English Edition
Dhivehi Edition

ކުރީގެ ރައީސް މުހައަމަދު ނަޝީދާ އެކު އިދިކޮޅު ޕީޕީއެމް، ޕީއެންސީން މަސައްކަތް ނުކުރާނެކަމަށް އިދިކޮޅު ކޯލިޝަން ހިންގުމާއި ވަގުތީގޮތުން ހަވާލުވެ ހުންނެވި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.

‘ސަން’ އަށް މައުލޫމާތު ދެމުން އަބްދުއްރަހީމް ވިދާޅުވީ ޕީޕީއެމް އިން ކުރަމުން ދާ މަސައްކަތަކީ ރައީސް ޔާމީން ޖަލުން މިނިވަން ކުރުން ކަމަށެވެ، އަދި ރައީސް ޔާމީން ޖަލަށްލާފައި ވަނީ މި ސަރުކާރުން ކަމަށާއި ސަރުކާރު ހިންގާ ޕާޓީއަކީ އެމްޑީޕީ ކަމަށްވާއިރު، އެ ޕާޓީއާއެކު މަސައްކަތް ނުކުރެވޭނެކަމަށް އަބްދުއްރަހީމް ވަނީ ވިދާޅުވެފައެވެ.

ރައީސް ޔާމީނަށް ނުހައްގުން އަނިޔާ ދެނީ އެމްޑީޕީއާއި އެ ޕާޓީގެ ސަރުކާރުންކަން ފާހަގަކޮށް އަބްދުއްރަހީމް ވިދާޅުވީ ރައީސް ޔާމީނަށް އަނިޔާދިނުމަށްފަހު، އެ މަނިކުފާނުގެ އެހީއަށް އެދުމުން އެ ވާހަކަ ދިމާނުވާކަމަށެވެ.

ރައީސް ޔާމީން މިނިވަންކުރުމަށް ޑީލެއް ނަހަދާނެކަމަށް އިދިކޮޅު ކޯލިޝަނުން މީގެ ކުރިންވެސް ތަކުރާރުކޮށް ބުނެފައިވާއިރު އަބްދުއްރަހީމްވެސް ވަނީ އެ ވަހާކަ ތަކުރާރުކުރައްވާފައެވެ، އަދި ރައީސް ޔާމީން މިނިވަންވާންޖެހޭނީ އިންސާފުވެރިކަމާއެކު ކޯޓުންކަމުގައި އަބްދުއް ރަހީމް ވަނީ ވިދާޅުވެފައެވެ.