English Edition
Dhivehi Edition

ސްކޫލް ދަރިވަރަކަށް ޓީޗަރަކު ޖިންސީ ގޯނާ ކުރި ކަމަށް ބުނާ މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.

މި މައްސަލަ ފެންމަތިވެފައިވަނީ ގއ. ކޮލަމާފުށީގައެވެ. މައުލޫމާތު ލިބިފައިވާ ގޮތުން ޖިންސީ ގޯނާގެ ތުހުމަތު ކުރެވިފައިވަނީ އެ ރަށު ސްކޫލްގައި ކިޔަވައިދެމުން އަންނަ އިންޑިއާގެ ޓީޗަރަކަށެވެ. އަދި ޖިންސީ ގޯނާ ގެ ޝިކާރައަކަށް ވީ ގްރޭޑް 10 ގައި ކިޔަވާ ދަރިވަރަކަށެވެ.

އެރަށުން ވާހަކަދެއްކި މީހަކު އޭއޯ ނިއުސްއަށް މަޢުލޫމާތު ދިން ގޮތުގައި މި މައްސަލަ ފެންމަތިވީ ޓިޔުޝަން ނެގުމުގެ ތެރޭގައި އެ ދަރިވަރުގެ ހަށިގަނޑުގައި ޓީޗަރަކު އަތްލިކަމަށް ބުނާ މައްސަލައެއް ކަމާއިބެހޭ ފަރާތްތަކަށް ހުށަހެޅުމުން ކަމަށެވެ.

މިމައްސަލައާ ގުޅިގެން ފުލުހުން ބުނެފައިވަނީ އަޕަ ސައުތު ޑިވިޝަން (ގއ. ގދ) އަތޮޅު ދެކުނުގައި ހިމެނޭ ރަށެއްގައި 17 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް މިދިޔަ އޮގަސްޓް މަހުގެ 23 ވަނަ ދުވަހު އެއިދާރާއަށް ހުށަހަޅާފައިވާ ކަމަށެވެ. އަދި މި މައްސަލަ ފުލުހުން މިހާރު ތަހްގީގުކުރަމުންދާ ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.