English Edition
Dhivehi Edition

މާލޭގައި ރޭ ހިންގި މާރާމާރީއަށްފަހު ފުލުހުން ހައްޔަރުކުރި 13 މީހުންގެ ތެރޭގައި ހިމެނޭ 4 ކުއްޖަކު މިއަދު ދޫކޮށްލައިފިއެވެ.

ފުލުހުން ވިދާޅުވީ އެކުދިން ދޫކޮށްލީ ބަންދާމެދު ގޮތެއް ނިންމުމަށް ޖުވެނައިލް ކޯޓަށް ހާޒިރު ކުރުމުން އެކޯޓުން ކަމަށެވެ. އެކުދިންނަކީ ސީދާ އެ މާރާމާރީގައި ބައިވެރިވި ކުދިންކަމެއް އަދި ނޫންކަމެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

ފުލުހުންގެ މީޑީއާއިން ވިދާޅުވީ ބާކީތިބި 9 މީހުންގެ ބަންދާމެދު ގޮތެއް ނިންމަން ކްރިމިނަލްކޯޓަށް ހާޒިރުކުރުމުން ކޮންމެ މީހެއްގެ ބަންދަށް 15 ދުވަސް އެކޯޓުން ޖަހައި ދެއްވައިފައިވާ ކަމަށެވެ.

މާލޭގައި ރޭ ހިންގި މާރާމާރީއާ ގުޅިގެން ހައްޔަރުކުރި 13 މީހުންގެ ތެރެއިން “ހަތަރު ކުޑަކުއްޖަކު ޖުވެނައިލް ކޯޓަށް ރިމާންޑަށް ގެންދިއުމުން ވަނީ މުއްދަތު ނުލިބިފައި. އެ ކުދިންގެ ތެރޭގައި އެ މައްސަލައިގައި ހައްޔަރު ކުރެވި ކްރިމިނަލް ކޯޓުން މުއްދަތު ދެއްވާފައިވާ ބޮޑެތި މީހުންގެ މައްޗަށް ހުށަހެޅުނު ހެއްކާއެކު ޖުވެނައިލް ކޯޓަށް މުއްދަތަށް ހުށަހެޅިފައިވާ ކުދިންވެސް ހިމެނޭ،” ފުލުހުންގެ މިޑިއާއިން ވިދާޅުވެފައިވެއެވެ.

ފުލުހުން ރޭ ވިދާޅުވެފައިވަނީ އެ މާރާމާރީއަށްފަހުވަނީ އެ ކަމުގައި އަމަލީ ގޮތުން ބައިވެރިވި 4 މީހަކު ހައްޔަރުކޮށްފައި ކަމަށެވެ. އެމީހުން ހައްޔަރުކޮށްފައިވަނީ މާރާމާރީގައި ބޭނުންކުރި ސާމާނު ނައްތާލަން މަސައްކަތް ކުރަނިކޮށް ކަމަށްވެސް ފުލުހުން ވިދާޅުވެފައިވެއެވެ. އެހެން ނަމަވެސް މިއަދު ދޫކޮލީ އެ ވިދާޅުވި 4 ކުދިން ކަމެއް ނުވަތަ ނޫންކަމެއް ފުލުހުން ކަށަވަރުކޮށްދެއްވައިފައި ނުވެއެވެ.

ޓެގު