މިހާރު ކުރިއަށްދާ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ރޭ ކުޅުނު މެޗުގެ އިތުރުވަގުތުގެ 15 މިނެޓުގެ ފުރަތަމަ ހާފުގައި އިންގްލެންޑްގެ ކެޕްޓަން ހެރީ ކޭން ވައްދާލި ލަނޑާއެކު 2-1 އިން ޑެންމާކް ބަލިކޮށް އެ ޓީމުން މުބާރާތުގެ ފައިނަލަށް ދަތުރުކޮށްފިއެވެ.
މިއީ 1966 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް ކާމިޔާބުކުރި ފަހުން ވޭތުވެދިޔަ 55 އަހަރުގެ ތެރޭގައި ބޮޑު މުބާރާތެއްގެ ފައިނަލަށް އިންގްލެންޑް ދަތުރުކުރި ފުރަތަމަ ފަހަރެވެ. އަދި ޔޫރޯގެ ތާރީޚުގައި ފައިނަލުން ޖާގަ ހޯދި ފުރަތަމަ ފަހަރެވެ.
އިނގިރޭސިވިލާތުގެ ލަންޑަންގައި ހުންނަ ވެމްބްލީ ސްޓޭޑިއަމްގައި ރޭ ކުޅުނު މި މެޗުގެ ފުރަތަމަ ހާފުގެ 30 ވަނަ މިނެޓުގައި ޑެންމާކަށް ލީޑްނަގައިދިނީ މިކޭލް ޑަމްސްގާޑް އެވެ. މިއީ ގޯލާއި ގާތްގަނޑަކަށް 25 މީޓަރު ދުރުން ފޮނުވާލި ހިލޭޖެހުމަކުން ޑަމްސްގާޑް ކާމިޔާބުކުރި ގޯލެކެވެ. އަދި މިއީ މި ފަހަރުގެ ޔޫރޯގައި ހިލޭޖެހުމަކުން ކާމިޔާބުކުރި ފުރަތަމަ ގޯލެވެ.
އިންގްލެންޑުން ނަތީޖާ ހަމަހަމަކުރަން ކުރި މަސައްކަތުގައި ކޭން ދިން ބޯޅައަކުން ރަހީމް ސްޓާލިން ފޮނުވާލި ބޯޅަ ޑެންމާކްގެ ކީޕަރު ކެސްޕާ ޝުމައިކަލް މަތަކުރިއެވެ. މެޗުގެ 39 ވަނަ މިނެޓުގައި އިންގްލެންޑުން އެއްވަރުކުރީ ޑެންމާކްގެ ކެޕްޓަން އަދި ޑިފެންޑަރު ސިމޮން ކިއޭ އަތުން ބައިކޮޅަށް ވަތް ގޯލަކުންނެވެ. މިއީ އިންގްލެންޑްގެ ކަނާތް ފަރާތު ވިންގަށް ކުޅެމުން އަންނަ އާސެނަލްގެ ޒުވާން ކުޅުންތެރިޔާ ބުކާޔޯ ސާކާ ނަގައިދިން ހުރަހެއް ސްޓާލިން އަށް ލިބުމުގެ ކުރީން ކިއޭ ދިފާއުކުރަން އުޅުމުގެ ތެރޭގައި އޭނާގެ ފައިގައި ޖެހިފައި ވަތް ގޯލެކެވެ.
ދެވަނަ ހާފުގެ ކުރީކޮޅު އިންގްލެންޑްގެ ޑިފެންޑަރު ހެރީ މެގުއާ އާއި ޖެކް ގްރީލިޝްގެ އިތުރުން ކޭން އަދި މޭސަން މައުންޓް ފޮނުވާލި ހަމަލާތައް ޑެންމާކްގެ ކީޕަރު ޝުމައިކަލް މަތަކުރިއިރު، ޑެންމާކްގެ ފޯވާޑް ކެސްޕާ ޑޮލްބާގް ފޮނުވާލި ބޯޅަ އިންގްލެންޑްގެ ކީޕަރު ޖޯޑަން ޕިކްފޯޑް ހުއްޓުވިއެވެ.
މެޗުގެ ފުރިހަމަވަގުތު ހަމަވިއިރު ދެ ޓީމު 1-1 އިން އެއްވަރުވުމުން ނަތީޖާ ނެރުމަށް ކުޅުނު އިތުރުވަގުތުގެ 15 މިނެޓުގެ ފުރަތަމަ ހާފުގެ ކުރީކޮޅު ސްޓާލިން ފޮނުވާލި ބޯޅަ ވެސް ޝުމައިކަލް ހުއްޓުވިއެވެ. މި ހާފު ނިމެން ދަނިކޮށް އިންގްލެންޑަށް މި މެޗުގައި ފުރަތަމަ ފަހަރަށް ލީޑްނަގައިދިނީ ކޭން އެވެ. މިއީ މެޗުގެ 104 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ކޭން ފޮނުވާލި ބޯޅަ ޑެންމާކްގެ ކީޕަރު ޝުމައިކަލް މަތަކުރުމުން ދެވަނަ ފަހަރަށް އެ ބޯޅަ ކޭން އަށް ލިބުމުން ކާމިޔާބުކުރި ގޯލެކެވެ. މި ޕެނަލްޓީ ދޭން ރެފްރީ ނިންމީ، ޕެނަލްޓީއޭރިޔާތެރެއިން އިންގްލެންޑްގެ ވިންގާ ސްޓާލިން އަށް ޑެންމާކުގެ ޔޯކިމް މޭލާ ފައުލްކުރިކަމަށް ނިންމާ، ވީއޭއާރްގެ އެހީ ހޯދުމަށްފަހު އެވެ.
މި ގޯލާއެކު ކޭން ވަނީ ބޮޑު މުބާރާތްތަކުގައި އިންގްލެންޑަށް މިހާތަނަށް އެންމެ ގިނަ ލަނޑުޖަހައިދީފައިވާ ކުރީގެ ފޯވާޑް ގެރީ ލިނެކާގެ ރެކޯޑާ އަރާ ހަމަކޮށްފައެވެ. ލިނެކާ އާއި ކޭން ވެސް މިހާތަނަށް އެ ޓީމަށް ޖަހައިދީފައިވަނީ 10 ގޯލެވެ. ކޭން ޖެހި މި ގޯލަކީ ޔޫރޯގައި އިންގްލެންޑުން ކާމިޔާބުކުރި 50 ވަނަ ލަނޑެވެ.
މީގެއިތުރުން، ރޭގެ މެޗުގައި އިންގްލެންޑްގެ ފުރަތަމަ އެގާރައިގައި ހިމެނުނު އާސެނަލްގެ އުއްމީދީ ވިންގާ ސާކާ ވަނީ ބޮޑު މުބާރާތެއްގެ ސެމީ ފައިނަލްގައި އެ ޓީމަށް ކުޅެދިން އެންމެ ހަގު ކުޅުންތެރިޔާގެ ޝަރަފު ހޯދާފައެވެ. ރޭގެ މެޗަށް ނިކުތްއިރު ސާކާގެ އުމުރަކީ 19 އަހަރާއި 305 ދުވަހެވެ.
ޔޫރޯގެ ފައިނަލްގައި އަންނަ ހޯމަ ދުވަހުގެ ދަންވަރު 12 ޖަހާއިރު އިންގްލެންޑް ނިކުންނާނީ އިޓަލީއާ ދެކޮޅަށެވެ. މި މެޗު ކުޅެވޭނީ އިންގްލެންޑްގެ ރަސްމީ ދަނޑު ކަމަށްވާ ވެމްބްލީ ސްޓޭޑިއަމްގައެވެ.