އިނގިރޭސިވިލާތުގެ ރައްޔިތުންނަށް އެ ގައުމުތަކަށް ދަތުރުކުރުން ރައްކާތެރި ނޫން ގައުމުތަކާއި އެކި ސަބަބުތަކާއި ހުރެ ދަތުރުކުރުން މަނާ ގައުމުތަކުގެ ލިސްޓުން (ރެޑް ލިސްޓުން) ޔޫއޭއީ އުނިކުރުމާއި ގުޅިގެން އެކަން ފާހަގަކުރުމަށް އެމިރޭޓުން މި ވަނީ ތަފާތު ގޮތަކަށް އުފާ ފާޅުކޮށްފައެވެ.
ސޯޝަލް މީޑިއާގައި، ގިނަ ބައެއްގެ ސަމާލުކަން ހޯދާފައިވާ އެމިރޭޓުގެ ވީޑިއޯއިން ފެންނަނީ އެމިރޭޓްސްގެ ފްލައިޓް އެޓެންޑަންޓެއްގެ ޔުނިފޯމުގައި ހުރި އަންހެނަކު ބުރުޖް ހަލީފާގެ އެންމެ އުހަށް އަރައިފައި ހުއްޓައެވެ. އިނގިރޭސިވިލާތުން ޔޫއޭއީއަށް ދަތުރުކުރުން ރައްކާތެރިކަމަށް ކަނޑައަޅާ އޭމްބާ ލިސްޓަށް އެރުމުން އެކަމުގެ އުފާ ފާޅުކޮށް، އެޓެންޑަންޓް ވަނީ ތަފާތު ލިޔުންތަކެއް ދައްކާލާފައެވެ.
އެއްވެސް ބިރެއް ނެތި ހިނިތުން މޫނަކާއި އެކު ބުރުޖް ޚަލީފާ މަތީގައި އެ އަންހެން މީހާ ހުއްޓިލައިގެން ހުރި ހިތްގައިމު މަންޒަރަށް ގިނަ ބައެއްގެ ސަމާލުކަން ހުއްޓިފައިވީ ނަމަވެސް މި ވީޑިއޯގައި ފްލައިޓް އެޓެންޑެއްޓެއް ރަމްޒުވާ ގޮތަށް ޔުނިފޯމު އަޅައިގެން ބުރުޖް ހަލީފާގެ އެންމެ އުހުގައި ހުރި އަންހެންމީހާއަކީ ހަގީގަތުގައި ފްލައިޓް އެޓެންޑަންޓެއް ނޫނެވެ. ފްލައިޓް އެޓެންޑަންޓެއްގެ ޔުނިފޯމުގައި އެކަން ކޮށްދީފައިވަނީ ސްޓަންޓް އާޓިސްޓެކެވެ.
މިހާރު ސޯޝަލް މީޑިއާގައި ވައިރަލް ވެފައިވާ މި އާދެޔާއި ހިލާފް މޮޅު ވީޑިއޯ އަށް ގިނަ ބައެއްގެ ތައުރީފް އޮހެމުން އަންނައިރު ވީޑިއޯ އުފެއްދި ފަރާތުން ބުނެފައިވަނީ މިވީޑިއޯ ކުޅުމަށް ސްޓަންޓް އާޓިސްޓް ބުރުޖް ހަލީފާގެ އެންމެ އުހުގައި އެތައް އިރަކު ހުންނަން ޖެހުނު ކަމަށާއި އެއީ ތައުރީފު ހައްގު މަސައްކަތެއް ކަމަށެވެ.