English Edition
Dhivehi Edition

އައްޑޫ ސިޓީ ހިތަދޫ އިހުގެ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން، އެއްގަމުތޮށި ލުމަށް ބޭނުންވާ ކޮންކްރީޓް ގަލުގެ ދެވަނަ ޝިޕްމަންޓް އިއްޔެ ޕޮރޖެކްޓް ސައިޓަށް ގެނެސްފައިވާ ކަަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.

އެމްޓީސީސީން ބުނީ ޝިޕްމެންޓް ސައިޓަށް ގެންގޮސްފައިވަނީ މި މަހުގެ 29 ވަނަ ދުވަހު ކަމަށެވެ. ބާރު ސްޕީޑެއްގައި މި މަޝްރޫއުގެ މަސައްކަތް ކުރިއަށް ދާއިރު ބަނދަރު އެއްގަމުތޮށި ލުމަށް ބޭނުންވާ ކޮންކްރީޓް ބްލޮކް އެތުރުމުގެ މަސައްކަތް ފަށާފައިވަނީ މި އޮގަސްޓަމަހުގެ 20 ވަނަ ދުވަހުގައެވެ.

ހިތަދޫ އިހުގެ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން 234,297 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި، 800 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމާއި، 284 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމުގެ މަސައްކަތް ހިމެނެއެވެ. އަދި 1420 އަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހަދައި، ބަނދަރު ބައްތި އާއި ނެރުބައްތި ހަރުކުރުމުގެ މަސައްކަތްވެސް ހިމެނެއެވެ.

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗާގެ ފަރާތުން އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ އެ މަޝްރޫއަކީ 52.4 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.