English Edition
Dhivehi Edition

މިއަހަރުގެ ކެމްބްރިޖް އައިޖީސީއެސްއީ، ޖީސީއީ އޯލެވެލް އިމްތިހާނާއި އެސްއެސްސީ އިމްތިހާނު ގާތްގަނޑަކަށް 7000 އަށްވުރެ ގިނަ ދަރިވަރުންނާއެކު ރާއްޖޭގައި މިއަދު ފަށައިފި އެވެ.

ޑިޕާޓްމަންޓްއޮފް ޕަބްލިކް އެގްޒަމިނޭޝަން (ޑީޕީއޭ) އިން ބުނީ ސަރުކާރުގެ ސްކޫލުތަކާއި ޕްރައިވެޓް ސެންޓަރުތަކުން ގިނަ ދަރިވަރުންތަކެއް އޯލެވެލް އިމްތިހާނުގައި ބައިވެރި ވެފައިވާއިރު، މިފަހަރުގެ އިމްތިހާނުގައި ޖުމްލަ 197 ސްކޫލަކުން 5587 ދަރިވަރުން ބައިވެރިވެފައިވާކަމަށެވެ. ޕްރައިވެޓް ސެންޓަރުތަކުން ބައިވެރިވެފައި ވަނީ 1538 ދަރިވަރުންކަމަށްވެސް ޑީީޕީއޭއިން ބުންޏެވެ.

މާލޭގެ 20 ސްކޫލަކުން މިއަހަރު ޖުމްލަ 1663 ދަރިވަރަކު އޯލެވެލް ހަދާއިރު އަތޮޅުތަކުގެ 177 ސްކޫލަކުން 3924 ދަރިވަރުން އޯލެވެލް ހަދާނެ ކަމަށް ވެސް ޑީޕީއީ އިން ބުންޏެވެ.

މިފަހަރުގެ އޯލެވެލް އިމްތިހާނުގައި އަމިއްލަގޮތުން ބައިވެރިވާ ސެންޓަރުތަކުގެ ތެރެއިން ދެ ސެންޓަރަކީ މާލޭގެ ދެ ސެންޓަރެވެ. އެގޮތުން އެ ސެންޓަރުތަކުން ޖުމްލަ 515 ދަރިވަރުން އޯލެވެލް އިމްތިހާން ހަދާނެ އެވެ. އަދި އަތޮޅުތަކުގެ 50 ސެންޓަރަކުން 1023 ދަރިވަރުން ވަނީ އޯލެވެލް އިމްތިހާނުގައި ބައިވެރި ވެފައެވެ.

މިއަދުން ފެށިގެން ނޮވެމްބަރު މަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށް މި އިމްތިހާނު ކުރިޔަށްދާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެ އެވެ.

މި އިމްތިހާނު ފެށުމުގެ ގޮތުން މި އަދާއި މާދަމާ އޮންނާނީ އެސްއެސްސީ އިމްތިހާނުގެ ދެ މާއްދާ ކަމަށްވާ ދިވެއްސާއި އިސްލާމެވެ.
އޯލެވެލް އިމްތިހާނާއެކު މި އަހަރުގެ އޭލެވެލް/އެޗްއެސްސީ އިމްތިހާނު ވެސް ކުރިޔަށް ދާނެއެވެ. އޭލެވެލް/އެޗްއެސްސީ އިމްތިހާނު ފެށޭނީ އޮކްޓޯބަރ މަހުގެ ހަތްވަނަ ދުވަހުއެވެ.