English Edition
Dhivehi Edition

ބަނޑަށް ތަދުވެ ހޮޑުލާތީ، ފުވައްމުލަކު ހޮސްޕިޓަލުގެ ޑޮކްޓަރަށް ދައްކަން މިމަހުގެ 3 ވަނަ ދުވަހު އެ ހޮސްޕިޓަލަށް ގެންދިޔަ ސަދާ ސައުދުﷲ މަރުވީ ހޮސްޕިޓަލުގެ އިހުމާލުން ހިނގި ކަމެއް ކަމަށް ބުނެ، އެ މައްސަލައަށް އިންސާފު ހޯދައިދިނުމަށް އެދި ބާއްވާ އަޑުއުފުލުމެއް މިއަދު ފުވައްމުލަކުގައި ބޭއްވުމަށް ހަމަޖައްސައިފިއެވެ.

ސަދާގެ ބައްޕަ ސައުދުﷲ “އޭއޯ ނިއުސް” އަށް މައުލޫމާތު ދެމުން ބުނީ ސަދާގެ މަރުގެ މައްސަލައާއި ގުޅިގެން ބާއްވާ އަޑުއުފުލުން މިއަދު ހަވީރު 4:00 ގައި ފުވައްމުލަކު ބަނދަރު ސަރަހައްދުގައި ބޭއްވުމަށް ތައްޔާރުވަމުން އަންނަކަމަށެވެ. އަދި މި ކަމުގައި ވަކި ސިޔާސީ ފިކުރަކަށް ބެލުމެއް ނެތި ފުވައްމުލަކުގެ ވީހާވެސް ގިނަ ރައްޔިތުން ބައިވެރިވެ ދިނުން އެދޭ ކަމަށް ސައުދު ބުންޏެވެ.

“ހޮސްޕިޓަލްގެ އިހުމާލުން މި ފަދަ ގިނަ ހާދިސާތައް މިވަނީ ހިނގާފައި. މިއީ ފުވައްމުލަކުގެ ރައްޔިތުން ކަންބޮނޑުވާން ޖެހޭ ކަމެއް. މިކަހަލަ ކިތައްމެ މަރުގެ ހާދިސާއެއް މިވަނީ ހިނގާފައި. މިކަމަށް ހައްލެއް ހޯދަން ޖެހޭ. ނޫނީ އަދިވެސް މިކަން ދާނީ ތަކުރާރުވަަމުން” ސައުދު ބުންޏެވެ.

އުމުރުން ހަ އަހަރުގެ ސަދާ ބަނޑަށް ތަދުވެ، ހޮޑުލާތީ ފުވައްމުލަކު ހޮސްޕިޓަލަށް ގެންދިޔައީ އޮކްޓޯބަރު މަހުގެ 3 ވަނަ ދުވަހުގެ ހެނދުނުގައެވެ. ސަދާގެ ގަޔަށް އިންޖެކްޝަން ޖެހީ 5:15 ހާއިރު ކަމަށްވެ އެވެ.

ސައުދު ބުނީ ސަދާ އެއްވެސް ބޭހަކަށް އެލާޖިކްތޯ ވެސް އެހީ ސިރިންޖް ކެނިއުލާއަށް ގުޅައި އިންޖެކްޝަން ޖެހި ފަހުން ކަމަށެވެ. އަދި ސަދާއަކީ ޖީސިކްސް ޕީޑީ ޑިފިޝިއަންސީ ކުއްޖެއް ކަމަށާއި އެހެންވުމުން ވަރަށް ގިނަ ބޭސްތަކަށް އެލާޖިކްވާނެ ކަން ޑޮކްޓަރަށް އެނގެންވާނެ ކަމަށް ވެސް ސައުދު ބުންޏެވެ.

ސައުދު ބުނީ އޭނާގެ ދަރިފުޅު ގަޔަށް އިންޖެކްޝަން ޖެހުމާއެކު މާގިނައިރުތަކެއް ހުއްޓުނު ކަމަށެވެ. އަދި އެއާއެކު އެ ކުއްޖާއަށް ފަރުވާދެމުން ދަނިކޮށް މަރުވީ ކަމަށެވެ.

ސަދާ މަރުވުމާ ގުޅިގެން އޭނާއަށް ފަރުވާދިނުމުގައި އަމަލުކުރި އުސޫލާއި އެކަމާ ގުޅޭ ހުރިހާ ލިޔެކިއުންތައް ހިއްސާކުރަން ހެލްތު މިނިސްޓްރީން ފުވައްމުލަކު ހޮސްޕިޓަލަށް ވަނީ އަންގާފައެވެ. އަދި އެ މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށް ވެސް ހެލްތު މިނިސްޓްރީން ބުނެއެވެ.

ސަދާ މަރުވި މައްސަލައާ ގުޅިގެން ފުވައްމުލަކުގެ ގިނަ އަދަަދެއްގެ ފުވައްމުލަކު ހޮސްޕިޓަލް ދޮށަށް ޖަމާވެ އަޑު އުފުލާފައިވާއިރު ސަދާގެ އާއިލާއިން ވަނީ ފުވައްމުލަކު ސިޓީ ކައުންސިލާވެސް ބައްދަލުކޮށް ސަދާގެ މަރުގެ މައްސަލައަށް އިންސާފު ހޯދައިދިނުމަށް އެދިފައެވެ.