English Edition
Dhivehi Edition

ގއ. ދާންދޫ ކޮވިޑް19 ކޭސްތަކާއި ގުޅިގެން ނެރުނު މޮނިޓަރިންގެ ޙާލަތު އުވާލާއިފި

ދާންދޫ މޮނިޓަރިން ހާލަތަށް ގެނެސް، އެ ރަށަށް އަރައި ފޭބުން މަނާކުރީ މޭއި 12 ވަނަ ދުވަހުގަ އެވެ. އެހެންވެ، އެ ރަށުގެ މޮނިޓަރިންގެ ހާލަތު ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އުވާލާފައިވަނީ 58 ދުވަސް ފަހުންނެވެ.

ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ސޮއިކުރައްވައި ނެރުއްވި ލިޔުމެއްގައި ވަނީ އާންމު ސިއްޙަތު ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން ބަލަން ކަނޑައެޅުނު ކަންކަން ބެލުމުން އެ ރަށުގައި މޮނިޓަރިން ހާލަތު އިތުރަށް ދަމަހަށްޓަން ޖެހޭ ސަބަބެއް މިވަގުތު ނެތް ކަމަށެވެ.

އަދި މޮނިޓަރިން ހާލަތާ ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކަށް ނިމުމެއް ގެންނަ ކަމަށްވެސް ލިޔުމުގައިވެއެވެ.

ދާންދޫ ސިއްޙީ މަރުކަޒުން މަޢުލޫމާތު ދިން ގޮތުގައި، މިމަހު 5 ވަނަ ދުވަހު ދާންދޫ ހާލަތު ދެނެގަތުމަށް 110 ރޭންޑަމް ސާމްޕަލެއް ނެގިއިރު އެ ހުރިހާ ސާމްޕަލެއްވެސް ވަނީ ނައްސިވެފައެވެ.

ދާންދޫ އަކީ ގއ އަތޮޅުން ކޮވިޑް ހާލަތު އެންމެ ގޯސްވި އެއްރަށެވެ. އެ ގޮތުން އެރަށުން ވަނީ ޖުމްލަ 384 މީހަކު ކޮވިޑަށް ފައްސިވެފައެވެ. އަދި މި ބަލީގައި 04 މީހަކު ވަނީ ނިޔާވެފައެވެ.