ކޮވިޑް-19 ކޮންޓްރޯލްކުރުމަށް އަޅާފައިވާ ގިނަ ފިޔަވަޅުތަކަކަށް މިއަދު ލުއި ދީފިއެވެ. މިއަދު މީޑިއާއަށް މަޢުލޫމާތު ދެއްވުމަށް ބޭއްވި ބައްދަލުވުމެއްގައި ލުއިދޭން ނިންމިކަން ހާމަކުރެއްވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސްޕޯކްސްޕަރސަން މުޙައްމަދު މަބްރޫކް ޢަޒީޒް އެވެ.
މިއަދު ދީފައިވާ ލުއިތަކުގެ ތެރޭގައި ވެކްސިންގެ ދެޑޯޒް ހަމަކުރުމަށްފަހު 14 ދުވަސް ހަމަކޮށްފައިވާ ފަރާތްތަކަށް، މޮނިޓަރިންގައި ނެތް ރަށްތަކަށް، ނެގެޓިވް ޕީސީއާރު ޓެސްޓަކާއެކީގައި ދަތުރުކުރެވޭ ގޮތަށް މިހާރު އުސޫލަށް ބަދަލުގެނެސްފައިވާކަމުގައި މަބްރޫކް ވިދާޅުވިއެވެ. އެގޮތުން މާލެސަރަޙައްދުގެ މިހާރު ޙާލަތާ އެއްގޮތަށް، 5 އިންސައްތައަށްވުރެ ޕޮޒިޓިވިޓީ ރޭޓް ދަށްކޮށް ހުންނަ ރަށްރަށަށް ކަރަންޓީނު ނުވެ ނެގެޓިވް ޕީސީއާރު ޓެސްޓަކާއެކު ދަތުރުކުރެވޭނެކަމަށާއި ޕޮޒިޓިވިޓީ ރޭޓް 5 އިންސައްތައާ 10 އިންސައްތައާ ދެމެދުގައި ހުންނަ ރަށްތަކަށް ދަތުރުކުރާނަމަ 7 ދުވަހު ކަރަންޓީނު ވުމާއެކު ރިލީސް ސާންޕަލް ނަގަންޖެހޭނެކަމަށާ އަދި 10 އިންސައްތައަށްވުރެ ޕޮޒިޓިވިޓީ ރޭޓް މަތީގައި ހުންނަ ރަށްތަކަށް ދަތުރުކުރާނަމަ 14 ދުވަހު ކަރަންޓީނު ވުމާއެކު ރިލީޒް ސާންޕަލް ނަގަންޖެހޭ ގޮތަށް އުސޫލު ބަދަލުކޮށްފައިވާކަމުގައި މަބްރޫކް ވިދާޅުވިއެވެ. މިއާއެކު މިހާރު ވެކްސިންގެ 2 ޑޯޒްހަމަކޮށް 14 ދުވަސް ހަމަކޮށްފައިވާ ފަރާތްތަކުން މާލެއިން އެހެން ރަށްރަށަށް ދަތުރުކުރުމުގައި، މޮނީޓަރިންގައި ނެތްރަށެއްނަމަ ނެގެޓިވް ޕީސީއާރު ޓެސްޓަކާއެކު ކަރަންޓީނު ވުމަކާ ނުލައި ދަތުރުކުރެވޭނެކަމުގައި މަބުރޫކް ވިދާޅުވިއެވެ.
ރިޒޯޓްތަކުގައި މަސައްކަތްކުރާ ފަރާތްތަކަށް ދޭ ލުއިތަކުގެ ތެރޭގައި، ރިޒޯޓްތަކުން ކޮންމެ މަހަކު 1 ފަހަރު އެރިޒޯޓެއްގެ 10 އިންސައްތަ މުވައްޒަފުންގެ ރޭންޑަމް ސާމްޕަލް، އެކްޓިވް ސަވައިލަންސްގެ ގޮތުގައި ނަގަަންޖެހޭގޮތަށް ހަމަޖެއްސުމާއެކު، އެގޮތަށް ކަންކުރާ ރިޒޯޓްތަކުގެ މުވައްޒަފުންނަށް، މީހުން ދިރިއުޅޭ ރަށްރަށަށް ދަތުރުކުރުމުގައި، ވެކްސިންގެ 2 ޑޯޒް ފުރިހަމަަކޮށް 14 ދުވަސް ހަމަވެފައިިވާނަމަ ކަރަންޓީނު ވުމަކާ ނުލައި ދަތުރުކުރެވޭގޮތަށް ހަމަޖެއްސުން ހިމެނެއެވެ.
ބޭރުގެ ޕޯޓްތަކުން ރާއްޖެއަށް ވަންނަ އިންޓަރނޭޝަލް ޓްރެވެލާސްއަށް ދޭ ލުއިތަކުގެ ތެރޭގައި ވެކްސިންގެ 2 ޑޯޒް ފުރިހަމަކޮށް 14 ދުވަސް ހަމަކޮށްފައިވާނަމަ 96 ގަޑިއިރު ނުވާ ޕީސީއާރު ނެގެޓިވް ޓެސްޓެއް ގެނައުމާއެކު 7 ދުވަހުގެ ކަރަންޓީނު ފުރިހަމަކޮށް ރިލީސް ސާމްޕަލް ނަގަންޖެހޭގޮތަށް މިހާރު ވަނީ އުސޫލުގައި ހިމަނާފައެވެ. އެގޮތުން ވެކްސިންގެ ގޮތުގައި ރާއްޖެއިން ބަލައިގަންނާނީ ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާ ޑަބްލިއު.އެޗް.އޯ އިިން ބަލައިގަންނަ އަދި ހުއްދަދީފައިވާ ވެކްސިންތައް ކަމުގައި ވެސް މަބްރޫކް ވިދާޅުވިއެވެ.
ރާއްޖެ އަންނަ ފަތުރުވެރިނަށް ދޭ ލުއިތަކުގެ ތެރޭގައި، ދެކުނު އޭޝިޔާ ސަރަޙައްދުން ރާއްޖެއަށް އަންނަ ފަތުރުވެރިންނަށް 15 ޖުލައި އިން ފެށިގެން ރިޒޯޓުތަކަށް ދަތުރުކުރެވޭގޮތަށް ލުއިދިނުން ހިމެނެއެވެ. ހަމަ މިއާއެކު އެޗް.ޕީ.އޭ އިން ކަނޑައަޅާ އުސޫލުތަކާ އެއްގޮތަށް ދާއިމީ ގޮތެއްގައި ރިޒޯޓްތަކުގައި ކޮވިޑަށް ޓެސްޓް ކުރެވޭނެ އިންތިޒާމުތައް ހަމަޖައްސަންޖެހޭނެ ކަމުގައި ވެސް މަބްރޫކް ވިދާޅުވިއެވެ.
ދެކުނު އޭޝިޔާ ސަރަޙައްދުން އަންނަ ފަތުރުވެރިންނަށް ގެސްޓްހައުސްތަކަށް އައުމުގެ ފުރުޞަތު ހުޅުވާލުމަށް ހަމަޖެހިފައި ވަނީ 30 ޖުލައި އިން ފެށިގެންނެވެ. އެގޮތަށް ފުރުޞަތު ހުޅުވާލާއިރުވެސް، އެ ގެސްޓްހައުސް ހުންނަ ރަށެއްގެ 60 އިންސައްތަ މީހުންނަކީ ވެކްސިން ދީފައިވާ މީހުންކަމުގައި ވުމާއި އާބާދީގެ 60 އަހަރުން މަތީގެ 90 އިންސައްތަ މީހުންނަކީ ވެކްސިންގެ ދެޑޯޒް ހަމަކޮށް 14 ދުވަސް ހަމަވެފައިވާމީހުން ކަމުގައި ވާންޖެހެއެވެ. ހަމަ އެހެންމެ ގެސްޓްހައުސްތަކުގައި މަސައްކަތްކުރާ މުވައްޒަފުންގެ 95 އިންސައްތަ މީހުންނަކީ ވެކްސިންގެ ދެ ޑޯޒް ހަމަކޮށް 14 ދުވަސް ހަމަކޮށްފައިވާ ފަރާތްތަކަށްވެސް ވާންޖެހެއެވެ.
ކޮވިޑް-19 ކޮންޓްރޯލްކުރުމަށް އަޅާފައިވާ ފިޔަވަޅުތަކަށް ދޭ ލުއިތަކުގެ ތެރޭގައި މާލެ ސަރަޙައްދުގައި މިހާރު ކަނޑައަޅާފައި އޮތް ކާފިއުގަޑި އުވާލުން ވެސް ހިމެނެއެވެ. އަދި އެއާއެކު ވިޔަފާރިތަކާއި ކެފޭ ރެސްޓޯރެންޓްތަކާއި، ސިނަމާފަދަ ތަންތަނުގެ ޚިދުމަތްދިނުމަށް ލިބިގެންދާނެ ލުއިތަކާއި އަދި މުބާރާތްތައް ނުހިމެނޭ ގޮތަށް ކުޅިވަރުކުޅުންފަދަ ކަންކަމަށް ދޭ ލުއިތަކުގެ ތަފްޞީލުތައް ވެސް މި ޕްރެސް ކޮންފަރެންސްގައި މަބްރޫކް ޙިއްޞާކުރެއްވިއެވެ.
މި ޕްރެސްކޮންފަރެންސްގައި މަބްރޫކްގެ އިތުރުން އެޗް.ޕީ.އޭގެ ސްޕޯކް ޕާރސަން، ޑޮކްޓަރ ނަޒްލާ ރަފީޤް އާއި އެޗް.ޕީ.އޭގެ ސީނިއަރ ޕަބްލިކް ހެލްތް ޕްރޮގްރާމް އޮފިސަރ ފާޠިމަތު އަނާ ވަނީ ކޮވިޑް ކޭސްތަކާ ގުޅޭ މަޢުލޫމާތާއި ވެކްސިން ދިނުމުގެ އިންތިޒާމުތައް ހަމަޖެހިފައިވާ ގޮތުގެ ތަފްޞީލުތައް ޙިއްޞާކުރައްވާފައެވެ. މި ޕްރެސް ކޮންފަރެންސްގައި މި ތިން ބޭފުޅުން ވަނީ ނޫސްވެރިންގެ ސުވާލުތަކަށް ވެސް ޖަވާބުދެއްވާފައެވެ.