English Edition
Dhivehi Edition
މާމަކާފަ ޕާކުގެ ޢަމަލީ މަސައްކަތް ފެށުމުގެ ރަސްމިއްޔާތުގެ ތެރެއިން: ފޮޓޯ އަލީ ނާސިރު/ ސްކީމް

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ކުރިއަށްގެންދާ “އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑު”ގެ ދަށުން އައްޑޫސިޓީގެ ފޭދޫއަވަށުގައި އުމުރުން ދުވަސްވީ މީހުންނަށް ޚާއްސަކޮށްގެން ހަދާ “މާމަ ކާފަ ޕާކު”ގެ ޢަމަލީ މަސައްކަތް ރަސްމީކޮށް ފަށައިފިއެވެ.

ޕާކުގެ އަމަލީ މަސައްކަތް ފެށުމުގެ ގޮތުން ޑެޕިޔުޓީ މޭޔަރ ޕާކުގައި ގަހެއް އިންދައި ދެއްވަނީ: ފޮޓޯ /އަލީ ނާސިރު(ސްކީމް)

ޕާކުގެ ޢަމަލީ މަސައްކަތް ފެށުމުގެ ގޮތުން އިއްޔެ އެ ތަނުގައި ވަނީ ގަސް އިންދުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފައެވެ. މި ރަސްމިއްޔާތުގައި އައްޑޫސިޓީގެ ޑެޕިޔުޓީ މޭޔަރާއި ކައުންސިލް މެމްބަރުންނާއި ބީއެމްއެލްގެ ފޭދޫ ބްރާންޗް މެނޭޖަރ ގެ އިތުރުން ޑަބްލިޔުޑީސީ އާއި އައްޑޫވިމެންސް އެސޯސިއޭޝަނުން ވަނީ ބައިވެރިވެފައެވެ.

ފޭދޫގެ ދޮށީ ޢުމުރުގެ މީހަކު ޕާކުގައި ގަހެއް އިންދަނީ/ ފޮޓޯ ޢަލީނާސިރު(ސްކީމް)

ޕާކުގައި އެންމެ ފުރަތަމަ އިންދި ބިޔަ 5 ގަސް އިންދުމުގައި ފޭދޫގެ ދޮށީ އުމުރުގެ އަންހެނަކާއި ފިރިހެނަކަށް ވަނީ ފުރުސަތު ދީފައެވެ.

3500 އަކަފޫޓުގެ ބިމެއްގައި ތައްޔާރު ކުރާ މި ޕާކަކީ ބީއެމްއެލް ކޮމިޔުނިޓީ ފަންޑުގެ ދަށުން ސަދަން ކޮމިޔުނިޓީ އެމްޕަވަރމެންޓް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ސްކީމް) ގެ ރައީސާ ޝިމްލާ އަޙްމަދުގެ ނަމުގައި ލިބިފައިވާ ފަންޑަކުން ހަދާ ޕާކެކެވެ. މި ފަންޑުގެ ދަށުން ސްކީމާއި ގުޅިގެން ފޭދޫގައި ޕާކު ހެދުމަށް ނިންމައި މި ފަންޑު ލިބިފައިވަނީ 2020 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި ހުޅުވާލީ ބީއެމްއެލް ކޮމިޔުނިޓީ ފަންޑުގެ ދަށުންނެވެ. އެހެން ނަމަވެސް އޭރު ކަނޑައެޅި ތަނުން ބިން ހަމަޖައްސައި ދެވެން ނެތް ކަމަށް ކުރީގެ ކައުންސިލުން ބުނުމާ ގުޅިގެން ޕާކު ހެދުމުގެ މަސައްކަތް ވަނީ ކުރިއަށް ނުގެންދެވި މަޑުޖައްސާލާފައެވެ.

ޕާކުގެ ޢަމަލީ މަސައްކަތް ފެށުމުގެ ރަސްމިއްޔާތުގައި ސްކީމްގެ ރައީސާ ޝިމްލާ ވާހަކަ ދައްކަނީ: ފޮޓޯ ޢަލީ ނާސިރު (ސްކީމް)

އަމިއްލަ ފަރުދުންނާއި ހިލޭސާބަހަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ދެމެހެއްޓެނިވި ގޮތެއްގައި ރަށްރަށުގައި ހިންގުމަށް ބޭނުންވާ ޕްރޮޖެކްޓްތަކަށް އެހީވުމުގެ ގޮތުން ބީއެމްއެލްއިން ތައާރަފްކުރި “އަހަރެންގެ ބޭންކް ކޮމިނިއުޓީ ފަންޑު”ގެ އެހީތެރިކަމާއެކު ސްކީމުން މި ޕާކު ހަދައި ނިންމައި ރަސްމީކޮށް ތަން ހުޅުވުމަށް މިހާރު ނިންމާފައިވަނީ އަންނަ އަހަރުގެ ޖެނުއަރީ މަހުގެ 1 ވަނަ ދުވަހުގައެވެ.

މި ޕާކުގެ މަސައްކަތް ފެށުމާއެކު ޕާކު ފެހިކުރުމާއި ޒީނަތްތެރިކުރުމަށްޓަކައި ގަސް އިންދުން ފަދަ ކަންކަމުގައި އިސްރައްވެހިން ބައިވެރި ކުރުމާއި އެ މީހުންގެ މާމަ އަދި ކާފަ ކުދިން ގޮވައިގެން ހަވީރު ފިންޏަށް އައިސް ޕާކުގައި ތިބެ އެކިކަހަލަ ކުޅިވަރު ކުޅެވޭ ކަހަލަގޮތަކަށް ތަން ފަރުމާ ކުރުމަށް ވަނީ ނިންމާފައެވެ.

ސްކީމުން އިސްނަގައިގެން ފޭދޫގައި މިފަދަ ޕާކެއް ތައްޔާރުކުރުމުގެ މަސައްކަތް ފަށާއިރު މި މަސައްކަތުގައި ގިނަ ބައެއްގެ އެހީތެރިކަން ލިބިގެންދާނެ ކަމަށާއި އަދި އެފަދަ ފަރާތްތަކަށް މަރުހަބާ ކިޔާކަމަށް ސްކީމުން ބުނެއެވެ.