އިގްތިސާދީ އެކިއެކި މަސައްކަތްކުރުމަށް ގއ.ކޮލަމާފުށި ކައިރީގައި އޮންނަ ފަޅު ރަށެއްކަމަށްވާ ” މާގިހުއްޓާ” ކުއްޔަށް ދޫކުރުމަށް ނިންމައިފިއެވެ.
ކޮލަމާފުށި ކައުންސިލުން ވަނީ ، ކޮލަމާފުށީ ކައުންސިލްގެ އިޙުތިސާސްތަކުގެ ތެރޭގައި ހިމެނޭ 3.13 ހެކްޓަރުގެ މާގިހުއްޓާ ނަމަކަށްކިޔާ ފަޅުރަށް ކުއްޔަށް ހިފުމަށް އެދި ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައެވެ. މިއީ ، ފަޅުރަށްތައް ކުއްޔަށް ދިނުމާއި، ވަރުވާއަށް ދޫކުރުމާ ގުޅޭ 01/2022 ގަވާއިދުގެ 4 ވަނަ މާއްދާގެ (ހ) އަދި (ށ) ގެ ދަށުން ޓޫރިސްޓް ރިސޯޓް ހެދުން ފިޔަވައި އިގްތިސާދީ އެކިއެކި މަސައްކަތްކުރުމަށް، ހުޅުވާލި ފުރުޞަތެކެވެ.
އެކައުންސިލްގެ އިޢުލާންގައިވާގޮތުން 2023 އޭޕްރީލް 13 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 10:30 ގައި މައުލޫމާތު ދިނުން އޮންނާނެއެވެ. މިކަމަށް އެދި އަންދާސީ ހިސާބު ހުށަހެޅުން އޮތީ 2023 އޭޕްރީލް 18 ވާ އަންގާރަ ދުވަހުގެ 11:00ގައެވެ. މައުލޫމާތު ދިނުމާއި އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ ކޮލަމާފުށީ ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ.
ރަށެއް ނުވަތަ ސިޓީއެއްގެ އިޙްތިޞާސްގެ ތެރޭގައި ހިމެނޭ ފަޅުރަށްތައް ކުއްޔަށް ދިނުމާއި ވަރުވާއަށް ލިޔެދިނުމުގެ ބާރު ކައުންސިލްތަކަށް ލިބިދޭ ބިލު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ތަސްދީގު ކުރެއްވީ 2022 ޑިސެންބަރ 18 ވަނަ ދުވަހުއެވެ.
އެބިލްގައިވާ ގޮތުން ފަޅުރަށްތައް ކުއްޔަށް ދޫކުރެވޭނީ، ދިވެހި ރައްޔިތަކަށް ނުވަތަ ދިވެހިރާއްޖޭގައި ރަޖިސްޓްރީ ކޮށްފައިވާ ކުންފުންޏަކަށް ނުވަތަ ޕާޓްނަރޝިޕަކަށް ނުވަތަ ޖަމްއިއްޔާއަކަށް ނުވަތަ ކޯޕަރޭޓިވް ސޮސައިޓީއަކަށް ނުވަތަ ޤާނޫނު ނަންބަރު 2010/7 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނު) ގެ ދަށުން ގާއިމުކުރެވޭ ސިޓީ ކައުންސިލަކަށް، ނުވަތަ އަތޮޅު ކައުންސިލަކަށް، ނުވަތަ ރަށު ކައުންސިލަކަށެވެ.