English Edition
Dhivehi Edition

އެތައް ހާސް ރައްޔިތުންގެ ބޯހިޔާވަހިކަމަށް ކުރަން ޖެހޭ ޚަރަދު ހޭދަ ވެގެން މި ދަނީ ރައީސް ނަޝީދުގެ ގަނޑުވަރުކޮޅަށާއި ހޮޓަލަށާއި ސެކިއުރިޓީއަށްކަމަށް ވިދާޅުވީ ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް، ރައީސް ނަޝީދަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.

މި އަހަރުގެ މެއި މަހުގެ 6 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިޒަމް ހަމަލާއަށްފަހު. ފަރުވާއަށް ރާއްޖެއިން ބޭރުގައި އުޅުއްވުމަށްފަހު ރައީސް ނަޝީދު ރާއްޖެ ވަޑައިގަތީ މި މަހުގެ ތެރޭގައެވެ. ރައީސް ނަޝީދު ރާއްޖެ ވަޑައިގަތުމާއެކު އެމަނިކުފާނަށް ސޯޝަލް މީޑިއާގައިވެސް މަރުގެ އިންޒާރު ދީފައިވާއިރު، ރައީސް ނަޝީދުގެ ސެކިއުރިޓީގެ ކަންތައްތައްވަނީ ވަރަށް ބޮޑަށް ވަރުގަދަކޮށްފައެވެ.

ރައީސް ނަޝީދު ވަރުގަދަ ސެކިއުރިޓީ ދައްކުވައިދޭ ފޮޓޯތަކާއެކު ޖަމީލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެތައް ހާސް ރައްޔިތުންގެ ބޯހިޔާވަހިކަމަށް ކުރަން ޖެހޭ ޚަރަދު ހޭދަ ވެގެން މި ދަނީ ރައީސް ނަޝީދުގެ ގަނޑުވަރުކޮޅަށާއި ހޮޓަލަށާއި ސެކިއުރިޓީއަށްކަމަށެވެ. “ރައްޔިތުންނަށް ބަލަދުއެރީތޯ؟ މަނިކުފާނަކީ މިއަދު ރައްޔިތުންނަށް ބޮޑު ބުރައަކަށްވެއްޖެ. ރިޓަޔަރ ކުރެއްވުމަށްފަހު ތިނޫން ގޮތެއް ހޯއްދަވާ.” ޖަމީލު ކުރެއްވި ޓުވިޓްގައި ވިދާޅުވިއެވެ.

އިދިކޮޅު ޕީޕީއެމްއާއި ޕީއެންސީގެ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އިސް ވަކީލެއްގެ ގޮތުގައި މިހާރު މަސައްކަތްކުރައްވާ ޑރ.ޖަމީލު އަކީ މި ސަރުކާރު ގެނެއުމަށްވެސް މަސައްކަތްކުރެއްވި ބޭފުޅެކެވެ.