English Edition
Dhivehi Edition

ޔޫތު މިނިސްޓްރީގެ މާލީ އެހީއާއެކު ގދ.ތިނަދޫގައި ބާބަކިޔު އޭރިޔާއެއް ތަރައްޤީކުރުމަށް ނިންމައިފިއެވެ.

ޔޫތު މިނިސްޓްރީން އިޖުތިމާއީ ގޮތުން މުޖުތަމަޢު ބާރުވެރިކުރުމަށް މަދަނީ ޖަމްޢިއްޔާތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ހުޅުވާލި ފުރުސަތުގައި ތިނަދޫ އެސޯސިއޭޝަން ފޮ ޔޫތު ޑިވެލޮޕްމަންޓް އެންޑް އެމްޕަވަރމަންޓް (ޓޭޑް) އިން ވަނީ ތިނަދޫގައި ބާބަކިޔު އޭރިޔާއެއް ހަދަން ޕްރޮޕޯސަލް ހުށަހަޅާފައެވެ.

ޓޭޑު ޖަމްޢިއްޔާގެ ނައިބު ރައީސް ޝިޔާޛް ނައީމް ވިދާޅުވީ، މިފަދަ ތަނެއް ތިނަދޫގައި ޤާއިމުކުރަން ނިންމި އެންމެ ބޮޑު ސަބަބަކީ ރައްޔިތުންގެ މެދުގައި އެކުވެރިކަން އާލާކޮށް، ހުސްވަގުތުތަކުގައި އޮފީސްތަކުގެ މުވައްޒަފުންނާއި ޒުވާނުންނަށް އެކުވެރި މާހައުލެއްގައި ވަގުތު ހޭދަކޮށްލާނެ ތަނެއް ތިނަދޫގައި ނެތުމުގެ ސަބަބުން ބާބެކިއު ހަދާނެ ހިތްފަސޭހަ ތަނެއް ހުރުން މުހިންމުކަމަށް ގަބޫލުކުރެވޭތީއެވެ.

މިޕްރޮޕޯސަލް ހުށަހެޅުމުގެ ކުރިން ތިނަދޫ ކައުންސިލް އާއެކު މަޝްވަރާކޮށް ހުއްދަވެސް ހޯދާފައިވާ ކަމަށް ޝިޔާޒް ވިދާޅުވިއެވެ.

ބާބެކިއު ސަރަހައްދު ގިނަ ދުވަހަށް ބޭނުންކުރެވޭނެ ތަނަކަށް ހެދުމަށް ގްރިލް އާއި ބެންޗްވެސް ހަދަން ނިންމާފައިވާކަމަށާއި އެއްފަހަރާ 4 ގްރޫޕަކަށް ބޭނުން ކުރެވޭ ގޮތަށް 4 ގްރިލް ބެހެއްޓޭނެކަމަށް ޓޭޑްއިން ބުނެފައިވެއެވެ. އަދި މިޕްރޮޖެކްޓުގެ އަމަލީ މަސައްކަތް ވަރަށް އަވަހަށް ފެށިގެންދާނެކަމަށް ހާމަކޮށްފައިވެއެވެ. ތިނަދޫގައި ޤާއިމްކުރެވޭ ބާބަކިޔު އޭރިޔާގެ މޮޑެލްއެއް ޓޭޑްއިންވަނީ އާންމުކޮށްފައެވެ.

މިމަހުގެ 8 ވަނަ ދުވަހު ބާބެކިއު އޭރިއާ ތައްޔާރުކުރުމަށް ޔޫތު މިނިސްޓްރީއާއި ޓޭޑް އާއި ދެމެދު ވަނީ އެއް ބަސްވުމެއްގައި ސޮއިކޮށްފައެވެ.