English Edition
Dhivehi Edition

ދީނީ އިލްމުވެރިންނާއި ދިވެހި ރައްޔިތުންގެ މެޖޯރިޓީ ދެކޮޅު ހަދަމުން ދާ ނަފްރަތުގެ ބިލު, ގަދަބާރުން ފާސްކުރުމަކީ ވަރަށް ހުދުމުޚުތާރު ކަމެއް ކަމަށާއި މި ބިލުން އުފަން މިވަނީ އިތުރު ނަފްރަތު ކަމަށް، ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސެއިން ވިދާޅުވެއްޖެ އެވެ.

ނަފްރަތު ބިލާއި ގުޅިގެން ހޫނުވެފައިވާ ދަނޑިވަޅެއްގައި ސައުދު މިއަދު ކުރެއްވި ޓްވީޓެއްގައި ބުނެފައިވަނީ ސަރުކާރު ހޫނުފެނަށްލައި ކައްކަން ބޭނުންކުރާ ދަރަށް ނަފްރަތުގެ ބިލް ވެގެން ނުވާނެ ކަމަށް ވިދާޅުވެފައި އެވެ. އަދި ރާއްޖޭގެ ރައްޔިތުންނާއި ދީނީ އިލްމުވެރިންގެ މެޖޯރިޓީ ދެކޮޅު ހަދަމުންދާ މި ބިލް ގަދަބާރުން ފާސްކުރަން އުޅުމަކީ ވަރަށް ހުދުމުޚުތާރު ކަމެއް ކަމަށާއި ނަފްރަތުގެ ބިލުން އިތުރަށް އުފަންވަމުން ދަނީ ނަފްރަތުތަކަށްވެސް ބުނެފައި އެވެ.


އެ ޓުވީޓަށްފަހު ކުރި ދެވަނަ ޓުވީޓުގައި ސައުދު ބުނެފައިވަނީ، ސިޔާސީ ވެރިންގެ ކޯޅުމާއި ހެދި ރައްޔިތުން ހަނާ ވަމުން ދާކަމަށާއި ސަރުކާރާއި އެކު އެންމެން ގުޅިގެން މަސައްކަތް ކުރަންޖެހޭ ވަގުތު ބައިބައިވުމަކީ ރައްޔިތުންނަށް ހޯދައިދެވޭނެ ލުޔެއް ނޫންކަމަށެވެ. ސައުދު ވަނީ ޕާޓީ މަސަލަހަތަށްވުރެ ރައްޔިތުންގެ މަސްލަހަތު އިސްކުރުމަށް ގޮވާލައިފައި އެވެ.


ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީގެ ދެ ލީޑަރުން ކަމުގައިވާ މިވަގުތު ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް އާއި ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުއާއި ދެމެދު ވަނީ ސިޔާސީ ގުޅުން ގޯސްވެފައި އެވެ. އަދި ރައީސް ނަޝީދު ވަނީ ސަރުކާރުން ނަފްރަތުގެ ބިލަށް ތާއިދު ނުކުރާ ނަމަ ސަރުކާރަށް ތާއިދު ކުރަން ދަތި ވާނެ ކަމަށް މިއަދު އިޢުލާން ކުރައްވާފައެވެ.