English Edition
Dhivehi Edition

ގއ. ދާންދޫގައި އިއްޔެ ފުލުހުން ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި މައުލޫމާތު ލީކުކުރިކަމަށް ތުހުމަތުކުރެވޭ އެރަށު ކައުންސިލްގެ ރައީސް މުހައްމަދު އާސިފް މަސައްކަތްކޮށްފައިވަނީ އާއިލާގެ މެންބަރެއް ސަލާމަތް ކުރަންކަމަށްބުނެ މީޑިޔާތަކުގައި ފަތުރާ ޚަބަރު އާސިފް ދޮގުކޮށްފިއެވެ.

މިކަމާ ގުޅިގެން އޭއޯނިއުސްއާއި ވާހަކަ ދައްކަވަމުން އާސިފް ވިދާޅުވީ މިއީ ސިޔާސީ ގޮތުން އޭނަގެ އަގު ވައްޓާލަން ބަޔަކު ރާވައިގެން ކުރާ ކަމެއް ކަމަށާއި އޭނައޭ ކިޔައިގެން މީޑިޔާތަކުގައި ދައްކަނީ ދޮގު ވާހަކަތަކެއް ކަމަށެވެ.

މީގެ އިތުރުން އޭނާއަކީ ދުވަހަކުވެސް މަސްތުވާތަކެތީގެ ތެރޭގައި އުޅުނު މީހެއް ނޫންކަން އާސިފް ވިދާޅުވިއެވެ. އަދި މިމައްސަލައިގައި އާސިފްގެ ފުރިހަމަ އެއްބާރުލުން ފުލުހުންނަށް ދޭނެކަމަށް އޭނާ ވިދާޅުވިއެވެ.

މިމައްސަލައިގެ ތަޙުގީގާއި ގުޅޭ މަޢުލޫމާތު ލީކުވެފައިވާއިރު ރާއްޖޭގެ ޚަބަރުފަތުރާ ބައެއް މީޑިޔާތަކުގައި ވާގޮތުން މަސްތުވާތަކެތީގެ ވިޔަފާރި ފުޅާ ދާއިރާއެއްގައި ކުރާ ކަމަށް ތުހުމަތުކޮށްފައި ވަނީ ކައުންސިލްގެ ރައީސް އާސިފްގެ ދެބައިންގެ ދެދަރި މީހެއްގެ މައްޗަށެވެ. އަދި އާސިފް މަސައްކަތް ކޮށްފައިވަނީ އޭނާ ސަލާމަތް ކުރުމަށް ކަމަށް އާސިފްގެ ފޯނުން އެގެން ހުރިކަމަށާޢި އެގޮތުން ކައުންސިލް ރައީސްގެ ފޯނުން އޮޕަރޭޝަނާ ގުޅޭ މައުލޫމާތުގެ ވާހަކަ ދެކެވިފައި ހުރި އެދެމީހުންގެ ޗެޓްލޮގްތަކާއި އެކިގޮތްގޮތުން އޮޕަރޭޝަންގެ މައުލޫމާތު ހިއްސާ ކުރުމަށް އުޅެފައިވާކަން ފުލުހުން ހޯދި ކަމުގެ އަޑުތަކެއް އަރާފައިވެއެވެ.

މިކަމާ ގުޅިގެން ފުލުހުން އިއްޔެ ވިދާޅުވީ، 11 އޮގަސްޓް 2021 ވީ ބުދަދުވަހު ދާންދޫގައި ފުލުހުން ހިންގި މަސްތުވާތަކެތީގެ ބޮޑު އޮޕަރޭޝަނަކާ ގުޅޭ މައުލޫމާތު ލީކްކޮށްލި މައްސަލައިގައި އެރަށުގެ ކައުންސިލްގެ ރައީސް ހިމެނޭހެން ހަތަރު މީހެއްގެ ފޯނު ހިފަހައްޓާލާފައިވާކަމަށާއި އެއްވެސް މީހަކު ހައްޔަރުކޮށްފައިނުވާ ކަމަށެވެ. އަދި އެރަށު ކައުންސިލްގެ ރައީސްގެ މައްޗަށް ކުރެވެނީ މައުލޫމާތު ލީކުކޮށްލިކަމުގެ ތުހުމަތު ކަމަށް ފުލުހުން ވިދާޅުވިއެވެ.

ފުލުހުން ހިންގި މިއޮޕަރޭޝަންގެ މައުލޫމާތު ލީކްވެ ފުލުހުން އޮޕަރޭޝަން ހިންގިއިރު ބަލާ ފާސް ކުރި ތަންތަނުން މަސްތުވާތަކެތި ފެނިފައިނުވާކަމަށް ފުލުހުންވަނީ ވިދާޅުވެފައެވެ.

 

 

1 ކޮމެންޓް
ަޖަިއބު
އޮގަސްޓް 12, 2021
މީނާއަށް ބަލާލިމަ އެއްޗެއް ހީނުވޭތަ.