English Edition
Dhivehi Edition
ހޯނޑެއްދޫ ކޮރަލް ގާޑަން. ފޮޓޯ: ހޯނޑެއްދޫ ކައުންސިލް

ބައިނަލް އަގްވާމީ ފަތުރުވެރިކަމުގެ ދުވަހާ ގުޅުވައިގެން ހޯނޑެއްދޫ “ކޮރަލް ގަރޑަން” ނަމުގައި ގދ. ހޯނޑެއްދޫ ކައުންސިލުން އިސްނަގައިގެން މޫދު އަޑީގައި މުރަކައިގެ ބަގީޗާއެއް ތަރައްޤީކުރުމުގެ މަސައްކަތް ފަށައިފިއެވެ.

ހޯނޑެއްދޫ ކޮރަލް ގާޑަން. ފޮޓޯ: ހޯނޑެއްދޫ ކައުންސިލް

“އޭ އޯ ނިއުސް” އަށް މައުލޫމާތު ދެއްވަމުން ހޯނޑެއްދޫ ކައުންސިލްގެ ރައީސް ހުސައިން ވާރިޝް ވިދާޅުވީ ކައުންސިލުން އިސް ނަގައިގެން ފެށި މި މަސައްކަތަކީ ރަށުގެ އިޙްތިސާސްގެ ތެރޭގައި ހިމެނޭ ރަށުގެ ދެކުނުފަރާތު ފަޅު ތެރޭގައިވާ ވިލުގެ ސަރަހައްދަކުން ބައެއް ގައި ހިތްގައިމު މުރަކަ ބަގީޗާ އެއް ހެދުމަށް ފެށި މަސައްކަތެކެވެ. އަދި މި މަސައްކަތުގައި ރަށުގެ ޖަމްޢިއްޔާތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީ އާއި ހޯނޑެއްދޫ ގައި ލޯކަލް ޓުއަރިޒަމް ތަރައްޤީ ކުރުމަށް މަސައްކަތް ކުރާ ފަރާތްތަކުގެ އިތުރުން ރައްޔިތުންގެ ތެރެއިން މިކަމަށް ވަގުތުދެވޭ މީހުން ބައިވެރިވާކަމަށެވެ.

ވާރިޝް އިތުރަށް ވިދާޅުވީ، މޫދުގެ 3 މީޓަރު އަޑީގައި ތައްޔާރު ކުރާ ޕާކް ވެގެންދާނީ އެތަނެއް ބަލާލުމަށް މަޖުބޫރު ވާފަދަ ރީތި ތަނެއްކަމުގައެވެ. އަދި ވަކި އުޞޫލަކާއި ހަމަތަކެއްގެ މަތިން ބެލެހެއްޓޭނެ ތަނެއް ކަމަށާއި އަދި މިތަނަކީ ލޯކަލް ޓުއަރިޒަމް ހިންގުމަށް އެރަށުން ކުރަމުންދާ މަސައްކަތަށް ލިބިގެން ދާނެ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ. އަދި މިއަދު ހޯނޑެއްދޫ ކައުންސިލުން ކޮށްފައިވާ އިއުލާނެއްގައި ވާގޮތުން އެ ކައުންސިލުން ވަނީ މިތަންވަނީ ޙިމާޔަތްކޮށް، އެތަނުން ވެލިނެގުމާއި މަސްބޭނުންވެސް މަނާކޮށްފައެވެ.