އެމިރޭޓް އެއަރލައިންސްގެ ފްލައިޓް އެޓެންޑެންޓެއްގެ ޔުނީފޯމުގައި ހުރި އަންހެނަކު ބްރިޖް ޚަލީފާ މަތީގައި ހުއްޓާ ކުޅެފައިފާ އެމިރޭޓްސް އެއާރލައިންގެ އާ އިޝްތިހާރު ވަރަށް ގިނަ ބަޔެއްގެ ސަމާލުކަން ހޯދައިފިއެވެ.
ޑުބާއީގައި ހުންނަ ދުނިޔޭގެ އެންމެ އުސް އިމާރާތް ކަމަށްވާ ބްރިޖް ޚަލީފާގެ މަތީގައި ކުޅެފައިވާ މިއިޝްތިހާރުގައި އަންގައިދެނީ އިނގިރޭސި ވިލާތާއި ޔޫއޭއީ އާ ދެމެދު ކަރަންޓީނާ ނުލާ މީހުންނަށް ދަތުރުފަތުރު ކުރުން ހުއްދަ ކޮށްފައިވާކަމެވެ.
ޔޫއޭއީ އަށް ނިސްބަތްވާ މި އެއާލައިންގެ ޕްރޯޝަނަލަން އިޝްތިހާރުގައި ފެނިގެންދަނީ އެއަރލައިން އެޓެންޑެންޓުގެ ޔުނީފޯމުގައި ހުރި އަންހެނަކު މެސެޖްތަކެއް ލިޔެފައިވާ ބޯޑުތަކެއް ހިފަހައްޓައިގެން ހުއްޓާއެވެ. އެއްތިރީސް ސިކުންތުގެ މިއިޝްތިހާރުގައި އެއަންހެންކުއްޖާ ގެންގުޅޭ ބޯޑުތަކުގައި ލިޔެފައިވަނީ ޔޫއޭއީ އާއި ޔޫކޭ އާ ދެމެދު ކުރާ ދަތުރުތަކާ ބެހޭ މެސެޖުތަކެކެވެ.
މިއީ އެއްވެސް ގްރީން ސްކްރީން ނުވަތަ ސްޕެޝަލް އިފެކްޓްސް އަކާއި ނުލާ ނަގާފައިވާ ޝޫޓެކެވެ.
އެއްވެސް ރައްކާތެރިކަމެއްނެތި އެގޮތަށް އަންހެންކުއްޖަކު ބްރިޖް ޚަލީފާ މައްޗަށް އެރުވުމުން ގިނަބަޔަކު ދަނީ އެވީޑިޔޯއަށް ފާޑުކިޔަމުންނެވެ. އެހެންކަމުން އެމިރޭޓްސް އިން ވަނީ މި އިޝްތިހާރު ޝޫޓްކުރި ގޮތް ދައްކުވައިދޭ ވީޑިއޯއެއް ރިލީޒްކޮށްފަ އެވެ. މިވީޑިޔޯގައި ފެނިގެންދާގޮތުގައި އެއަންހެންކުއްޖާގެ ސޭފްޓީއަށް ވަރަށް ގިނަ ފިޔަވަޅުތައް އަޅާފައިވާކަން ހާމަވެގެންދެއެވެ.
އެމިރޭޓްސްގެ އިޝްތިހާރުން ފެނިގެންދާ އަންހެންމީހާ އަކީ ފްލައިޓް އެޓެންޑެންޓެއް ނޫނެވެ. އެއީ ތަމްރީނު ލިބިފައިވާ ސްޓަންޓް އާޓިސްޓެއް ކަމަށްވާ ނިކޯލް ސްމިތު-ލުޑްވިކްއެވެ.
ބްރިޖް ޚަލީފާގެ އެންމެ މައްޗަށް އަރަން ލިބުނު ފުރުސަތަކީ އެންމެ ހިތްހަމަ ޖެހުނު އަދި އެންމެ އަޖައިބުކުރުވަނިވި ސްޓަންޓެއް ކަމަށާއި މިފަދަ ޚިޔާލެއް އުފަންކުރުވީތީ އެމިރޭޓްސްއަށް ތައުރީފް ކުރަމުން ނިކޯލް ވަނީ އިންސްޓާގްރާމްގައި މެސެޖެއް ޝެއަރކޮށްފައެވެ.