ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ އެހީގައި ރާއްޖޭގެެ އެކި ސަރަހައްދުތަކުގައި ދިރިއުޅޭ ހިނގާބިނގާވެ އުޅުމުގައި ނުކުޅެދުންތެރިކަން ހުންނަ އިތުރު 30 މީހަކަށް ފުރޮޅުލީ ގޮނޑި ނުވަތަ ވީލްޗެއާ ހަދިޔާ ކުރަން ނިންމައިފި އެވެ.
މިކަމާގުޅޭގޮތުން ވާހަކަ ދައްކަވަމުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ކާލް ސްޓުމްކަ ވިދާޅުވީ ހިނގާބިނގާވެ ނުއުޅެވޭ މީހުންނަށް މިފަދަ އެހީއެއް ފޯރުކޮށްދީގެން އެ މީހުންގެ އާއިލާތަކުުގެ ދިރިއުޅުމަށް ހެޔޮ ބަދަލެއް ގެނައުމުގައި އެހީވުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.
“ވީލްޗެއާ ހަދިޔާކުރުމުގެ ޕްރޮގްރާމަކީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅު ކުރުމަށް މުހިންމު ދައުރެއް އަދާކޮށްދޭ އަދި އަޅުގަނޑުމެން ހިދުމަތްކުރާ މި މުޖުތަމައުގެ ލާބަޔާއި މަންފާއަށް އަޅުގަނޑުމެން ކުރާ މުހިންމު އިންވެސްޓްމަންޓެއް. ރާއްޖޭގެ އެކިކަންކޮޅުތަކަށް ވީލްޗެއާ ހަދިޔާ ކުރުމަށް އަޅުގަނޑުމެންގެ މުވައްޒަފުން ކުރަމުންދާ ބުރަ މަސައްކަތްތައް ފާހަގަކޮށް ޝުކުރު އަދާކުރަން،” އެމްޑީ ވިދާޅުވި އެވެ.
އަމިއްލައަށް ވީލްޗެއާ އޮޕަރޭޓް ކުރެވޭ މީހުންނަށް މޮޓޮރައިޒް ވީލްޗެއާ ހަދިޔާކުރުމުގެ އިތުރުން، އެއް ތަނުން އަނެއް ތަނަށް ދިއުމަށް އެހެން މީހުންނަށް ބަރޯސާވާން ޖެހޭ ކުޑަކުދިންނާއި ބޮޑެތި މީހުންނަށް ހާއްސަކޮށް މި އަހަރު ބޭންކުން ވަނީ މެނުއަލް ވީލްޗެއާ ވެސް ހަދިޔާކޮށްފަ އެވެ.
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އެހީތެރިވުމަށް ބޭންކުން އަންނަނީ ތަފާތު އިތުރު ޕްރޮގްރާމްތައްވެސް ހިންގަމުންނެވެ. އެގޮތުން: ކ. ގުރައިދޫގައި ހުންނަ، ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒު އިތުރަށް ތަރައްގީކޮށް އެ މަރުކަޒަށް ބޭނުންވާ މުހިންމު ބަދަލުތައް ގެނައުމަށް ހިންގަމުން އަންނަ ޕްރޮޖެކްޓަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުން ފާހަގަކޮށްލެވެއެވެ.