އުތުރު އެމެރިކާ ބައްރުގެ ގައުމުތަކުގެ މެދުގައި ކުޅެވޭ އެންމެ ޝަރަފުވެރި ފުޓްބޯޅަ މުބާރާތް ކަމަށްވާ ކޮންކާކަފް ގޯލްޑް ކަޕްގެ ފައިނަލުގައި 1-0 އިން މެކްސިކޯ ބަލިކޮށް އެމެރިކާ އިން އެ މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފި އެވެ.
މިއީ އެމެރިކާ އިން ގޯލްޑް ކަޕް ކާމިޔާބުކުރި ހަތްވަނަ ފަހަރެވެ. އަދި މިއީ އެންމެ ފަހުން ކުޅުނު ފަސް މުބާރާތުގެ ތެެރެއިން އެމެރިކާ އިން ޗެމްޕިއަންކަން ހޯދި ތިން ވަނަ ފަހަރެވެ. މީގެއިތުރުން، މިއީ މުބާރާތުގެ ތާރީޚުގައި މެކްސިކޯ އެންމެ ފަހުން ކުޅުނު ފަސް ފައިނަލްގެ ތެރެއިން ބަލިވި ފުރަތަަމަ ފަހަރެވެ.
ނެވާޑާގެ އެލިޖަންޓް ސްޓޭޑިއަމްގައި ކުޅުނު މި މެޗު ފެށިގެން މެކްސިކޯ އިން ގިނަވަގުތު ބޯޅަ ގެންގުޅެ އެމެރިކާގެ ގޯލަށް ގިނަ ހަމަލާ ފޮނުވާލާފައިވާއިރު ދެ ޓީމުގެ މެދުގެ ކުޅުނު މި މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ނަތީޖާ 0-0 އިން އެއްވަރުވެގެން ދެން ކުޅެވުނު އިތުރު ވަގުތުގެ 15 މިނެޓުގެ ދެ ހާފުގައި އެމެރިކާ އަށް ލަނޑުޖަހައިދިނީ މައިލްސް ރޮބިންސަން އެވެ.
އިތުރު ވަގުތުގެ ދެ ވަނަ ހާފްގެ ކުޅުން ނިމެން ތިން މިނިޓަށްވެފައިވަނިކޮށް މެޗުގެ 117 ވަނަ މިނިޓްގައި އެމެރިކާ މޮޅުކޮށްދިން ގޯލު ރޮބިންސަން ޖެހީ އެ ޓީމުގެ ކެލީން އަކޮސްޓާ ހިލޭ ޖެހުމަކުން ނަގައިދިން ބޯޅައެއް ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލައިގެންނެވެ.
މިއީ ވޭތުވެދިޔަ ދެ މަހެއްހާ ދުވަހުގެ ތެރޭގައި މެކްސިކޯގެ މައްޗަށް ސަރަހައްދީ މުބާރާތެއްގެ ފައިނަލެއްގައި އެމެރިކާ އިން ކާމިޔާބީ ހާސިލްކުރި ދެވަަނަ ފަހަރެވެ. މިދިޔަ ޖޫން މަހުގެ ހަ ވަނަ ދުވަހު އުތުރު އެމެރިކާގެ ނޭޝަންސް ލީގުގެ ފައިނަލުގައި އެމެރިކާ އިން ވަނީ 3-2 އިން މެކްސިކޯ ބަލިކޮށްފައެވެ. އެ މެޗުގައި ވެސް އެމެރިކާ އިން ނަތީޖާ އަނބުރާލީ އިތުރުވަގުތުގެ ދެވަަނަ ހާފުގައެވެ.
މީގެއިތުރުން، އެމެރިކާ އިން މި ފަހަރުގެ ގޯލްޑް ކަޕް ކާމިޔާބުކުރީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެގެންނެވެ. އަދި އެ ޓީމުން މި ފަހަރުގެ މުބާރާތުގައި ފަޚުރުވެރި މި ކާމިޔާބީ ހާސިލްކުރީ ޔޫރަޕުގެ ލީގުތަކުގައި ކުޅޭ މަޝްހޫރު ތަރިން ތަކެއް ނުލައެވެ. އޭގެ ތެރޭގައި ޗެލްސީގެ ކްރިސްޓިއަން ޕުލިސިޗް އާއި ބޮރޫޝިއާ ޑޯޓްމަންޑްގެ ޖިއޯ ރެއިނާ އަދި ބާސެލޯނާގެ ސާޖީނިއޯ ޑެސްޓް ހިމެނެއެވެ.