English Edition
Dhivehi Edition

“ދުޅަހެޔޮކަމަށް ކަސްރަތު” ނަމުގައި ކަސްރަތު ޕްރޮގްރާމެއް ފިޔޯރީގައި ފަށައިފިއެވެ.

ސޮސައިޓީ ފޯރ ފިޔޯރީ ޔޫތު އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް (ސްފައިސް) ޖަމްޢިއްޔާއިން ގދ. ފިޔޯރީގައި ހިންގުމަށް ހަމަޖެހިފައިވާ ކަސްރަތު ޕްރޮގްރާމް 69 ބައިވެރިންނާއެކު ފަށާފައި ވަނީ މިއަދު ހަވީރެވެ.

މޫދު ކަސްރަތުގެ އިތުރުން ބައެއް ފިޒިކަލް ކަސްރަތުތައް ވެސް ހިމެނޭ މި ޕްރޮގްރާމަކީ މޯލްޑިވްސް ޕޮލިސް ސަރވިސް އާއި ފިޔޯރީ ހެލްތު ސެންޓަރާއި ގުޅިގެން ހިންގުމަށް ހަމަޖެހިފައިވާ 30 ދުވަހުގެ ޕްރޮގްރާމެކެވެ.

މިދިޔަ އަހަރު ފިޔޯރީގައި ހިންގި ކަސްރަތު ޕްރޮގްރާމަށްވުރެ ބޮޑު ތަރުހީބެއް ލިބިފައިވާ މި ޕްރޮގްރާމްގައި ބައިވެރިވެ 75 އިންސައްތަ ހާޒިރީންނަށް ހަނދާނީ ލިޔުން ދިނުމަށް ވަނީ ހަމަޖެހިފައެވެ.

މި ކަސްރަތު ޕްރޮގްރާމް ކުރިޔަށްގެންދިއުމަށް ހަމަޖެހިފައިވާ “ފިޔޯރީ ހުއްޓޭ ކޮޑާ” ސަރަހައްދު, ސާފުކުރުމުގެ މަސައްކަތް އެ ރަށު އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީ އާއި ގުޅިގެން ޕްރޮގްރާމްގެ ބައިވެރިންނާއެކު ސްފައިސް ޖަމްޢިއްޔާއިން އިއްޔެ ހަވީރު ވަނީ ކޮށްފައެވެ.

ސްފައިސް ޖަމްއިއްޔާއަކީ ފިޔޯރީގައި ހަރަކާތްތެރިވަމުންދާ ޒުވާނުންތަކެއް އެކުވެގެން ރަށުގެ ތަރައްޤީއާއި ކުރިއެރުމަށާއި، ބާރުވެރި މުޖުތަމަޢުއެއް ބިނާކުރުމަށްޓަކައި މިއަހަރުގެ ފެބްރުއަރީ މަހުގެ 11 ވަނަ ދުވަހު ރަޖިސްޓްރީކޮށްފައިވާ ޖަމިއްޔާއެކެވެ. ސްފައިސް އަކީ އަންހެނުން ބާރުވެރިކުރުމުގެ ގޮތުން، ޖަމިއްޔާގެ ހިންގާ ކޮމެޓީގެ އިސް މަޤާމްތަކުގައި އަންހެނުން ބައިވެރިކޮށްގެން އެ ރަށުގައި ހިންގަންފެށި ފުރަތަމަ ޖަމްއިއްޔާއެވެ.