ޔޫއެފާ ޗެމްޕިއަންސް ލީގުގައި ރޭ ސްޕެއިންގެ ގަދަ ބާރު ބާސެލޯނާ ސްޕޯޓިން ލިސްބަން އާއި ބައްދަލު ކުރި މެޗު ކާމިޔާބުކޮށްފައިވާއިރު ސްޕެއިންގެ އެތުލެޓިކޯ މެޑްރިޑް އިނގިރޭސިވިލާތުގެ ޗެލްސީ އާއި ވާދަކޮށް ބަލިވެއްޖެއެވެ.
ޗެމްޕިއަންސް ލީގުގައި ރޭ އެތުލެޓިކޯ މެޑްރިޑް އަމިއްލަ ދަނޑުގައި ކުޅުނު މެޗުގައި ޗެލްސީ އަތުން ބަލިވެފައިވަނީ 2-1 ލަނޑުގެ ނަތީޖާއަކުންނެވެ.
ރޭ އެތުލެޓިކޯގެ ދަނޑުގައި ކުޅުނު މިމެޗުގައި ޗެލްސީގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެން ދިޔަ ނަމަވެސް މެޗުގެ ފުރަތަމަ ލަނޑު ޖަހައި ކުރި ހޯދާފައިވަނީ އެތުލެޓިކޯއިންނެވެ، މި ލަނޑު ފުރަތަމަ ހާފްގެ ނިމެން ފަސް މިނެޓަށް ވެފައި ވަނިކޮށް ލިބުނު ޕެނަލްޓީ އަކުން ކާމިޔާބުކޮށްދީފައިވަނީ އެންޓީނޯ ގްރައިޒްމަންއެވެ.މި ޕެނަލްޓީއަކީ ޗެލްސީގެ ޕެނަލްޓީ އޭރިޔާ ތެރެއިން ޔަނިކް ކަރަސްކޯއަށް ޑޭވިޑް ލުއިޒް ކުރި ފައުލަކާ ގުޅިގެން ލިބުނު ޕެނަލްޓީއެކެވެ.
ރޭގެ މެޗުގެ ފުރަތަމަ ހާފް އެތުލެޓިކޯ ކުރީގައި އޮވެގެން ނިމުނު ކަމުގައިވީ ނަމަވެސް ދެވަނަ ހާފްގައި ޗެލްސީއިން ވަނީ މެޗުގައި އިތުރަށް އެޓޭކް ވަރުގަދަކޮށް މެޗު ނިމުމުގެ ކުރިން ދެ ލަނޑު ޖަހައި އެތުލެޓިކޯ ސިސްސުވާލާފައެވެ. މިގޮތުން ޗެލްސީ އެއްވަރު ކުރި ލަނޑު މެޗުގެ 59 ވަނަ މިނެޓުގައި އެޑެން ހަޒާޑް ނަގައިދިން ހުރަހަކުން ކާމިޔާބުކޮށްދިނީ މޮރާޓާއެވެ.
މެޗުގައި ޗެލްސީން ތިން ޕޮއިންޓް ކަށަވަރުކުރި ލަނޑު ދެވަނަ ހާފުގެ އިތުރު ވަގުތުކޮޅު ތެރޭގައި ކާމިޔާބުކޮށްދީފައިވަނީ މާކޮސް އަލޮންސޯ ދިން ބޯޅައަކުން ފުރަތަމަ ލަނޑު ކާމިޔާބުކޮށްދިން މޮރާޓާގެ ބަދަލުގައި ކުޅެން ނިކުތް މިޗީ ބަޓްޝުއާއީއެވެ.
ރޭ ގްރޫޕް “ޑީ”ގައި ބާސެލޯނާއާއި ސްޕޯޓިން ލިސްބަން ބައްދަލު ކުރި މެޗުން ބާސެލޯނާ މޮޅުވެފައިވާއިރު މި ލަނޑަކީ ސްޕޯޓިންގެ ސެބަސްޓިއަން ކޯޓޭސްގެ އަތުން ބައިކޮޅަށް ވަން ލަނޑެކެވެ.
ރޭގެ މިމޮޅާއި އެކު ބާސާލޯނާއަށް 6 ޕޮއިންޓާއެކު ގްރޫޕުގެ އެއްވަނަ ލިބޭއިރު އިޓަލީގެ ޗެމްޕިއަން ޔުވެންޓަސް އޮތީ ގުރޫޕްގެ ތިންވަނާގައެވެ.