English Edition
Dhivehi Edition
ތަރުޖަމާ: އަޙްމަދް ސަމީރު ޢަލީ/
“ދާދި ފަހުން އުމްރާއަށް ދިޔުމުގެ ނަސީބު އަޅުގަނޑަށް ލިބުނެވެ. މަދީނާއަށް ދިޔަ ދަތުރުގައި، ވުޞޫކޮށްގެން މެންދުރުނަމާދަށް ދިޔައީ ކީރިތި ރަސޫލާގެ މިސްކިތްކޮޅަށެވެ. މަސްޖިދުއްނަބަވީގައި ފަހުން ބޮޑުކުރި ތަނަވަސް ފެންޑާގައި އަޅުގަނޑަށް ފާހަގަވި އެކަކީ އިސްކޮޅުން ދިގު، ހިމަތޮޅި ގައިހަން ކަޅުމީހެކެވެ. އޭނާގެ އިސްކޮޅުންނާއި ލައިގެން ހުރި ހެދުމުން އެއީ ސޫދާނުމީހެއްކަން ހަމަ ޔަގީނާގާތަށް އަޅުގަނޑަށް އެނގުނެވެ! ދުރުން ބަލައިލާއިރު އޭނާގެ ކިބައިން އެންމެ ފާހަގަވާ ކަންކަމަކީ، މޫނުމަތީގެ ތޫނުފިލިކަމާއި އަބަދުވެސް މޫނުމަތި އުޖާލާކޮށްދޭ، އޭނާގެ ރީތި ހިނިތުންވުމެވެ! ހަށިގަނޑުގައި ސަރުބީ މަދު، ހަރަކާތް ކުރުމުގައި ހަލުވި މީހެކެވެ. މުޅި މީހާގެ ކިބައިން ޚާއްސަ އުޖާލާކަމެއް ފާޅުވާކަހަލައެވެ!

މެންދުރު ނަމާދު ނިމިގެން އޭނާގެ ގާތަށް ލެފިލާފައި އަމިއްލައަށް ތައާރަފުވެލީމެވެ. އޭނާއަށް ރަހުމަތްތެރިން ކިޔާ ނަމަކީ ” އަބޫ މާލިކެވެ”. އަޅުގަނޑުމެން ދެމީހުން އިރުކޮޅަކު ވާހަކަ ދައްކައި ހާލުއަހުވާލު އަހައި އޮޅުން ފިލުމުން، އޭނާ އަޅުގަނޑުގާތުން އެދުނީ ސޫރަތުލް ފާތިޙާ އަޑުހަރުކޮން ކިޔުމަށެވެ. އަޅުގަނޑަށް ވީ އެންމެ ރީތިކޮށް، ތަޖުވީދުގެ މަގުން އަލްޙަމްދު ކިޔައި ނިމުމުން ދެތިން ތަންކޮޅެއްގެ ތަޖުވީދުގެ ޙުކުމް އަޅުގަނޑަށް އޮޅުންފިލުވައިދެއްވިއެވެ! މީނާގެ ކިބައިގައި ހުރި އަޚުލާގީ ރީތި ސިފަތައް ފެނުމުން ހަމަ އިސާހިތަކު ﷲ އަށްޓަކައި އޭނާދެކެ ދެ މުއުމިނު އަޚުން ވާންޖެހޭނެ ލޯބި ވެވިއްޖެއެވެ. އެކި މީސްމީހުންނަށް ކީރިތި ޤުރުއާނުގެ އެކި ތަންކޮޅުކޮޅު ކިޔައިދީ ތަޖުވީދުގެ ހަމަތަކާއި ބައެއް އާޔަތުގެ މާނައާއި ތަފްސީރު ކިޔައިދީ މިހެން އުޅެން ދިމާވީ ވަކި ކަމެއް ދިމާވެގެންތޯ އަޅުގަނޑު ސުވާލުކޮށްލީމެވެ! އޭނާ ބުނުއްވީ ” އާނއެކެވެ! ދުވަހަކުވެސް ހަނދާން ނުނެތޭނޭ ކަމެއް މީގެ ހައެއްކައަހަރު ކުރިން ދިމާވިކަމަށެވެ! އޭނާ ކިޔައިދިން ވާހަކައަކީ މިއީއެވެ! ” އަހަރެން މިހާރުވެސް މިއުޅޭހެން ލިބޭ ކޮންމެ ހުސްވަގުތެއްގައި މި މިސްކިތުގައި މިހެން އުޅުމުގެ ތެރޭގައި ބައްދަލުވި އުމުރުން 80 އަހަރުގެ ފިރިހެނަކު އަހަރެންގެ ގާތުން އެދުނީ އޭނާއަށް ކީރިތި ޤުރުއާން ހިތުދަސްކޮށްދިނުމެވެ! އޭނާގެ އުމުރުން އަށްޑިހަ އަހަރުވެފައިހުރުމުން، މިހާރު ތިޔަހުރީ ސޫރަތެއްވެސް ހިތުދަސްކުރެވޭނޭ އުމުރެއްގައެއްނޫނޭ ކިޔާފައި އޭނާ ފޮނުވައިލީމެވެ! އޭނާ އެދުނު ކަމެއް ކޮށްދެވޭކަށް ނެތޭ ބުނުމުން ވަރަށް ރުޅިއައިސް، ޤިޔާމަތް ދުވަހުންވެސް ތިމަންނާ ބޭނުންކުރާނީ ހަމަ ކަލޭ ތިޔަބުނި ބަސްކޮޅޭ ކިޔައައި އަޅުގަނޑުދެކެ އައި ރުޅިން ފަސްއެނބުރި ހިނގައިގެންފިއެވެ. ހަމަ އެވަގުތު އަޅުގަނޑު ވީ ދެރައިން، އޭނާއަށް ގޮވައިގެނެސް މާފަށް އެދި އުފާކޮށްލުމުގެ ގޮތުން ” ބައްޕާއޭ ބައްޕަ ބޭނުންވަރަކަށް އެހީތެރިވާނަމޭ، މިހާރުވެސް ފަށަންވިއްޔޭ ” މިފަދަ ގޮތްގޮތުން ވާހަކަދައްކައި އޭނާގެ ރުހުން ހޯދައިފީމެވެ! އަބޫ މާލިކު ވައުދުވިފަދައިން ޖެހިގެން އައި ދުވަހު ކަންތައް ފައްޓަވައިފިއެވެ. އުމުރުން އަށްޑިހަ އަހަރުގެ ދަރިވަރަށް ބައެއް ދުވަސްދުވަހު، ލައްކަ މަސައްކަތުން ކުރީކޮޅުގައި ހިތުދަސްވަނީ އެންމެ އާޔަތެކެވެ. އެއީ ހިތުދަސްކުރަން ފެށި ދުވަސްވަރެވެ. ތަންކޮޅެއް ފަހުން ދުވާލަކު ބައިސޮފްހާ ދަސްވި ދުވަސްވެސް އައެވެ. ދިރިއުޅުމުގެ ކަންކަން ހުންނަ ގޮތްގޮތުން ނާދެވޭ ދުވަސްވެސް ހުރެއެވެ. އުމުރުގެ ގޮތުން، ސިއްހީ އުޒުރުވެސް މަދެއްނޫނެވެ. ނަމަވެސް ދަރިވަރުވެސް މުދައްރިސުވެސް އުއްމީދު ދޫކޮށްނުލައި ކީރިތި ޤުރުއާން ހިތުދަސްކުރުމުގެ ކަންތައް އެއްވާނެއްގައި ކުރިޔަށް ގެންދިޔައެވެ. މިހެން ހިތްވަރުކުރަމުން ގޮސް ހައެއްކަ އަހަރުދުވަހުގެ ތެރޭގައި އަބޫމާލިކުގެ، އުމުރުން އަށްޑިހަ ހަ އަހަރުގެ ދަރިވަރު، ކީރިތި ޤުރުއާން އެކީގައި ހިތުދަސްކޮށް އަބޫމާލިކަށް ކިޔައިދީ ނިންމައިފިއެވެ! އަބޫމާލިކު މިވާހަކަ ކިޔައިދެއްވަމުން ބުނުއްވީ، ކީރިތި ޤުރުއާން ހިތުދަސްކުރާ އެހެން ޤާރީންވެސް ކަންތައް ކުރާބީދައިން، އަބޫ މާލިކުވެސް އަލް އިޚްލާޞް، އަލްފަލަޤް، އައްނާސް މި ތިންސޫރަތް ކިޔަވައި ނިންމައި ޚަތިމްކޮށް، މެދު ކަނޑާނުލައި އަވަހަށް އަނެއްކާ އަލް ފާތިޙާ ކިޔަވައި ބަޤަރާ ސޫރަތުން ފަސް އާޔަތް ކިޔަވައި ނިންމާލެވުނީ އުފަލުން ރޮމުންނެވެ! ހަމަ ވަގުތުން، ޚަތިމް އެއްފަރާތްކޮށްލައި ﷲ އަށް ޝުކުރު ދެންނެވުމުގެ ގޮތުން ސަޖިދައަށް ދިޔައެވެ. އެއީ އޭނާގެ އެންމެ ފަހު ސަޖިދައެވެ. މަޑުމަޑުން އެއްފަރާތަކަށް ވެއްޓުނުއިރު އުމުރުން އަށްޑިހަ ހަވަނަ އަހަރުގައި ކީރިތި ޤުރުއާން ހިތުދަސްކޮށް ނިންމަވައިލެއްވި މުސްކުޅި މީހާ މިދުނިޔެ ދޫކޮށްފިއެވެ. އަބޫމާލިކު މިވާހަކަ ކިޔައިދެމުން ބުނުއްވީ އޭނާއަށްވެސް ދެން ރޮވެން ފަށައިފިއެވެ. ” މި ރޮވެނީ ސީދާ ކިޢްވެކަމެއް ޚުދް އަމިއްލަ ނަފްސަކަށްވެސް ސާފެއްނުވިއެވެ. އޭނާ އެ އުމުރުގައި، މީހުން ކިޔައިފާނޭ އެއްޗަކަށް ވިސްނުމެއްނެތި އޭނާ އަޒުމް ކަނޑައެޅިގޮތަށް ފަސްނުޖެހި ކުރިޔަށް ގެންދިޔައެވެ. އަޅުގަނޑަށް ރޮވެނީ އުފަލުންނެވެ. އެއީ އޭނާ މިދުނިޔެ ދޫކުރީ އެހާ އުފާވެރިވަގުތަކަށްވާތީއެވެ! އެ ހިތްވަރުގަދަ، އިލްމަށް ލޯބިކުރި މީހާއާއި ދެން ދުވަހަކުވެސް ބައްދަލުނުވާނެކަން ހިތަށް އަރާ ކޮންމެފަހަރަކުވެސް އަޅުގަނޑަށް ހިތާމައިން ރޮވެއެވެ! އަޅުގަނޑުގެ ހާލަކީ އެއީއެވެ! އަޅުގަނޑަށް ލިބުނު އުފަލަކީ ކީރިތި ޤުރުއާން ކިޔަވައި ހިތުދަސްކުރަން އުޅުނު މީހަކަށް، އޭނާގެ އުމުރުން ކިތަންމެ ދޮށީނަމަވެސް، އޭނާގެ ހިތްވަރު އެނގުމުން އޭނާ ގޮވައިގެން އޭނާގެ ދަތުރު ނިމެންދެން އަތުގައި ހިފައި މަގުދައްކަމުން ކުރިޔަށް ދެވުނުކަމެވެ! އަޅުގަނޑުމެންގެ ކޮންމެ މީހަކަށްވެސް ކުރެވޭނޭ ކަންކަން ހުރެއެވެ! ވީވަރަކުން ހެޔޮކަންތަށްކޮށް ތިބާ މަރުވުމުގެ ކުރިން މި ދުނިޔޭގައި ތިބާވެސް އުޅުނުކަން ފާހަގަވާވަރުގެ ހެޔޮކަމެއް ކުރާށެވެ!”  

  • ލިޔުމުގެ އަސްލު ނަގާފައިވަނީ ލިޔުންތެރިންގެ ގުޅުމުން