English Edition
Dhivehi Edition

ހުޅުދޫ މީދޫގެ ވަށައިގެންވާ ބޭރުމަގުގައި ހުރި ގަސްތަކުގައި ހުވަނި ގިނަވެ އެމަގުން ދަތުރުކުރާ މީހުންނަށް ގިނަ އުނދަގޫތަކާއި ކުރިމަތިވެފައިވާއިރު، މި ދުވަސްވަރު އެ ހިސާބުތަކަށް ޕިކްނިކްދަތުރު ދާ ފަރާތްތަކާއި ހަވީރު ފިންޏަށް ދާ ފަރާތްތަކުންވެސް ހާއްސަ ސަމާލުކަމެއް ދޭންވަނީ ޖެހިފައެވެ.

މީދޫގެ އެކި ސަރަހައްދުތަކުގައި ހަދާފައިވާ ފިނި މައިޒާންތަކުންވެސް ގިނަ އަދަދެއްގެ ހުވަނި ފެންނަމުން އަންނައިރު މި ދުވަސްވަރު އެ ތަންތަނަށް ދިއުމަކީ އެހާ ރައްކާތެރިކަމެއް ނޫނެވެ.

ހުވަނި ނުވަތަ ޖިޕްސީ މޮތަކީ އަހަރުގެ ވަކިދުވަސްވަރެއްގައި އާންމުކޮށް ހޫނުގަދަ މޫސުމުގައި ބައެއް ބާވަތްތަކުގެ ގަސްގަހުގައި އަޅާ ދޮޅު އިންޗި ނުވަތަ ދެ އިންޗި ހުންނަވަރުގެ ފަންޏެކެވެ. ރާއްޖޭގައި މައިގަނޑުު ގޮތެއްގައި ހުވަނި އަޅާކަން ފާހަގަކުރެވިފައި ވަނީ މިދިލި، ޖަނބުރޯލު، ފުނަ، ކުންނާރު، ބަނބުކެޔޮ، ފޭރު، އަނބު، ދިއްގާ ފަދަ ބޮޑެތި ގަސްގަހުގައެވެ.

އާންމު ގޮތެއްގައި ހުވަނީގެ އުނދަގޫ ބޮޑުވަނީ ކޮންމެއަހަރެއްގެވެސް ވަކިދުވަސްވަރެއްގައެވެ. ހުވަނީގެ އަންހެން ކޮކާ ބިސްއަޅާ ދުވަސްވަރު، ބިސްއަޅަނީ ބޮނޑި ބޮނޑިއަށެވެ. މިއިން ކޮންމެ ބިސްބޮނޑިއެއްގައި 50 ބިހާއި 1500 ބިހާއި ދެމެދުގެ އަދަދަކަށް ބިސް ހިމެނެއެވެ. އަދި ހުވަނީގެ ބިސްތަކަކީ ކޮންމެދުވަސްވަރެއްގައި އަޅާފައިވާ ބިސްތަކެއް ކަމުގައި ވިޔަސް ވިހެއުމަށް ނުވަތަ ދަރިމައިވުމަށް ބޭނުންވާ ރަނގަޅު މާޙައުލު ލިބެންދެން މިބިސްތައް ހަލާކުނުވެ ހުރުމަށްފަހު އެއްފަހަރާ އެއް ދުވަސްވަރެއްގައި މިބިސްތައް ވިހައެވެ.

ހުވަނީގެ ކާނާއަކީ ފަތްކަމުގައިވިޔަސް ހުވަނީގެ ސަބަބުން އިންސާނުންނަށްވެސް ގިނަ އުދަގޫތަކާއި ދިމާވެއެވެ. ހުވަންޏަކީ ވާލައިގެން ގަހުގައި އުޅޭ އެއްޗެއްކަމުން ގަސްގަހުގެ ކައިރީގައި އުޅޭ އުޅުމުގައި ގަހުން ތިރިވެފައިވާ ވާތައް މީހުންގެ ގައިގައި ޖެހުމުން ގަދައަށް ކަހާ، ހިރުވާ އަދި ފިތްނަގާ، މި ފިތްތައް އެކުވެ، ފިތް ނަގާފައިވާ ހިސާބު ރަތްވެ ދުޅަވެއެވެ. އާންމުކޮށް ހުވަނި ގައިގައި ޖެހުމަކީ މާނުރައްކާތެރި ކަމަކަށް ނުވިޔަސް ބައެއްފަހަރު މިކަމަކީ މީހާ ނުރައްކާތެރި ހާލަތަކަށް ގެންގޮސްދާނެ ކަމެކެވެ.

ޓެގު