English Edition
Dhivehi Edition

ފުވައްމުލަކަކީ ޒަމާނުއްސުރެން ފެށިގެން ވެސް ދަނޑުވެރިކަމަށް މަޝްހޫރު، ގިނަ އަދަދަކަށް ފަތްކޭލާއި އަނބުގަހާއި ބަނބުކެޔޮގަސް އަދި ފުނަގަހާއި ބިޔަ ގަސްތައް ގިނަ، ފެހި ތަނެއްގެ ގޮތުގައި ފާހަގަ ކޮށްލެވޭ ގުދުރަތީ ރީތި ކަމަށް ވެސް މަޝްހޫރު އަތޮޅެކެވެ.

ދަނޑުވެރިކަމާއި ގުދުރަތީ ރީތި ކަމަށް މަޝްހޫރު ފުވައްމުލަކުގެ ރައްޔިތުންނަށް ޒަމާނުއްސުރެއް ދިމާވެފައިވާ އެއް މައްސަލައަކީ ހުވަނީ ގެ މައްސަލަކަމީ އެތަނުގައި ދިރިއުޅޭ ގިނަ ބަޔަކު ގަބޫލު ކުރާ ހަގީގަތެކެވެ. ގިނަ އަދަދަކަށް އަނބުގަހާއި ބަނބުކެޔޮގަސް ހުރި ފުވައްމުލަކުގެ ގަސްތަކުގައި އެކި ދުވަސްވަރު އެކި ވައްތަރުގެ ހުވަނި އާލާވެ މީހުންނަށް އެކަމުގެ އުނދަގޫ ފޯރައި، ދިރިއުޅޭ ގެއިން ނިކުންނަށް ޖެހޭ ހިސާބަށް ވެސް ކަންތައް ގޮސްފައިވާކަމަށް ރަށުގައި ދިރިއުޅޭ ރައްޔިތުން ކިޔައިދެއެވެ.

ހުވަނި ނުވަތަ ޖިޕްސީ މޮތަކީ ދުނިޔޭގެ ހުރިހާ ހިސާބެއްގައިވެސް އުޅޭ، ޚާއްސަކޮށް ވަރަށް ކުރީ ޒަމާނުން ފެށިގެން ރާއްޖޭގެ ގިނަބަޔަކު ދަންނަ ފަންޏެކެވެ. އާންމުކޮށް ހޫނު ދުވަސްވަރުގައި މިފަނީގެ އުނދަގޫ ބޮޑުވާއިރު އެފަދަ ދުވަސްތަކުގައި ދޮޅު އިންޗި ނުވަތަ ދެއިންޗި ހުންނަ ވަރަށް މި ފަނި ބޮޑުވާ ކަމަށް ބުނެވެއެވެ، މި ފަނި ފުރިހަމަ އަށް ބޮޑުވެފައި ހުންނަ އިރު ފަނީގެ ބުރަކަށިމަތީގައި ނޫތިއްކާއި ރަތްތިކި ރީތިކޮށް ފާހަގަ ވާން ހުރެއެވެ.

ހުވަންޏަކީ ގަސްގަހާގެހީގައި އަޅާ އެއްޗެއް ކަމުގައި ވީނަމަވެސް މީގެ އުނދަގޫ އެންމެ ބޮޑަށް ޖެހެނީ އިންސާނުންނަށެވެ. ހުވަންޏަކީ ވާލައިގެން ގަހުގައި އުޅޭ އެއްޗެއްކަމުން ގަސްގަހުގެ ކައިރީގައި އުޅޭ އުޅުމުގައި ގަހުން ތިރިވެފައިވާ ވާތައް މީހުންގެ ގައިގައި ޖެހުމުން ގަދައަށް ކަހާ، ހިރުވާ އަދި ފިތްނަގާ، މި ފިތްތައް އެކުވެ ފިތް ނަގާފައިވާ ހިސާބު ރަތްވެ ދުޅަވެއެވެ. އާންމުކޮށް ހުވަނި ގައިގައި ޖެހުމަކީ މާނުރައްކާތެރި ކަމަކަށް ނުވިޔަސް ބައެއްފަހަރު މިކަމަކީ މީހާ ނުރައްކާތެރި ހާލަތަކަށް ގެންގޮސްދާނެ ކަމެއްމެއެވެ.

ފުވައްމުލަކުގެ ގިނަ ބަޔަކު ބުނެފައިވަނީ ރަށުތެރޭގައި ހުވަނި ގިނަ ވާ ދުވަސްތަކުގައި އެމީހުންނަށް އަމިއްލަ ގެތަކުގައި ދިރިއުޅެން ދަތިވާ ވަރަށް މި މައްސަލަ ބޮޑުވެގެން ދާކަމަށެވެ، އަދި މިފަދަ ދުވަސްތަކުގައި އަމިއްލަ ގެ ދޫކޮށް އެހެން ތަންތަނަށް ވަގުތީ ގޮތުން ވެސް ބަދަލުވާން ޖެހޭ ކަމަށް ބައެއް މީހުން ބުނެއެވެ. އަދި ބައެއް ފަހަރަށް ގޯތި ތެރޭގައި ހުންނަ ބޮޑެތި ގަސްތަކުގައި ހުވަނި އެޅުމުން ގޭގައި އުޅޭ މީހުންނާއި ޅަދަރިން ހުވަނިން ސަލާމަތް ކުރުމަށް ގަސްތައް ކަނޑަން ޖެހޭ ކަމަށްވެސް ވެއެވެ.

ހުވަނީގެ ކާނާއަކީ ފަތް ކަމަށް ވާތީވެ، ބޮޑެތިގަސްގަހުގައި ގިނައިން ހުވަނިއެޅުމުން ހުވަނި ކޮކާލަށް ބަދަލުވަމުން އަންނަ މަރުހަލާގައި ގަހުގެ ފަތްތަށް ކާލާ ގަހުގެ ފެހިކަން އެއްކޮށް ދުއްވާލައެވެ. މި ގޮތަށް ވުމުން ހެދެމުން އަންނަ ގަހެއްނަމަ ބައެއްފަހަރު ގަސްހެދުން ހުއްޓި މަރުވާގޮތް ދިމާވެއެވެ.

ދުނިޔޭގެ ނިސްބަތުން ބަލާއިރު ގާތްގަނޑަކަށް 500 އަށްވުރެ ގިނަ ބާވަތްތަކުގެ ގަސްގަހަށް ހުވަނީގެ އަސަރު ކުރެއެވެ. ރާއްޖޭގައި މައިގަނޑުު ގޮތެއްގައި ހުވަނި އަޅާކަން ފާހަގަކުރެފިފައި ވަނީ މިދިލި، ޖަނބުރޯލު، ފުނަ، ކުންނާރު، ބަނބުކެޔޮ، ފޭރު، އަނބު، ދިއްގާ ފަދަ ބޮޑެތި ގަސްގަހުގައެވެ. މިއީ ފުވައްމުލަކުގައި ގިނަ އަދަދަކަށް ހެދޭ ގަސްތައް ކަމަށް ވުމާއެކު ހުވަނީގެ އުނދަގޫ އެންމެ ބޮޑަށް ފޯރާ އެއް ސަރަހައްދަކަށް ފުވައްމުލަކު ވެގެންދެއެވެ. ނަތީޖާއެއްގެ ގޮތުން ރައްޔިތުންނާއި އަދި ރަށުގައި ހެދިފައި ހުންނަ މިފަދަ ބިޔަ ގަސްތައް ސަލާމަތް ކުރުމަށް ދޭތެރެ ދޭތެރެއިން ގަސްތަކަށް ބޭސް ޖަހަމުން އަންނަތަން ފެނޭވެސް މެއެވެ.

އާންމު ގޮތެއްގައި ހުވަނީގެ އުނދަގޫ ބޮޑުވަނީ ކޮންމެއަހަރެއްގެވެސް ވަކިދުވަސްވަރެއްގައެވެ. މައިގަނޑު ގޮތެއްގައި ހުވަނި އަޅަން ފައްޓަނީ އެންމެފުރަތަމަ ރަށުގައި ހުންނަ ބޮޑެތި މިދިލިގަސް ފަދަ ގަސްގަހުގައި ކަމުން މިދުވަސްވަރާދިމާކޮށް މިފަދަ ގަސްތައް ބަލައި ކޮންމެވެސް ވަރަކަށް ކޮށައި މިގަސްތަކުގައި ހުވަނި އުޅޭކަމުގައި ވާނަމަ ކޮންޓްރޯލް ކުރުމަށް ފިޔަވަޅު އެޅުމަކީ މުހިއްމު ކަމެކެވެ. މިގޮތަށް ކަންތައް ކުރެވިއްޖެނަމަ މުޅިރަށުތެރެއަށް ހުވަނި ފެތުރުމުގެ ބިރު ކުޑަވެގެންދާނެ ކަން ޔަގީނެވެ. މީގެ އިތުރުން ހުވަނި މަދުކުރުމަށް ކުރެވިދާނެ ތަފާތު އެކި ގޮތްތައް ހުރި އިރު މިފަދަ ކަންކަމަށް ހޭލުންތެރިވުމުގެ ގޮތުން އެފަދަ މައުލޫމާތު ސެޝަން ތައް ބާއްވާ ރައްޔިތުންނަށް އެކަންކަން ދަސްކޮށްދިނުމަކީ ވަރަށް ވެސް މުހިއްމު ކަމެކެވެ

މީގެ އިތުރުން ކޮންމެ ރައްޔިތަކުވެސް ނިކުމެ އަމިއްލަ ގެއާއި ގޯތި ތެރޭގައި ހުންނަ މިފަދަ ގަސްތައް ހުވަނިން ސަލާމަތް ވެވޭނެ ފަދަ ގޮތަކަށް ކަންތައް ތައް ކޮށް އަދި ކަމާގުޅޭ މުއައްސަސާތަކުން ރަށުގެ އެކި ސަރަހައްދުތަކުގައި ހެދިފައި ހުންނަ ގަސްތައް ސާފުކޮށް ބެލެހެއްޓުމަކީ މިކަމަށް އޮތް ހައްލަކަށް ވެގެންދާނެއެވެ.

ހަމަ އެއާއެކު ހަށިގަނޑުގައި ހުވަނި ޖެހިއްޖެ ނަމަ ހަށިގަނޑުގެ އެހިސާބުގައި، ގައިގައި އުނގުޅަން ބޭނުން ކުރާތެލެއް އަވަހަށް އުނގުުޅުން ރަނގަޅެވެ. އަދި ތެޔޮ އުނގުޅުމަށްފަހު އަވަހަށް ސައިބޯނި ލައިގެން ފެންވަރަންވާނެއެވެ. އަދި ކެލަމިން ލޯޝަން ހުވަނި ޖެހުނު ހިސާބުގައި އުގުޅުމުން ވެސް ރަނގަޅުވެއެވެ. މިހެން ހެދުމުންވެސް އިތުރަށް ހިރުވާ އުނދަގޫވާނަމަ ލަސްނުކޮށް ޑޮކްޓަރަކަށް ދެއްކުން މުހިންމެވެ.

މި ދުވަސްވަރަކީ ފުވައްމުލަކުގައި އާދަޔާ ޚިލާފަށް ހުވަނީގެ އުދަގޫ ބޮޑު ދުވަސްވަރަކަށް ވުމާއެކު މިކަމަށް ސަމާލުވެ ދާއިމީ ހައްލެއް ހޯދުމަށް ރައްޔިތުންނާއި ވެރިން ނިކުމެ މަސައްކަތް ކުރަން ވެއްޖެއެވެ.