English Edition
Dhivehi Edition

ހުޅުދޫ މީދޫގެ ވަށައިގެންވާ ބޭރުމަގުގައި ހުރި ގަސްތަކުގައި ހުވަނި ގިނަވެ އެމަގުން ދަތުރުކުރާ މީހުންނަށް އުނދަގޫތަކަކާ ކުރިމަތިވެއްޖެ އެވެ.

މީދޫއިން ވާހަކަދެއްކި މީހަކު ބުނީ، ހުވަނީގެ އުނދަގުލާއިހެދި ބޭރު މަގުން ދަތުރު ކުރާމީހުންނަށް އޭގެ އުނދަގުލާ ކުރިމަތިވާތާ މިހާރު ދެހަފްތާއަށްވުރެ ގިނަ ދުވަސްވެދާނެ ކަމަށެވެ.

ހުވަނީގެ އުނދަގޫ ހުޅުދޫ މީދޫގައި އިންތިހާއަށް ބޮޑުވެފައި ވާއިރު މިހާރު ރަށުތެރޭގެ ގަސްތަކުންވެސް ހުވަނި ފެންނަމުން ދެއެވެ. “ހުވަނި މިހާރު ރަށުތެރެއިންވެސް އެބަފެނޭ .އަތިރިމައްޗާއި ކައިރި ގެތަކުގެ މީހުންނަށް އޭގެ އުނދަގޫ އެބަފޯރާ. އެތައް ބައެއްގެ ހަންގަނޑު ގައި ހުވަނި ހަފާ ވިހަވެއްޖެ ، ” މީދޫ މީހަކު “އޭއޯ ނިއުސް” އަށް ކިޔައިދިނެެވެ. “ގައި ހިރުވާވަރުން ވަރަށް އުނދަގޫވޭ މިކަމަށް ވީ އެންމެ އަވަހަކަށް ހައްލެއް ހޯދައިދިނުން އެދެން. މިހާރު ކައުންސިލަރ ކައިރީގައި އެދިފައިވާނީ ވެސް މިކަންތައް ބަލައި ދިނުމަށް” ހުވަނީގެ އުނދަގޫ ޖެހުނު އިތުރު މީހަކު ކިޔައިދިނެވެ.

މީދޫގެ ކައުންސިލަރ ހިޔާޒް ހަސަން އޭއޯ ނިއުސް އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ރަށުގެ ރައްޔިތުންނަށް ހުވަނީގެ އުނދަގޫ ފޯރަމުންދާ ކަމުގެ ޝަކުވާ ކައުންސިލަށް ލިބިފައިވާކަމަށާއި، މިހާރު ހުވަނި ނައްތާލުމަށް ބޭނުންކުރާ ސްޕްރޭއާއި މެޝިން ގަންނަން ހުށަހަޅާފައި ވާކަމަށެވެ. އަދި ވަރަށް އަވަހަށް ހުވަނި ނައްތާލުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށް އެފަރާތުން ވިދާޅުވިއެވެ.

ހުވަންޏަކީ ރާއްޖޭގެ ގަސްގަހުގައި ހޫނު މޫސުމްތަކުގައި ވަރަށް އާންމުކޮށް އަޅާ ފަންޏެކެވެ. މި ފަނި އިންސާނުންނަށާއި ތަފާތު ވައްތަރުގެ ގަސްތަކަށް ގެއްލުންދެއެވެ. ހުވަނީގެ ސަބަބުން 500 އަށް ވުރެ ގިނަގަސްތަކަށް ގެއްލުންލިބޭ ކަމަށް ދުނިޔޭގެ ރިކޯޑްތަކުން ދައްކައެވެ. ހުވަނީގެ ސަބަބުން ގަސްތަކަށް ލިބޭ ގެއްލުމުގެ ތެރެގައި ފަނި ގަސްތަކުގެ ފެހިބައި ހަފައި ކައި ހުސްކޮށްލައެވެ. މިކަމުގެ ސަބަބުން ގަސް މަރުވެއެވެ. އަދި އިންސާނުންނަށް ލިބޭ ގެއްލުމުގެ ތެރޭގައި ފަނި ޖެހުމުން ހަންގަނޑު ވިހަވެ ހިރުވާ “ކޮންޓެކްޓް ޑަރމަޓައިޓިސް” ޖެހެއެވެ.

އާންމުކޮށް ހުވަނި ގައިގައި ޖެހުމަކީ މާނުރައްކާތެރި ކަމަކަށް ނުވިޔަސް ބައެއްފަހަރު މިކަމަކީ މީހާ ނުރައްކާތެރި ހާލަތަކަށް ގެންގޮސްދާނެ ކަމެކެވެ. ހުވަނި ޖެހިއްޖެ ނަމަ ހަށިގަނޑުގެ އެހިސާބުގައި، ގައިގައި އުނގުޅަން ބޭނުން ކުރާތެލެއް އަވަހަށް އުނގުުޅުން ރަނގަޅެވެ. އަދި ތެޔޮ އުނގުޅުމަށްފަހު އަވަހަށް ސައިބޯނި ލައިގެން ފެންވަރަންވާނެއެވެ. އަދި ކެލަމިން ލޯޝަން ހުވަނި ޖެހުނު ހިސާބުގައި އުގުޅުމުން ވެސް ރަނގަޅުވެއެވެ. މިހެން ހެދުމުންވެސް އިތުރަށް ހިރުވާ އުނދަގޫވާނަމަ ލަސްނުކޮށް ޑޮކްޓަރަކަށް ދެއްކުން މުހިންމެވެ.