English Edition
Dhivehi Edition
ފޮޓޯ: ރައީސް އޮފީސް

މަސްވެރިންނަށް ދިމާވާ ދަތިތައް ޙައްލުކޮށްދެއްވާނެކަމަށާއި މަސްވެރިކަން ކުރިއެރުވުމަކީ ސަރުކާރުން އިސްކަންދީގެން ކުރަން ބޭނުންވާ ކަމެއްކަމުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ ތ.އަތޮޅުގެ 07 ރަށަކަށް ކުރައްވާ ޒިޔާރަތުގައި ވަންދޫގެ މަސްވެރިންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ. މި ބައްދަލުކުރެއްވުމުގައި މަސްވެރިންވަނީ، އެމީހުންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ މަހަށް ހަމަ އަގު ނުލިބޭ މައްސަލައާއި މަސްކިރުމުގައި ދިމާވާ ދަތިތައްކަމުގައި ފާހަގަކޮށްފައެވެ. މިކަމާއި ގުޅިގެން ރައީސް ވިދާޅުވީ މަހަށް ހަމަ އަގު ހޯދައިދިނުމަށް ސަރުކާރުން މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ.

މަސްވެރިކަން ކުރިއެރުވުމަށް ސަރުކާރުން ވިސްނާފައިވާގޮތް ހާމަކުރައްވަމުން ރައީސް ވިދާޅުވީ ރާއްޖޭގެ އެކި ހިސާބުގައި ހުރި ކަނދުފަތިތައް އިތުރުކުރުމުގެ މަސައްކަތާއި، މިފްކޯ ތަރައްޤީކޮށްގެން ފަސޭހައިން އަވަހަށް ހަމަ އަގުގައި މަސްކިރުވޭނެ ގޮތްތަކެއް ފަހިކުރައްވަން ސަރުކާރުން މަސައްކަތްކުރަމުން އަންނަކަމަށެވެ. އަދި ތ. ފޮނައްޑޫއިން މަސްވެރިންނަށް ފޯރުކޮށްދޭ ޚިދުމަތްތަކާއެކު ފޮނައްޑޫ އަލުން އޮޕަރޭޝަނަލްކުރުމަށް މަސައްކަތްކުރައްވާނެކަމަށްވެސް ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ވަނީ މިދިޔަ ދޮޅު އަހަރެއްހާ ދުވަހު ކޮވިޑްގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދަށް ދިމާވި ދަތިތައް އިތުރަށް ބޮޑުނުވެ ހިފަހައްޓާލެވުނީ މަސްވެރިން ކުރި މިންނެތް މަސައްކަތުންކަން ފާހަގަކުރައްވާފައެވެ.