English Edition
Dhivehi Edition

އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ކުޅުނު މެޗުތަކުން ޗެލްސީ އާއި ޓޮޓެންހަމް ހޮޓްސްޕާ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑް ކުޅުނު މެޗު އެއްވަރުވެއްޖެއެވެ.

ޔޫރަޕްގެ ޗެމްޕިއަން ޗެލްސީން ރަށުން ބޭރުގައި ވާދަވެރި އާސެނަލް އަތުން 2-0 އިން މޮޅުވިއިރު، ޓޮޓެންހަމުން ވަނީ ވުލްވްސް 1-0 އިން ބަލިކޮށްފައެވެ. ސައުތެމްޓަންގެ ދަނޑުގައި ޔުނައިޓެޑް ކުޅުނު މެޗު ނިމުނީ ދެ ޓީމު 1-1 އިން އެއްވަރުވެގެންނެވެ.

އާސެނަލްގެ އެމިރޭޓްސް ސްޓޭޑިއަމްގައި ކުޅެވުނު ލަންޑަން ޑާބީގައި ޗެލްސީ އަށް ލީޑްނަގައިދިނީ ބެލްޖިއަމްގެ ފޯވާޑް ރޮމެލޫ ލުކާކޫ އެވެ. މިއީ އެ ޓީމުގެ އިނގިރޭސި ފުލްބެކް ރީސް ޖޭމްސް ނަގައިދިން ހުރަހަކުން ލިބުނު ބޯޅައަކުން ލުކާކޫ ކާމިޔާބުކުރި ގޯލެކެވެ. ފުރަތަމަ ހާފު ނިމެން 10 މިނެޓަށްވެފައިވަނިކޮށް ޗެލްސީގެ ދެވަނަ ލަނޑުޖަހައިދިނީ ޖޭމްސް އެވެ.

ދެވަނަ ހާފުގައި އާސެނަލްގެ ޑިފެންޑަރު ރޮބް ހޯލްޑިން އަށް ވަނީ އެ ޓީމަށް ފަރަގު ކުޑަކޮށްދޭން ރަނގަޅު ފުރުޞަތެއްލިބި ބޭކާރުވެފައިވާއިރު، ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ފަހު ހާފުގައި ކުޅެން ނިކުތް އެ ޓީމުގެ ކެޕްޓަން ޕިއޭ-އެމެރިކް އޮބާމަޔަން ފޮނުވާލި ބޯޅަ ޗެލްސީގެ ކީޕަރު އެޑޮއާޑް މެންޑީ މަތަކުރިއެވެ.

ޗެލްސީގެ ލީޑް ފުޅާކޮށްދޭން ލުކާކޫ އަށް ލިބުނު ފުރުޞަތުގައި ބޮލުން ފޮނުވާލި ބޯޅަ އާސެނަލްގެ ކީޕަރު ބާންޑް ލެނޯ މަތަކުރުމުން ގޯލްގެ ހުރަސްދަނޑީގައި ޖެހިފައި ނިކުތުމުން ދެވަނަ ފަހަރަށް އެ ބޯޅަ ލުކާކޫ އަށް ލިބުމުގެ ކުރީން އާސެނަލްގެ ޑިފެންޑަރު ހޯލްޑިން ވަނީ ސަލާމަތްކޮށްފައެވެ.

ސެއިންޓް މޭރީސް ސްޓޭޑިއަމްގައި މިރޭ ކުޅުނު މެޗުގައި ކުރީން ލީޑްނެގީ ވެސް ސައުތެމްޓަނުންނެވެ. ފުރަތަމަ ހާފުގެ 30 ވަނަ މިނެޓުގައި އެ ޓީމުން ކާމިޔާބުކުރި މި ގޯލަކީ ޔުނައިޓެޑްގެ މިޑްފީލްޑަރު ފްރެޑް އަތުން ބައިކޮޅަށް ވަތް ލަނޑެކެވެ. އޭގެކުރީން، ޔުނައިޓެޑަށް ލީޑްނަގައިދޭން ބްރޫނޯ ފެނާންޑޭސްގެ ހިލޭޖެހުމަކުން އެ ޓީމުގެ ކެޕްޓަން ހެރީ މެގުއާ ފޮނުވާލި ބޯޅަ ހުރަސްދަނޑިއަށް އަމާޒުވެފައިވާއިރު، އިނގިރޭސި ފުލްބެކް ލޫކް ޝޯގެ ހުރަހަކުން ޕައުލް ޕޮގްބާ ބޮލުން ފޮނުވާލި ބޯޅަ ދިޔައީ ދަނޑިކައިރިން ބޭރަށެވެ.

ޔުނައިޓެޑުން އެއްވަރުކުރި ލަނޑު، ދެވަނަ ހާފުގެ ކުޅުން ފެށިތާ 10 ވަރަކަށް މިނެޓުގެ ތެރޭގައި ކާމިޔާބުކޮށްދިނީ ޒުވާން ފޯވާޑް މޭސަން ގްރީންވުޑް އެވެ. މިއީ ޕޮގްބާ އާއި ފެނާންޑޭސް ގުޅިގެން ތަނަވަސްކުރި ފުރުޞަތަކުން ގްރީންވުޑް ކާމިޔާބުކުރި ގޯލެކެވެ. އޭގެފަހުން، ޔުނައިޓެޑް މޮޅުކޮށްދޭން ގްރީންވުޑްގެ އިތުރުން ފެނާންޑޭސް އަށް ލިބުނު ފުރުޞަތުތަކުގެ ބޭނުންހިފޭގޮތްނުވިއިރު، ސައުތެމްޓަންގެ ފޯވާޑް އެޑަމް އާމްސްޓްރޯންގް ވަނީ އެ ޓީމަށް ތިން ޕޮއިންޓް ކަށަވަރުކޮށްދިނުމާ ގާތަށް ޖެހިލާފައެވެ. މެޗު ނިމެން 16 މިނެޓަށްވެފައިވަނިކޮށް ޗެ އެޑަމްސް ޖައްސާލި ޕާހަކުން އާމްސްޓްރޯންގް ފޮނުވާލި ބޯޅަ ޔުނައިޓެޑްގެ ކީޕަރު ޑޭވިޑް ޑެ ހެއާ ހުއްޓުވިއެވެ.

ލީގުގައި މިރޭ ކުޅުނު އަނެއް މެޗުގައި ޓޮޓެންހަމްގެ މިހާރުގެ ކޯޗު ނޫނޯ އެސްޕިރިޓޯ ސަންޓޯ ވަނީ އޭނާގެ ކުރީގެ ކްލަބު ކަމަށްވާ ވުލްވްސްގެ ދަނޑުގައި އެ ޓީމު 1-0 އިން ބަލިކޮށްފައެވެ. މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު، ފުރަތަމަ ހާފުގެ ކުރީކޮޅު ލިބުނު ޕެނަލްޓީއަކުން ޓޮޓެންހަމަށް ކާމިޔާބުކޮށްދިނީ ޑެލޭ އަލީ އެވެ. މި މެޗުގެ ދެވަނަ ހާފުގައި އިނގިރޭސި ކެޕްޓަން ހެރީ ކޭން ކުޅެން ނިކުމެފައިވާއިރު، މިއީ މި ފަހަރުގެ ސީޒަނުގައި އެ ޓީމު ދޫކޮށްލަން ބޭނުންވާކަމަށް ބުނިފަހުން ޓޮޓެންހަމްގެ ޖާޒީގައި ކޭން ކުޅުނު ފުރަތަމަ މެޗެވެ.