަނީ ސީނިއަރ ޓީމަކާއި ޖޫނިއަރ ޓީމަކަށް ޓީމްތައް ބަހާލައިގެންނެވެ. އަންހެން ދަރިވަރުންނަށް ޙާއްސަ ކޮށްގެން ހޭންޑް ބޯޅަ އާއި ފިރިހެން ކުދިންނަށް ޙާއްސަ ކޮށްގެން ފުޓުބޯޅައެވެ. އިތުރަށް ޝިފާޒު ވިދާޅުވި ގޮތުގައި މުބާރާތް ނިމުމަށްފަހު ވެސް ކުޅިވަރު ޕޫލެއް ގޮތަށް ދަރިވަރުންނަށް އިތުރު ހަރަކާތްތަކާއި އެކު ކުޅިވަރު ހަރަކާތްތައް ކުރިއަށް ގެންދެވޭނެކަމަށެވެ.
ކުޅިވަރު ހިންގާ ޖަމިޢްޔާ ޖަމާޢަތްތަކާއި މަޝްވަރާ ކުރެވި އެކުދިން އަމިއްލައަށް ބޭނުންވާ ކުޅިވަރެއްގައި ބައިވެރިވެ ރަޖިސްޓްރީވެ ކުރިއަށް ދިޔުމުގެ ފުރުސަތު ހޯދައިދޭނެ ކަމަށް ޝިފާޒު ވިދާޅުވިއެވެ. އިތުރު ހަރަކާތްތަކާއި އެކު ކުޅިވަރު ހަރަކާތްތައް ފެށުނު ކަމުގައިވީނަމަވެސް ބައެއް ބެލެނިވެރިން ފަރާތުން ކުދިން ކުޅިވަރު ހަރަކާތުގައި ބައިވެރި ކުރުމަށް ފަސްޖެހޭ ކަމަށް ޝިފާޒު ފާހަގަ ކުރިއެވެ. ސަބަބަކަށް ވަނީ ކުދިންގެ ކިޔެވުމުގެ ފެންވަރު ދައްވެ، ކުދިން ކިޔެވުމަށްދޭ އަހައްމިއްޔަތު ކުޑަވެގެން ގޮސްފާނެތީ ކަމަށްވެއެވެ.
އެހެންނަމަވެސް ޝިފާޒު ފާހަގަ ކޮށްފައިވާ ގޮތުގައި ކުދިން ކިޔެވުމާއި އެއްވަރަށް އިތުރު ޙަރަކާތްތަކަކީވެސް މުހިންމު ކަމެއް ކަމަށެވެ. ކުޅިވަރަކީ ކުދިންގެ ނަފްސާނީ ދުޅަހެޔޮ ކަމާއި ހަށިހެޔޮ ކަމަށް އޭގެން ގިނަގުނަ ފައިދާއެއް ކުރާނެ ކަމެއް ކަމަށެވެ. ސްކޫލްގައި ފާހަގަ ކޮށްލެވޭ އެވާރޑްތައް ދަރިވަރުންނަށް ދެވެނީ ދަރިވަރުގެ ކިޔެވުމަށް އެކަނި ބަލައިގެން ނޫންކަމަށާއި އިތުރު ހަރަކާތާއި ކުޅިވަރު ހަރަކާތްތަކުގެ ބައިވެރިވުމަށްވެސް ބަލާ ކަމުގައިވެއެވެ. އިތުރު ހަރަކާތްތަކާއި ކުޅިވަރު ހަރަކާތްތައް ކުޅިވަރު ޕޫލެއް ގޮތަށް ގެންދަން ނިންމި މައިގަނޑު އެއް ބޭނުމަކަށް ޝިފާޒު ފާހަގަ ކޮށްފައިވަނީ ދަރިވަރުން ސްކޫލުން ތަޢުލީމް ޙާޞިލްކޮށް ދިއުމަށްފަހު ވެސް އެކުދިން ހެލިފެލިވެ އުޅޭނެ ރަނގަޅު ކުޅިވަރެއް އެކުދިން ޚިޔާރުކޮށްފައިވާ އޮތުން ކަމުގައިވެއެވެ.
ގދ. އަތޮޅު ތަޢުލީމީ މަރުކަޒުގެ އިންޓަރ ހައުސް މުބާރާތުގެ ޕްރެކްޓިސްތައް ކުރިއަށް ގެންދެވޭ އިރު ޖަމިޢްޔާ ޖަމާޢަތްތަކާއި، ތިނަދޫ ސްޓޭޑިއަމް، ތިނަދޫ ކޮމިއުނިޓީ ސެންޓަރ އިތުރުން ތިނަދޫ ކެމްޕަސް އަދި އެހެނިހެން ފަރާތްތަކުން ދޭ އެއްބާރުލުން ގދ.އަތޮޅު ތަޢުލީމީ މަރުކަޒު ޕްރިންސިޕަލް ޝިފާޒު ފާހަގަ ކޮށްފައިވެއެވެ. އޭއޯ ނިއުސް އަށް މަޢުލޫމާތު ދެއްވަމުން ބައެއް ޓީޗަރުންނާއި ދަރިވަރުން ފާހަގަ ކޮށްފައިވާ ގޮތުގައި ވަރަށް ގިނަ ދުވަހަށްފަހު ކުޅިވަރު ކުޅެލަން ލިބުނު ފުރުސަތަކީ ވަރަށްވެސް އުފާވެރި ކަމެއް ކަމަށާއި އުންމީދަކީ ކުޅިވަރުތަކުގައި ގިނައިން ބައިވެރިވާނެ ފުރުޞަތު ލިބުން ކަމުގައިވެއެވެ.