English Edition
Dhivehi Edition

ގދ. ފިޔޯރީ މެޖިސްޓްރޭޓް ކޯޓުގެ އިމާރާތް ހަލާކުވެފައިވާ މިންވަރު ފެނުނު މީހަކު އެ އިމާރާތް ސަރުކާރު އޮފީހެއްގެ ގޮތުގައި ބޭނުންކުރާ ކަމާއި މެދު، ނިމިދިޔަ ހުރިހާ ސަރުކާރަކަށް ހަޖޫ ޖަހާނެއެވެ. ތަރައްގީގެ ނަމުގައި ބޮޑެތި ބްރިޖްތައް އެޅުމުގެ ވާހަކަތައް ދައްކާއިރު ކިތަންމެ އާބާދީ ކުޑަ ރަށެއް ކަމުގައި ވިއަސް ސަރުކާރުގެ އޮފީހެއް ހިންގާ ތަނެއް އެ ހާލަތުގައި ހުރުމަކީ ދިވެހި ރައްޔިތުން ބަލައިގަންނާނެ ކަމެއް ނޫނެވެ.

އެ އިމާރާތަކީ 06 އެޕްރީލް 1998 ގައި ބިންގައު އަޅައި، އޭގެ ދެ އަހަރު ފަހުން 2000 ވަނަ އަހަރުގެ މާރޗް 11 ގައި ރަސްމީކޮށް ހުޅުވުނު އިމާރާތެކެވެ. މިހާރު އެ އިމާރާތް މިވަނީ 21 އަހަރު ބޭނުންކުރެވިފައެވެ.

އެ ކޯޓް އިމާރާތް ކުރެވިފައިވާ ގޮތަށް ބަލާލާއިރު އިމާރާތުގެ ފައުންޑޭޝަން، ކޮލަމް އަދި ބީމްތައް ކޮންކްރީޓް ކުރަން ބޭނުންކުރެވިފައި ވަނީ ދޮންވެލި އަދި އަކިރިއެވެ. ފެންނަން ހުރި ދަގަނޑު ތަކަކީ 09 އެމް.އެމް ގެ ދަގަނޑެވެ. ނެއްޓިފައިވާ ކްރީޓްތަކުން 06 އެމް.އެމް ގެ ދެގަނޑު ބޭނުން ކުރެވިފައިވާކަން ކަށަވަރެއް ނޫނެވެ. ރޭނުމަށް ބޭނުން ކުރެވިފައި ވަނީ ހޯލްބޮލޮކް ގަލެވެ. އެ ގަލަކީވެސް ކޮލިޓީ ރަނގަޅު ގަލެއް ނޫނެއެވެ. ރޭނުމާއި ސިމެންތި ޖެހުމަށް ބޭނުން ކުރެވިފައި ވަނީ ދޮންވެއްޔެވެ.

އެ އިމާރާތުގެ މިހާރުގެ ހާލަތަށް ބަލާލަމާތޯއެވެ. މިހާރު އެ އިމާރާތުގެ އެތެރެއާއި ބޭރުން ފެންނަ ގޮތުގައި އިމާރާތުގެ ސްޓްރަކްޗަރ ވަރަށް ގިނަ ތަންތަނުން ވަނީ ރެނދު އަޅާފައެވެ. ބޮޑަށް ފާހަގަވެފައި ވަނީ ކޮލަމްތަކާއި ބީމްތަކުގައި ހުރި ރެނދުތައް ބޮޑުވެގެން ގޮސް ކޮންކްރީޓްތައް ތަންތަން ގަނޑަށް ނެއްޓިފައިވާ ކަމެވެ. ނެއްޓިފައިވާ ކޮންކްރީޓްތަކަށް ބަލާއިރު ކޮންކޮރީޓް ކުރެވިފައިވާ ބައެއް ދިމަދިމާލުން އަކިރިއަށް ވުރެ ބޮޑެތި ގައުވެސް ބޭނުންކޮށްފައިވާކަން ފާހަގަކުރެވެއެވެ.

ކުރެވިފައިވާ ކޮންކްރީޓް ބަލާލުމުން އެންމެ ރަނގަޅަށް ވައިބްރޭޓް ނުކުރެވޭކަން ވެސް ފާހަގަކުރެވެއެވެ. ކޮލަމްތަކާއި ބީމްތަކުގައިވާ ދަގަނޑުތައް ވަނީ ވަރަށް ބޮޑަށް ރަސްޓް ވެފައެވެ. ކޮލަމްތަކާއި ބީމްތައް ފަޅައިގެންދިއުމަށް މެދުވެރިވި ސަބަބެއްކަމަށް ބެލެވެނީ ރަނގަޅަށް ވައިބްރޭޓް ކުރެވިފައި ނެތުމާއި ކޮލަމްތަކާއި ބީމްތަކުގައި އެޅިފައިވާ ދަގަނޑުތަކަށް ދޭންޖެހޭ ކަވަރު ނެތުމެވެ.

އެ އިމާރާތް މަރާމާތުކުރަން ބަލާއިރު މިހާރު އެޅިފައިވާ ހުރިހާ ކޮންކުރީޓްތަކެއް ތަޅާ ނަގަންޖެހޭނެއެވެ. ހުރިހާ ކޮލަމްތަކާއި ބީމްތައް ނަގާއިރު އިމާރާތުގެ ބޭނުން ނުކުރެވޭނެއެވެ. ހަމައެއާއެކު 21 އަހަރުވެފައިވާ ސްޓްރަކްޗަރއަށް ވަރަށް ބޮޑެތި ގެއްލުން ލިބި ބަލިކަން ލިބިގެން ދާނެއެވެ، ރޭނިފައިވާ ފަރުތަކަކީ 21 އަހަރުވެފައިވާ ފާރުތަކަކަށްވެފައި، ބޭނުންކުރެވިފައިވާ ގައުތަކަކީ އެންމެ ކޮލިޓީ ގާތަކަށް ނުވާތީ މުޅި އިމާރާތުގެ މަރާމާތަށް ބޮޑު ހަރަދެއް ކުރަން ޖެހޭނެއެވެ.

އޭ.އޯ ނިއުސް އިން ކުރި ސުވާލަކަށް ޖަވާބުދެމުން ފިޔޯރީ ކައުންސިލުން މައުލޫމާތު ދީފައި ވަނީ އެ އިމާރާތް މަރާމާތު ކުރުމުގެ ބަދަލުގައި އައު އިމާރާތެއް އެޅުމަށް ޖުޑީޝަރީ ސަރވިސް ކޮމިޝަނަށް ދެ ފަހަރެއްގެ މަތިން ސިޓީ ފޮނުވާފައި ވާނެކަމަށެވެ. އަދި އަމިއްލަ ފަރާތަކާއި ކައުންސިލުންވެސް އިމާރާތުގެ ހާލަތު ބަޔާންކޮށް ރިޕޯރޓްތަކެއް ވެސް ފޮނުވާފައިވާ ކަމަށް ކައުންސިލުން ވަނީ މައުލޫމާތު ދެއްވާފައެވެ.

ސަރުކާރުގެ ބޮޑެތި ޕްރޮޖެކްޓްތަކަށް ބިލިއަނުން ހަރަދު ކުރަމުންދާއިރު ފިޔޯރީ ރައްޔިތުން އިންތިޒާރު ކުރަމުންދަނީ އެ ރަށުގެ މެޖިސްޓްރޭޓް ކޯޓް އައު އިމާރާތެއްގައި ހިންގާނެ ދުވަހަކަށެވެ.

1 ކޮމެންޓް
މުންޖިޗޭ
ސެޕްޓެމްބަރު 14, 2021
އެތަން އިމާރާތްކުރުމުގައި އެހާ ފެންވަރު ދަށްކޮށް އިމާރާތްކުރީ ބުރިޖްއެޅި ސަރުކާރެއް އަދި ބުރިޖްއެޅި ކުންފުންޏަކުން ވެސް ނުން, އެހާ ދަށް ފެންވަރެއްގައި އެކަންކުރީ މީގެ 21 އަރުކުރިންކަން އެނގޭ. އެއިމާރާތުގެ ބަދަލުގައި ޢިމާރާތެއް ލިބެން އޮތީ ކުރީގެ ސަރުކާރުތަކަށް އެއްޗެހިގޮވައިގެން ކަމަށްހީވާކަހަލަ.