English Edition
Dhivehi Edition

ގއ. ދާންދޫގައި ކޮވިޑް19ގެ ޙާލަތު ކަންބޮޑުވާހާ ދަރަޖައަކަށް އޮތުމަށްފަހު މިހާރު މިބަލި ކޮންޓްރޯލްކުރެވި ރަށް މޮނިޓަރިން އިން ވެސް ނަގާފައިވާތީ އެކަމުގެ ޝުކުރު ދާންދޫ ކައުންސިލުން ރައްޔިތުންނަށް އަދާކޮށްފިއެވެ.

ހުވަދު އަތޮޅު އުތުރުބުރީ ދާންދޫ މޮނިޓަރިން އިން ނެގިފަހުން އެރަށު ކައުންސިލުން ސޮއިކުރައްވައި ނެރުއްވި ބަޔާނެއްގައިވާ ގޮތުން، 2021 މެއި 12 ވަނަ ދުވަހުން ފެށިގެން ދާންދޫގައި ހަލުވިކަމާއި އެކު ފެތުރެމުންދިޔަ ކޮވިޑް19 އާއި ގުޅިގެން ދާންދޫގެ ޖުމްލަ 2088 މީހުންގެ އާބާދީއިން ރަށުގައި ދިރިއުޅޭ މީހުންގެ ތެރެއިން މި ބައްޔަށް ޓެސްޓް ކުރުމަށްޓަކައި 1262 މީހުންގެ ސާމްޕަލް ނެގުނުއިރު، 416 ފަރާތެއް ފައްސިވެ، އޭގެ ތެރެއިން 4 ފަރާތެއް މިފަނާވަނިވެ ދުނިޔެއާއި ވަކިވެގޮސް އަދި ގިނަ އަދަދެއްގެ ގެ ތަކާއި މީހުން ކަރަންޓީނަށް ލެވިގެންދިޔަ މިހިތާމަވެރި ބަލި މަޑު ކަމުގައި، މިހާލަތުން އަރައިގަތުމަށްޓަކާ ދާންދޫގެ އެންމެހާ ލޮބުވެތި ރައްޔިތުންގެ ފަރާތުން ލިބިގެންދިޔަ ފުރިހަމަ އެއްބާރުލުން އެ ކައުންސިލުން ނިހާޔަތަށް ފާހަގަކުރެއެވެ.

މިނާޒުކު ދުވަސްތަކުގައި އެންމެންވެސް ބޭރަށް ދާ ވަގުތު ތަކުގައި މާސްކް އެޅުމާއި އަދި ގިނަގިނައިން އަތްދޮވެ ސާފުތާހިރުވެ އުޅުން އިސްކޮށް މި ކޮވިޑް ބަލިމަޑު ކަމުން އަރައިގަތުމަށްޓަކައި ދާންދޫގެ އެންމެހާ ލޮބުވެތި ރައްޔިތުންގެ ފަރާތުން ނުހަނު ބޮޑު އެއްބާރުލުމެއް ޖުމްލަ ގޮތެއްގައި ލިބިގެން ގޮސްފައިވާ ކަމަށާއި ޚާއްސަ ގޮތެއްގައި ރަށުގެ މަސްވެރިން ރަށު ބަންދުވެ މަހަށް ނުފުރާ ދިޔަ މިދިގު މުއްދަތު ވެގެންދިޔައީ ރަށުގެ އާންމު ފުދުންތެރިކަމުގެ ޙާލަތު ދަށްވެ އިޤްތިސާދީ ގޮތުންނާއި ތަޢުލީމީ ދާއިރާއިންނާއި ސިއްޙީ ދާއިރާއިން އަދި އިޖްތިމާޢީ ގޮތުން މުޅި ރަށަށް ކުރިމަތިވި، ތަޙައްމަލް ކުރަން ދަތި އުދަނގޫ ދުވަސްތަކެއް ކަމުގައިވިދާޅުވެފައިވެއެވެ.. މިކަމުން އަރައިގަތުމަށްޓަކައި ދާންދޫގައި ޙަރަކާތްތެރިވާ ސަރުކާރުގެ މުއައްސަސާ ތަކުގެ އެންމެހާ މުވައްޒިފުންނާއި އަދި އާންމުން ގުޅިގެން ކުރަމުން ގެންދިޔަ އެންމެހާ މަސައްކަތްތަކެއް ކުރެވިގެންދިޔައީ، ސަބަބުތަކުގައި ހިފައި ﷲ އަށް ދުޢާ ދެންނެވުން މަތީގައި ތިބެގެންކަން ފާހަގަ ކޮށްފައިވެއެވެ.

ދާންދޫގެ މަސްވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ އެންމެހާ ލޮބުވެތި ރައްޔިތުންނާއި ވިޔަފާރިން އަދި އެހެނިހެން މަސައްކަތް ތެރިން މިކަމުގައި ވާން ޖެހުނު ގުރުބާނީ އާއި ކިޔަވާ ތުއްތު ކުދިންނަށް ލިބުނު ފޫބައްދަން ދަތި އަދި ގެއްލި ދިޔަ ކިޔެވުމުގެ ފުރުސަތު ތަކުގެ މަތިންނާއި ރަށުގެ ޒުވާނުން އެމީހުންގެ ކުރިއެރުމަށް ކުރަމުން ގެންދިޔަ ތަފާތު އެތައް ކަމެށް ހަދާންކޮށް މަސްވެރިން، މަސައްކަތްތެރިން، ވިޔަފާރިވެރިން، އަދި ބެލެނިވެރިންނާއި، ރަށުގެ އެންމެހާ ޒުވާނުން ހިމެނޭހެން މުޅި ރައްޔިތުން މިކަމުގައި ދެއްވި އެއްބާރުލުމަށްޓަކައި އެ ފަރާތްތަކަށް ޝުކުރު އަދާކޮށްފައިވެއެވެ.

މި ދަނޑިވަޅުގައި ދާންދޫގައި ދިރިއުޅޭ އެންމެހާ ރައްޔިތުންނަށް އަތޮޅާއި ރަށާއި އަދި އެހެނިހެން ދިމަ ދިމާލުން އެކި އެކި ހެޔޮ އެދޭ ފަރާތްތަކުން ވެދެއްވި ދީލަތި އެހީތަކަކީ އަބަދުވެސް ދާންދޫގެ ލޮބުވެތި ރައްޔިތުން އެ މަތިން ހަނދާން ކޮށް އެހީދެއްވި ފަރާތްތަކަށް ޝުކުރު ދަންނަވާ ކަންތައްތަކެއް ކަމާއި އަދި މި ފުރުސަތުގައި އެ އެންމެހާ ފަރާތްތަކަށް އެ ކައުންސިލްގެ ނަމުގައި ޝުކުރު އަދާކޮށްފައިވެއެވެ. އަދި ސަރުކާރުގެ ކަމާބެހޭ އެހެން ފަރާތްތަކުން މިކަމުގައި ވެދެއްވި އެހީތެރިކަމާއި އެއްބާރުލެއްވުން ފާހަގަކޮށް އެ ފަރާތްތަކަށްވެސް ކައުންސިލުން ޝުކުރު ދަންނަވަމެވެ.

ރަށަށް ދިމާވި ބަލި މަޑުކަމުގެ ޙާލަތުގައި ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުންނާއި އަދި މިކައުންސިލުން އަޅާފައިވާ އެންމެހާ ފިޔަވަޅުތައް ނަގައި އާންމު ޙާލަތަށް ރަށުގެ އެންމެހާ ކަންކަން މިވަގުތަށް އާދެވުނު ކަމުގައިވިޔަސް ކޮވިޑް އާއި އަދި ތަފާތު އެހެނިހެން ބަލި ތަކުން ސަލާމަތްވެ ތިބުމަށްޓަކައި ދުރާލާ ވިސްނައި ސަރުކާރުގެ ކަމާބެހޭ ފަރާތްތަކާއި ސިއްޙި ދާއިރާތަކުން ދެއްވާ އިރުޝާދުތަކާއި އަދި ކޮންމެ މީހަކުވެސް އަމިއްލަ މަސައްކަތުން ހޯދާ ކަމާބެހޭ ތަފާތު މަޢުލޫމާތުގެ އިލްމުގެ އަލީގައި ސިއްޙީ ގޮތުން ދުޅަހެޔޮ ސާފްތާހިރު ދިރިއުޅުމެއް އުޅުމަށްޓަކައި އެލިބޭ މަޢުލޫމާތާއި އެއްގޮތަށް އަމަލީ ގޮތުން ރިވެތި ސިފަތައް އަށަގެންނެވުމުގެ މައްޗަށް ސަމާލުކަން އަބަދުވެސް ދެއްވުމަށް ދާންދޫގެ ރައްޔިތުންނަށް ހަނދާންކޮށްދީފައިވެއެވެ.