English Edition
Dhivehi Edition
މުޙައްމަދު އާރިފް ބަކާ

ގައުމީ ފުޓްބޯޅަ ޓީމުގެ ކުރީގެ މިޑްފީލްޑަރު، މުހައްމަދު އާރިފް (ބަކާ) ގެ ޙާލު ދެރަވެ އޭޑީކޭގެ އައިސީޔޫގައި ފަރުވާ ދޭން ފަށައިފިއެވެ.

ސައުދީ ރަސްގެފާނު ދެއްވި ދައުވަތުގައި މިފަހަރު ހައްޖަށް ދިޔަ،ޢުމުރުން 38 އަހަރުގެ ބަކާ ، ޙައްޖުގެ އަޅުކަމަށްފަހު އެނބުރި ރާއްޖެ އައީ މީގެ ދެދުވަސް ކުރިންނެވެ. ބަކާ ހޮސްޕިޓަލުގައި އެޑްމިޓް ކުރީ ހުންގަދަވެ ނޭވާލާން އުނދަގޫ ވުމުން ކަމަށް ޢާއިލާއިން މަޢުލޫމާތު ދެއެވެ.

ރާއްޖޭގައި އުފެދުނު އެންމެ މޮޅު މިޑްފީލްޑަރުގެ ގޮތުގައި ގިނަބަޔަކު ގަބޫލުކުރާ ބަކާ އަށް، ވެންޓިލޭޓަރުގައި ފަރުވާ ދެމުން އަންނައިރު، އޭނާގެ ޙާލު މަޑުމަޑުން ރަނގަޅު ވަމުން އަންނަ ކަމަށް މަޢުލޫމާތު ލިބެއެވެ. ބަކާ އެޑްމިޓް ކުރުމާ ގުޅިގެން ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ދަނީ އޭނާއަށް ހެޔޮ ދުޢާކުރަމުންނެވެ.

އަނިޔާގެ ސަބަބުން، ބަކާ، މިދިޔަ ސީޒަނުގެ ފުރަތަމަ ޑިވިޝަނުގައި ކުޅެފައެއް ނުވެ އެވެ. އެހެންނަމަވެސް ދާދި ފަހުން، ކުރީގެ ކުޅުންތެރިންނަށް ހާއްސަކޮށް މާލޭގައި ކުރިއަށް ގެންދިޔަ، ސެވަން އަ ސައިޑް، މުބާރާތުގައި ބަކާ ވަނީ ކުޅެފައެވެ.

އައިއެފްސީން ފުޓްބޯޅައިގެ ކެރިއަރު ފެށި ބަކާ ވަނީ ރާއްޖޭގެ ފުރަތަމަ ޑިވިޝަނުގެ ގިނަ ކްލަބްތަކަކަށް ކުޅެފަ އެވެ. އޭގެ ތެރޭގައި ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބް، ވިކްޓަރީ ސްޕޯޓްސް ކްލަބް، ކްލަބް ވެލެންސިއާ، ވީބީ އައްޑޫ އެފްސީ، ކްލަބް އީގަލްސް، ކްލަބް ގްރީން ސްޓްރީޓްސް އަދި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ހިމެނެ އެވެ.

ބޭރުގެ ލީގެއްގައި ކުޅުނު ރާއްޖޭގެ މަދު ކުޅުންތެރިންގެ ތެރޭގައި ބަކާ ހިމެނެއެވެ. އޭނާ ވަނީ މިޔަންމާ ލީގުގެ ޓީމަކަށްވެސް މީގެކުރިން ކުޅެފައެވެ.

ގައުމީ ޓީމުން 2018 ވަނަ އަހަރު ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރި ޓީމުގައި ބަކާ ހިމެނުނެވެ.