English Edition
Dhivehi Edition

ބޭންކް އޮފް މޯލްޑިވްސްގެ ފަރާތުން ގދ. ވާދުގައި ސްކޭޓް ޕާރކެއް ތަރައްޤީ ކުރުމަށްފަހު މިއަދު ހުޅުވައިފިއެވެ.

ބީ.އެމް.އެލް އިން ބުނާގޮތުގައި ބީއެމްއެލް ކޮމިއުނިޓީ ފަންޑުގެ ދަށުން ގދ. ވާދޫގައި ސްކޭޓް ޕާކެއް ޤާއިމުކުރުމަށް ނިންމީ ރަށުގެ ކުޑަކުދިންނާއި ޒުވާނުންނަށް ހުސްވަގުތުގައި ރާޅާ އެޅުމުގެ ހުނަރު ދަސްކޮށްދީ އެކުވެރި މާހައުލެއްގައި އެކުވެރިންނާއެކު ވަގުތު ހޭދަކުރުމަށް ފުރުސަތު ހޯދަދިނުމަށެވެ.

ވާދޫގައި ތަރައްޤީކުރެވުނު މިޕާކުގައި ސްކޭޓްކުރާނެ ބަޔަކާއި ކުޑަކުދިންނަށް ބައިވެރިވެވޭނެ ގޮތަށް އިޖްތިމާއީ ހަރާކާތްތަކާއި އިވެންޓްތައް ބޭއްވުމަށް ހާއްސަ ސަރަހައްދެއްވެސް ހިމެނިފައިވެއެވެ.

މިޕާރކު އެޅުމުގެ ޕްރޮޕޯސަލް ހަވާލުކުރެވުނީ ހުވަދޫ އެސޯސިއޭޝަން ފޯ ޓުއަރިޒަމް (ހެޓް) އާއެވެ. ވާދޫގައި ތަރައްޤީ ކުރެވޭ ސްކޭޓް ޕާކާއި ގުޅޭގޮތުން ހެޓްގެ ރައީސް އަޙްމަދު ޠާރިޕް މުޙައްމަދު ވިދާޅުވީ މި ޕާކާއެކު މުނިފޫހިފިލުވުމާއި ކުޅިވަރުގެ ތެރެއިން ޒުވާނުންގެ މެދުގައި ގުޅުން ބަދަހިވެ އެކަތިގަނޑަކަށްވުމުގެ ފުރުސަތު ހުޅުވިގެންދާނެ ކަމަށެވެ. އަދި ހެޓްގެ އަމާޒަކީ ރާއްޖޭގެ އަދި ރާއްޖޭން ބޭރުގެ ފަރާތްތަކާއި ގުޅިގެން ސްކޭޓްކުރުމުގެ ތަމްރީންތައް ދިނުމުގެ އިތުރުން ރައްކާތެރި މާހައުލެއްގައި ތަފާތު ހުނަރު ތަރައްގީކުރުމުގެ ފުރުސަތު ހޯދައިދިނުން ކަމުގައި ހެޓްގެ ރައީސް ވިދާޅުވިއެވެ.

ވާދޫއަކީ ރާޅާއެޅުމުގައި ވަރަށް ކުރީގައި އޮންނަ ރަށަކަށް ވުމާއި ގުޅިގެން މިޕާކް ވެގެންދާނީ ފަތުރުވެރި ކަމުގެ ދާއިރާގައި ވާދޫގެ ޒުވާނުންނަށް ލިބިގެންދާ ބޮޑު ކުރިއެރުމަކަށެވެ.