English Edition
Dhivehi Edition

ފުވައްމުލައް ސިޓީގެ ޑެޓޮކްސިފިކޭޝަން ސެންޓަރުން ދެމުން އައި ފަރުވާ ހުއްޓާލާފައިވަނީ ހުވަނީގެ މައްސަލަ ބޮޑުވެ އިމާރާތުގެ އެތެރޭގައި ހުވަނި ގިނަވުމުގެ ސަބަބުން ކަމަށް އެ ތަނާ ހަވާލުވެ ހުންނެވި އަލީ ސައީދު ވިދާޅުވެއްޖެއެވެ.

ފުވައްމުލައް ސިޓީގެ ޑެޓޮކްސިފިކޭޝަން ސެންޓަރުން އެއްވެސް ހިދުމަތެއް ނުލިބޭތާ، ހަތަރު މަސްވެފައިވާއިރު އެ ރަށުގެ ރައްޔިތުން އަންނަނީ އެކަމުގެ ޝަކުވާތައްކުރަމުންނެވެ. ފުވައްމުލައް ސިޓީގެ ރައްޔިތުން އިހްތިޖާޖަށް ނިކުމެގެން ވިޔަސް މިތަނުގެ ހިދުމަތް ފެށޭނެ ގޮތެއް ހޯދުމަށް އެ ރަށުގެ ގިނަ ބަޔަކު ގޮވާލާފައިވާއިރު މިއީ މުޅި ދެކުނު ރައްޔިތުންގެ ކަންބޮޑުވުމަކަށް ވަނީ ވެފައެވެ.

މިކަމާއި ގުޅިގެން ‘އޭއޯ ނިއުސް’ އަށް މައުލޫމަތު ދެމުން އަލީ ސައީދު ވިދާޅުވީ އެ ތަނުގައި ހުރި ދެ ގަހެއްގައި ހުވަނި ގިނަވެ މުޅި އިމާރާތުގެ އެތެރެއަށް ހުވަނި ވަދެފައިވާކަމަށެވެ. އަދި އެ ތަނަށް ފަރުވާއަށް ގެންނަ މީހުން އެންމެ މަދުވެގެންވެސް 14 ދުވަސް އެތަނުގެ އެތެރޭގައި، ފަރުވާ ހޯދުމަށް މަޑުކުރަން ޖެހޭއިރު ފުރަތަމަ ސްޓޭޖް އަދި ދެވަނަ ސްޓޭޖްގައި ވެސް ފަރުވާ ހޯދަން އަންނަ މީހުން އެޑްމިޓްކުރުމަށް ބޭނުންކުރާ ތަނުގައި ހުވަނި ގިނަވެ ބޭނުން ނުކުރެވޭ ވަރު ވެފައިވާކަމަށެވެ. އަދި މިފަދަ މާހައުލެއްގައި ފަރުވާ ނުދެވޭނެކަމަށް ޑޮކްޓަރުންވެސް ލަފާދެއްވާފައިވާއިރު މި މައްސަލަ އެންޑީއޭ އާއި ވެސް ހިއްސާކޮށްފައިވާނެކަމަށް އަލީ ސައީދު ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން މިހާރު އެ ސިޓީގައި ބޭނުން ކުރަމުންދާ އިމާރާތުގެ ދަތިކަންވެސް ވަރަށް ބޮޑުކަން ފާހަގަކޮށް އަލީ ސައީދު ވިދާޅުވީ ފުރާޅުގެ ޓިނު ބާވުމުގެ ސަބަބުން ވާރޭ ވެހޭއިރު އިމާރާތުގެ އެތެރެއަށްވެސް ވާރޭ ވެހޭ ކަމަށެވެ. މި މައްސަލަތައް ހައްލުކުރުމަށް މިހާރުވެސް ގިނަ މަސައްކަތްތަކެއް ކުރައްވާ ކަމަށާއި އުއްމީދަކީ ހެލްތް މިނިސްޓްރީ އަދި އެންޑީއޭ އާއި ގުޅިގެން ވީހާވެސް އަވަހަކަށް މި މައްސަލަ ހައްލުވެ ފަރުވާ ފެށިގެން ދިއުންކަމަށް އަލީ ސައީދު ވަނީ ވިދާޅުވެފައެވެ.

ފުވައްމުލައް ޑެޓޮކްސިފިކޭޝަން ސެންޓަރު ބަންދުކުރަން އުޅޭ ކަމުގެ އަޑުތަކެއްވެސް މީގެ ކުރިން ފެތުރިފައިވާއިރު 2019 އަހަރު ޖޫންމަހު މި ސެންޓަރުގެ ހިދުމަތް އުވާލަން ކައުންސިލާއި ރައްޔިތުން ބޭނުންވާ ކަމަށް ބުނެ ޖެންޑާ މިނިސްޓްރީން ނޭޝަނަލް ޑްރަގް އެޖެންސީއަށް ފޮނުވި ސިޓީއެއްވެސް ވަނީ އާންމުވެފައެވެ. އެހެންނަމަވެސް ފަހުން ޖެންޑާ މިނިސްޓްރީންވަނީ، ސޯޝަލް މީޑިއާގައި އާންމުވެފައިވާ ސިޓީ ބާތިލް ކޮށްފައިވާނެ ކަމަށް ބުނެފައެވެ.

އަހަރެއްގެ މައްޗަށް 200 އަށް ވުރެ ގިނަ މީހުން އެ ސެންޓަރުން ހިދުމަތް ހޯދާއިރު ރަށުގެ ގިނަ ބަޔަކު ދެކެނީ އެ ހިދުމަތް މެދުކަނޑާލުމަކީ ވަރަށް ދެރަކަމެއްކަމުގައެވެ.