English Edition
Dhivehi Edition
މާމަ ކާފަ ޕާކުގެ ބިން ސާފުކޮށް ލެވެލް ކުރުމުގެ މަސައްކަތް ކުރިއަށް ދަނީ/ ފޮޓޯ ސްކީމް

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ކޮމިޔުނިޓީ ފަންޑުގެ އެހީތެރިކަމާއެކު އައްޑޫ ސިޓީގެ ފޭދޫގައި ހަދާ ޢުމުރުން ދުވަސްވީ މީހުންގެ “މާމަ ކާފަ ޕާކު” ގެ ޢަމަލީ މަސައްކަތް ފެށުމުގެ ގޮތުން އެ ސަރަޙައްދުގެ ބިން ސާފުކޮށް ލެވެލް ކޮށްފިއެވެ.

މި މަސައްކަތް މިއަދު ކުރިއަށް ގެންގޮސްފައިވަނީ އައްޑޫ ސިޓީގެ މަގުތައް ހެދުމަށް އައްޑޫގައި މިވަގުތު މަސައްކަތް ކުރަމުން އަންނަ އިންޑިއާގެ ޖީކޭޑީ ކުންފުނީގެ އެހީތެރިކަމާއެކުގައެވެ. މީގެ އިތުރުން އައްޑޫސިޓީ ކައުންސިލުން ވަނީ އެތަނަށް ފަސް އެޅުމަށް ބޭނުންވެގެން އެކަމަށް އެދުމުން 2 ލޯޑު ފަސް އަޅާދީފައެވެ.

ބީއެމްއެލްގެ “އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑު”ގެ ދަށުން ޕާކެއް ހެދުމަށް ހަމަޖެހިފައިވަނީ ފޭދޫ އިން 3500 އަކަފޫޓުގެ ބިމެއްގައެވެ.

ސަދަން ކޮމިޔުނިޓީ އެމްޕަވަރމެންޓް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ސްކީމް) ގެ ރައީސާ ޝިމްލާ އަޙްމަދުގެ ނަމުގައި ލިބިފައިވާ މި ފަންޑުގެ ދަށުން ސްކީމާއި ގުޅިގެން ފޭދޫގައި ޕާކު ހެދުމަށް ނިންމައި މި ފަންޑު ލިބިފައިވަނީ 2020 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި ހުޅުވާލީ ބީއެމްއެލް ކޮމިޔުނިޓީ ފަންޑުގެ ދަށުންނެވެ. އެހެން ނަމަވެސް އޭރު ކަނޑައެޅި ތަނުން ބިން ހަމަޖައްސައި ދެވެން ނެތް ކަމަށް ކުރީގެ ކައުންސިލުން ބުނުމާ ގުޅިގެން ޕާކު ހެދުމުގެ މަސައްކަތް ކުރިއަށް ނުގެންދެވި މަޑުޖެހިފައި އޮތުމަށް ފަހު ބިން ރަސްމީކޮށް ޙަވާލު ކޮށްފައިވަނީ މިއަހަރުގެ ޖޫން މަހުގެ 10 ވަނަ ދުވަހުގައެވެ.

ޕާކު ހެދުމަށް ކަނޑައެޅި ބިން މިއަދު ސާފުކޮށް ލެވެލް ކޮށްފައިވާއިރު ޕާކުގެ މަސައްކަތް ރަސްމީކޮށް ފެށުމަށް ހަމަޖެހިފައިވަނީ އެކަމަށްޓަކައި ޚާއްޞަ ރަސްމިއްޔާތަކާއެކު އޮގަސްޓް މަހުގެ 31 ވަނަ ދުވަހުގައެވެ.

މިއީ ރާއްޖޭގައި ޢުމުރުން ދުވަސްމީހުންނަށް ޚާއްޞަކޮށްގެން ހަދާ ފުރަތަމަ ކޮމިޔުނިޓީ ޕާކަށް ވުމާއެކު މި ރަސްމިއްޔާތުގައި މިނިސްޓްރީ އޮފް ޔޫތް އެންޑް ކޮމިޔުނިޓީ އެމްޕަވަރމެންޓް ގެ ބޭފުޅުން ވެސް ބައިވެރިވާ ގޮތަށް ވަނީ ހަމަޖެހިފައެވެ. އަދި މި ރަސްމިއްޔާތުގައި އެތަނުގައި ގަސް އިންދުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ އިރު މި ޕްރޮގްރާމުގައި އައްޑޫގެ ޖަމިއްޔާ ޖަމާއަތް ތަކާއި އަދި އެކިއެކި މުއައްސަސާ ތަކުން ބައިވެރިވެ ޢުމުރުން ދުވަސްވީ މީހުންނަށް ޚާއްޞަ ކޮށްގެން ކުރެވޭ މި މަސައްކަތުގައި ބައިވެރިވުމަށް ސްކީމް އިން ވަނީ އެދިފައެވެ.