އިންޑިއަން ފިލްމް އެންޑް ޓެލެވިޜަން ޑިރެކްޓާސް އެސޯސިއޭޝަން( އައި.އެފް.ޓީ.ޑީ.އޭ) އިން އިސްނަގައިގެން ބޮލީވުޑްގެ ދުވަސްވީ ފަންނާނުންނަށް ހާއްސަކޮށްގެން އުމުރުން ދުވަސްވީ މީހުން ދިރިއުޅޭނެ ތަނެއް އެޅުމަށްޓަކައި ބިމެއް ހޯދުމުގެ މަސައްކަތް ފަށައިފިއެވެ. ދުވަސްވީ ފިލްމީވތަރިންނާއި ފިލްމީ ދާއިރާގައި ހަރަކާތްތެރިވެފައިވާ މީހުން އުމުރުން ދުވަސްވުމުން މަގުމަތިވަމުންދާ މިންވަރު އިތުރުވުމާ ގުޅިގެން ފިލްމީ ދާއިރާގައި މިހާރު ހަރަކާތްތެރިވާ ފަރާތްތަކުން މަހެރަޝްތަރަގެ ޗީފް މިނިސްޓަރަށް ފޮނުވި ސިޓީގައި މިކަމަށް ސަރުކާރުން އެހީތެރިވެ ވީހާވެސް އަވަހަކަށް ބިމެއް ހޯދައި ދިނުމަށް އެދިފައިވާ އިރު އެތަން ހިންގުމަށް ފިލްމު އުފައްދާ ފަރާތްތަކުން އެހީތެރިވާނެ ކަމަށްވެސް އެ ސިޓީގައި ވަނީ ބަޔާންކޮށްފައެވެ. މި ހަރަކާތުގައި އިސްކޮށް ހަރަކާތްތެރިވާ އާޝޯކް ޕަންޑިތް ބުނެފައިވަނީ މިހާރު އެމީހުން އިންތިޒާރުކުރަމުންދަނީ ސީއެމް ގެ ޖާވަބަކަށް ކަމަށާއި ބިމެއް ހަމަޖެހުނުހާ އަވަހަށް މަސައްކަތް ފަށާނެކަމުގައެވެ. މީގެ އިތުރުން އޭނާ ބުނެފައިވަނީ އުމުރުން ދުވަސްވީ، މާލީ ތަނަވަސްކަން ނެތް ފަންނާނުންނަށް ހިލޭ ބޭސްފަރުވާ ކުރެވި ބޭސްފަރުވާ ކުރުމުގައި ހާއްސަ އަގުތަކެއް ކަޑައެޅުމަށްވެސް މަސައްކަތްކުރަމުންދާ ކަމުގައެވެ. އާޝޯކްގެ މި މަސައްކަތުގައި ރޯހިތް ޝެޓީ، އަނުޕަމް، ޑޭވިޑް ދަވަން، މުކޭޝްބަޓް ފަދަ އިންޑަސްޓްރީގައި ނަން ހިގާ މީހުން ބައިވެރިވަމުންދާއިރު އެމީހުން ބުނެފައިވަނީ މި ދާއިރާގައި އުޅުނު މީހުންނަށް އެމީހުން އަޅާ ނުލާ ދޫކޮށްލައިފި ނަމަ ދެން އަޅާލާނެ އެހެން ބައެއް ނެތް ކަމުގައެވެ. އައި.އެފް.ޓީ.ޑީ.އޭ އިން މި މަސައްކަތް ފަށާފައިވާ އިރު ކުރީގެ މަޝްހޫރު ތަރި ގީތާކަޕޫރް ހޮސްޕިޓަލަށް ދޫކޮށްލުމަށްފަހު އޭނާގެ ދަރިފުޅު ވަނީ ފިލާފައެވެ. 58 އަހަރުގެ ގީތާ ވަންނާނެ ތަނެއް ނެތި 41 ދުވަސް ހޮސްޕިޓަލްގައި ހޭދަކޮށްފައިވާއިރު މިހާރު އޭނާއަށް ވަނީ އަންދޭރީގެ އުމުރުން ދުވަސްވީ މީހުން ދިރިއުޅޭ ތަނަކުން ޖާގަ ލިބިފައެވެ.