ކޮވިޑް-19 ޖެހިފައި ވޭތޯ ބެލުމަށް ހަދާ ޕީ.ސީ.އާރު ޓެސްޓު ނަހަދާ ދަތުރު ކުރެވޭނެ ރަށްތަކުގެ ލިސްޓަށް ހުވަދު އަތޮޅު ދެކުނުބުރީގެ ރަށެއް އިތުރުކޮށްފިއެވެ.
ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އެ ލިސްޓަށް އަލަށް އިތުރު ކޮށްފައިވާ ރަށަކީ ގދ. ފިޔޯރި އެވެ. މިއާއި އެކު މިހާރު ޓެސްޓް ހެދުމަކާ ނުލާ ހުވަދު އަތޮޅު ދެކުނުބުރީގެ 02 ރަށަކަށް ދަތުރުކުރެވޭނެއެވެ. ހުވަދު އަތޮޅުން ޕީ.ސީ.އާރު ޓެސްޓަކާއި ނުލާ ދެން ދަތުރުކުރެވޭނެ އަނެއް ރަށަކީ ގދ. ރަތަފަންދޫއެވެ.
ގދ. ފިޔޯރީގެ 12 އަހަރާއި 65 އަހަރާއި ދެމެދުގެ އާބާދީގެ 95 އިންސައްތަ މީހުން ވަނީ ވެކްސިންގެ ޑޯޒްތައް ފުރިހަމަކޮށްފައެވެ. އަދި 65 އަހަރުން މަތީގެ އާބާދީގެ 98 އިންސައްތަ މީހުން ވަނީ ވެކްސިނޭޝަން ފުރިހަމަކޮށްފައެވެ.
ސެޕްޓެންބަރު އެއްވަނަ ދުވަހު އެޗް.ޕީ.އޭ އިން ވިދާޅުވި ގޮތުގައި ރަށުގައި ދިރިއުޅޭ ވެކްސިން ޖެހުމަށް ޝަރުޠު ހަމަވާ 12 އަހަރުން މަތީގެ އާބާދީގެ 90 އިންސައްތައަށް ވެކްސިން ފުރިހަމަވާން ޖެހެއެވެ. އަދި ރަށުގައި ދިރިއުޅޭ 65 އަހަރުން މަތީގެ މީހުންގެ 90 އިންސައްތައަށް ވެކްސިން ފުރިހަމަވުމުގެ އިތުރަށް ގެސްޓް ހައުސް ހުންނަ ރަށްރަށުގައި ގެސްޓް ހައުސްތަކުގައި މަސައްކަތްކުރާ މީހުންނާއި ޓުއަރިސްޓް ޚިދުމަތުގައި މަސައްކަތްކުރާ މީހުންގެ 95 އިންސައްތައަށް ވެކްސިން ފުރިހަމަވާން ޖެހެއެވެ.
ކަރަންޓީންވުމާއި ޕީ.ސީ.އާރު ހެދުމުގައި އަމަލުކުރެވޭނެ ގޮތާއި ގުޅޭގޮތުން އެޗް.ޕީ.އޭ އިން ވިދާޅުވީ ވެކްސިންގެ ޑޯޒްތައް ފުރިހަމަވެ 14 ދުވަސް ހަމަވެފައިވާ ފަރާތެއް، ދަތުރުކުރާ ރަށުގައި ވެކްސިން ކަވަރޭޖް ހަމަވެފައިވާ ނަމަ، ދަތުރު ފަށާ ރަށުގައި ހަފްތާއަކު ޓެސްޓުކުރެވޭ ސާމްޕަލްގެ ނިސްބަތުން ޕޮޒިޓިވިޓީ 05 އިންސައްތަ އަށްވުރެ ދަށްނަމަ ކަރަންޓީނުވާން ނުޖެހޭނެ ކަމަށާއި، އަދި ޕީ.ސީ.އާރު ޓެސްޓު ނުހަދާ ވެސް ދަތުރުކުރެވޭނެ ކަމަށެވެ.
މީގެ އިތުރުން ދަތުރު ފަށާ ރަށުގައި ހަފްތާއަކު ޓެސްޓުކުރެވޭ ސާމްޕަލްގެ ނިސްބަތުން ޕޮޒިޓިވިޓީ 05 އިންސައްތަ އަށްވުރެ މަތި ނަމަ ދަތުރުކުރެވޭނީ ފުރުމުގެ 72 ގަޑިއިރު ނުވާ ޕީ.ސީ.އާރު ނެގެޓިވް ނަތީޖާއާއި އެކު ކަމަށްވެސް އެޗް.ޕީ.އޭ އިން ވަނީ ވިދާޅުވެފައެވެ.
އަދި ވެކްސިންގެ ޑޯޒްތައް ފުރިހަމަނުވާ މީހެއް ނަމަ، ދަތުރުކުރާ ރަށުގައި ވެކްސިން ކަވަރޭޖް ސަރުކާރުން ކަނޑައަޅާފައިވާ މިންވަރަށް ހަމަވެފައިވީ ނަމަވެސް 14 ދުވަހުގެ ފުރަބަންދު ކަރަންޓީނު ފުރިހަމަކުރުމާއި ކަރަންޓީނުން ދޫކުރުމަށް ހަދާ ޕީ.ސީ.އާރު ޓެސްޓު ހަދަންޖެހޭނެއެވެ.
ހަމައެހެންމެ ވެކްސިންގެ ޑޯޒްތައް ފުރިހަމަނުވާ މީހެއްނަމަ ދަތުރުކުރާ ރަށުގައި ސަރުކާރުން ކަނޑައަޅާފައިވާ މިންވަރަށް ވެކްސިން ކަވަރޭޖް ހަމަނުވާ ނަމަ، ފުރުމުގެ 72 ގަޑިއިރު ނުވާ ޕީ.ސީ.އާރު ނެގެޓިވް ނަތީޖާ އޮތުމާއި، 14 ދުވަހުގެ ފުރަބަންދު ކަރަންޓީނު ފުރިހަމަކުރަން ޖެހޭއިރު، ކަރަންޓީނުން ދޫކުރުމަށް ހަދާ ޕީ.ސީ.އާރު ޓެސްޓު ހަދަންޖެހޭނެކަމަށް އެޗް.ޕީ.އޭ އިން ވަނީ ވިދާޅުވެފައެވެ.