English Edition
Dhivehi Edition

އިނގިރޭސިވިލާތުގެ ރެޑްލިސްޓްގައި މިހާރު ރާއްޖޭގެ ނަން އޮންނަންވީ ސަބަބެއް ނެތް ކަމަށް، ރާއްޖެއިން އިނގިރޭސިވިލާތަށް ކަނަޑައަޅާފައި ހުންނަވާ ސަފީރު ޑރ. ފަރަހަނާޒް ފައިސަލް ވިދާޅުވެއްޖެއެވެ.

މީގެކުރިން ކަމާއި ބެހޭ އިދާރާތަކުން ހާމަކޮށްފައިވާގޮތުން އިނގިރޭސިވިލާތުގެ ރެޑް ލިސްޓުގައި ރާއްޖެ އޮންނަނީ ޖީނޯމް ސީކުއެންސް ހެދުމުގެ ޤާބިލުކަން ރާއްޖޭގައި ނެތުމުގެ ސަބަބުން އެކަށީގެންވާ ގޮތެއްގައި ރާއްޖޭގައި ފެތުރެމުންދާ ކޮވިޑުގެ ވޭރިއެންޓުތަކާ ގުޅޭ ޑާޓާ ހިއްސާކުރުމަށް ދަތިވުމާ ގުޅިގެންނެވެ.

މިކަމާ ގުޅިގެން ޑރ.ފަރަހަނާޒް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އިނގިރޭސި ސަރުކާރުން ބޭނުންވާ ގޮތަށް ރާއްޖޭގެ ޖީނޯމް ޑާޓާ، ޖީއައިއެސްއޭއައިޑީގެ ވެބްސައިޓުގައި މިހާރު ޝާއިއުކޮށްފައިވާކަމަށެވެ.

އިތުރަށް ޑރ.ފަރަހަނާޒް ވިދާޅުވީ ދުވާލެއްގެ މައްޗަށް ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު މިހާރު ދަށަށް ގޮސްފައިވާ ކަމަށާއި، ދުނިޔޭގެ ގިނަ ގައުމުތަކާ އަޅާބަލާއިރު ރާއްޖޭގައި ވެކްސިން ޖަހަމުންދާ ރޭޓް ވަރަށް މަތިކަމަށެވެ.