English Edition
Dhivehi Edition

ގދ. ފިޔޯރި ކައުންސިލުން މުދައްރިސުންގެ ދުވަހާއި ގުޅުވައިގެން 40،000 ދިވެހި ރުފިޔާ ފިޔޯރީ ސްކޫލަށް ހަދިޔާކޮށްފިއެވެ.

ބައިނަލަގްވާމީ މުދައްރިސުންގެ ދުވަސް ފާހަގަކުރުމަށް 05 އޮކްޓޯބަރުގެ ރޭގަނޑު އެ ރަށު ކައުންސިލް އިދާރާގައި ބޭއްވި ހަފްލާގައި ގދ. ފިޔޯރީ ރަށު ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ ފަރާތުން ފިޔޯރީ ސްކޫލަށް ހަދިޔާކުރުމަށް ހަމަޖެހިފައިވާ ރަމްޒީ ޗެކް ވަނީ ސްކޫލާއި ހަވާލުކޮށްފައެވެ. ފިޔޯރީ ސްކޫލުގެ ފަރާތުން ޗެކާއި ހަވާލުވީ ސްކޫލުގެ ޕްރިންސިޕަލެވެ.

އެ ރަށުގައި މުދައްރިސުންގެ ދުވަސް ކުލަގަދަކޮށް ފާހަގަކޮށްފައި މިވަނީ ރަށު އޮފީސް ހިންގި ދައުރުން ފެށިގެން ވެސް ފުރަތަމަ ފަހަރަށެވެ. މި ހަފްލާގައި މުދައްރިސުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ފިޔޯރީ ސްކޫލުގެ ހުރިހާ މުވައްޒަފުންނަށް ހަދިޔާ ދިނުމުގެ އިތުރުން ކުރިން އެ ރަށުގެ ތައުލީމީ ދާއިރާއަށް ގިނަ ދުވަސްތަކަކަށް ހިދުމަތްކޮށް ދެއްވާފައިވާ މުދައްރިސުން ލައްވާ ކޭކް ފެޅުމުގެ ހަރަކާތެއް ވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ.

އެ ރަށުގެ ރަށު ކައުންސިލުން އިސްނަގައިގެން ބޭއްވި މި ހަފްލާގައި ކުރިއަށް އޮތް ތަނުގައި އެ ރަށުގެ ތައުލީމް ކުރިއެރުވުމަށް ކައުންސިލުން އިތުރު އެހީތެރިކަން ދެއްވާނެކަމުގެ ޔަގީންކަން ފިޔޯރީ ރަށު ކައުންސިލްގެ މެންބަރު ފަސީލާ ރަޝީދު ވަނީ ދެއްވާފައެވެ. އަދި 2022 ވަނަ އަހަރުގެ ކައުންސިލްގެ އަހަރީ ކަލަންޑަރުގައި ސްކޫލާއި ގުޅިގެން އެކިއެކި ހަރަކާތްތައް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ކަމަށްވެސް ކައުންސިލުން ވަނީ ފާހަގަކޮށްފައެވެ.

1500 އެއްހާ މީހުންގެ އާބާދީއެއް އޮންނަ ފިޔޯރީގައި ހުންނަ ހަމައެކަނި ސްކޫލް، ފިޔޯރީ ސްކޫލް އަކީ ހިންގަމުން އަންނަތާ 41 އަހަރު ވެފައިވާ ސްކޫލެކެވެ.