English Edition
Dhivehi Edition

ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ރޭ ކުޅުނު މެޗުގެ ފުރިހަމަވަގުތާއި އިތުރުވަގުތުގެ 15 މިނެޓުގެ ދެ ހާފުގެ ކުޅުމަށްފަހު ދެ ޓީމު 1-1 އިން އެއްވަރުވުމުން، ޕެނަލްޓީ ޝޫޓްއައުޓްގައި 4-2 އިން ސްޕެއިން ބަލިކޮށް އިޓަލީ އިން އެ މުބާރާތުގެ ފައިނަލަށް ދަތުރުކޮށްފިއެވެ.

މިއީ ޔޫރޯގެ ފައިނަލަށް އިޓަލީ ދަތުރުކުރި ހަތަރުވަނަ ފަހަރެވެ. އަދި އެ ޓީމުން މެޗަކުން ބަލިނުވެ ނިންމާލި މެޗުގެ އަދަދު ވަނީ 33 އަށް އަރާފައެވެ. އޭގެތެރެއިން 27 މެޗުން މޮޅުވިއިރު، ހަ މެޗުން ވަނީ އެއްވަރުވެފައެވެ. މީގެއިތުރުން، މިއީ ބޮޑު މުބާރާތެއްގެ ސެމީ ފައިނަލްގައި ކުޅުނު ހަ މެޗުގެ ތެރެއިން ސްޕެއިން ބަލިވި ފުރަތަމަ ފަހަރެވެ.

ލަންޑަންގެ ވެމްބްލީ ސްޓޭޑިއަމްގައި ރޭ ކުޅުނު މި މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމަށް ގޯލެއް ކާމިޔާބުކުރެވިފައިނުވީނަމަވެސް، ސްޕެއިނުގެ ޑެނީ އޮލްމޯ އާއި އިޓަލީގެ ނިކޯލޯ ބަރޭލާ އަދި އެމަސަން ޕަލްމިއެރީ އަށް ވަނީ ރަނގަޅު ފުރުޞަތުތަކެއްލިބި ބޭކާރުވެފައެވެ.

ސްޕެއިނުގެ އޮލްމޯ ފޮނުވާލި ބޯޅަ އިޓަލީގެ ކީޕަރު ޖިއަންލުއިޖީ ޑޮނަރުއްމާ މަތަކުރިއިރު އިޓަލީގެ މިޑްފީލްޑަރު ބަރޭލާ އަށް ލިބުނު ބޯޅަ ރަނގަޅަށް ފޮނުވާލެވޭގޮތެއްނުވިއެވެ. އަދި އޭގެފަހުން، އެ ޓީމުގެ ފުލްބެކް އެމަސަން ޖެހި ބޯޅަ ދިޔައީ ހުރަސްދަނޑީގައި ޖެހިފައެވެ.

އިޓަލީގެ ފެޑެރީކޯ ޗިއޭސާ (ވ) ސްޕެއިނުގެ ގޯލަށް ބޯޅަ ފޮނުވާލަނީ. –ފޮޓޯ: ޔުއެފާ ޓުވިޓާ

ދެވަނަ ހާފުގެ ކުރީކޮޅު އިޓަލީގެ ފޯވާޑް ޗީރޯ އިމޯބިލޭ އާއި ސްޕެއިނުގެ ކެޕްޓަން ސާޖިއޯ ބުސްކެޓްސް އަށް ލިބުނު ފުރުޞަތުތަކުގެ ބޭނުންހިފޭގޮތްނުވިއިރު، އިޓަލީގެ ހަލުވި ވިންގާ ފެޑެރީކޯ ޗިއޭސާ ފޮނުވާލި ބޯޅަ ސްޕެއިނުގެ ކީޕަރު އުނާއި ސިމޯން މަތަކުރިއެވެ.

އިޓަލީ އިން ލީޑްނެގީ 60 ވަނަ މިނެޓުގައި ޗިއޭސާ ކާމިޔާބުކުރި ރީތި ގޯލުންނެވެ. މިއީ ކައުންޓަ އެޓޭކުގައި އެ ޓީމުގެ ލޮރެންޒޯ އިންސީނިއޭ ހުސްކޮށްލާފައި އިމޯބިލޭ އަށް ދިނުމުން އެ ބޯޅަ އޭނާ އަށް ލިބުމުގެ ކުރީން ސްޕެއިނުގެ ޑިފެންޑަރު އައިމެރިކް ލަޕޯޓް ދިފާއުކުރަން އުޅުމުގެ ތެރޭގައި ޗިއޭސާ އަށް ލިބުމުން އޭނާ ޖެހި ގޯލެކެވެ.

އިޓަލީ އިން ލީޑްނެގުމުން، ސްޕެއިނުން އެއްވަރުކުރަން ކުރި މަސައްކަތުގެ ތެރެއިން އެ ޓީމުގެ މިކޭލް އޮޔާޒަބާލް އާއި އޮލްމޯ އަށް ލިބުނު ފުރުޞަތުތައް ބޭކާރުވިއިރު، އިޓަލީގެ ލީޑް ފުޅާކުރުމަށް ދެވަނަ ހާފުގައި ކުޅެން ނިކުތް ޑޮމެނިކޯ ބެރާޑީ އަށް ލިބުނު ދެ ފުރުޞަތުގެ ވެސް ބޭނުންހިފޭގޮތެއްނުވިއެވެ.

ސްޕެއިނަށް އެއްވަރުކޮށްދިނީ މެޗުގެ ފުރިހަމަވަގުތު ހަމަވާން 10 މިނެޓަށްވެފައިވަނިކޮށް ފަހު ހާފުގައި ކުޅެން ނިކުތް ފޯވާޑް އަލްވާރޯ މޮރާޓާ އެވެ. މިއީ އެ ޓީމުގެ މިޑްފީލްޑަރު އޮލްމޯ ދިން ރީތި ޕާހަކުން މޮރާޓާ ކާމިޔާބުކުރި ގޯލެކެވެ.

މި ގޯލާއެކު މޮރާޓާ ވަނީ ޔޫރޯގެ ތާރީޚުގައި ސްޕެއިނަށް މިހާތަނަށް އެންމެ ގިނަ ލަނޑުޖެހި ކުޅުންތެރިޔާގެ ޝަރަފު ހޯދާފައެވެ. ކުރީން މި ރެކޯޑް އޮތް ފެނާންޑޯ ޓޮރޭސް ފަސް ލަނޑުޖަހާފައިވާއިރު، މޮރާޓާ ވަނީ މިހާތަނަށް ހަ ގޯލް ޖަހައިދީފައެވެ.

ސްޕެއިނުގެ ފޯވާޑް އަލްވާރޯ މޮރާޓާ ފޮނުވާލި ޕެނަލްޓީ އިޓަލީގެ ކީޕަރު ޖިއަންލުއިޖީ ޑޮނަރުއްމާ މަތަކުރަނީ. –ފޮޓޯ: ޓުވިޓާ

މެޗުގެ ފުރިހަމަވަގުތު ހަމަވިއިރު ދެ ޓީމު 1-1 އިން އެއްވަރުވުމުން ނަތީޖާ ނެރުމަށް ކުޅެވުނު އިތުރުވަގުތުގެ 15 މިނެޓުގެ ދެ ހާފުގައި ވެސް ދެ ޓީމަށް ގޯލެއް ކާމިޔާބުކުރެވޭގޮތް ނުވުމުން ދެން ޖެހުނީ ޕެނަލްޓީ ޖަހާށެވެ.

ޕެނަލްޓީ ޝޫޓްއައުޓްގައި އިޓަލީން ފޮނުވާލި ފަސް ޕެނަލްޓީގެ ތެރެއިން ނާކާމިޔާބުވީ މެނުއެލް ލޮކަޓެއްލީގެ ޕެނަލްޓީ އެކަންޏެވެ. ލޮކަޓެއްލީ ފޮނުވާލި ޕެނަލްޓީ ސްޕެއިނުގެ ކީޕަރު ސިމޯން މަތަކުރިއިރު އިޓަލީގެ އަންދްރެއާ ބެލޮއްޓީ، ލިއޮނާޑޯ ބޮނޫޗީ އާއި ފެޑެރީކޯ ބާނަޑެސްކީ އަދި ޖޯޖީނިއޯގެ ޕެނަލްޓީތައް ކާމިޔާބުކުރިއެވެ.

ސްޕެއިނުން ފޮނުވާލި ހަތަރު ޕެނަލްޓީގެ ތެރެއިން ރޮޑްރީގޯ މޮރޭނޯ އާއި ތިއާގޯ އަލްކަންތާރާ ކާމިޔާބުކުރިއެވެ. އެ ޓީމުގެ މިޑްފީލްޑަރު އޮލްމޯ ފޮނުވާލި ޕެނަލްޓީ ހުރަސްދަނޑިމަތިން ދިޔައިރު، މޮރާޓާ ފޮނުވާލި ޕެނަލްޓީ އިޓަލީގެ ކީޕަރު ޑޮނަރުއްމާ މަތަކުރިއެވެ.

މި ފަހަރުގެ ޔޫރޯގެ ފައިނަލްގައި އިޓަލީ ނިކުންނާނީ މިރޭ ކުޅެވޭ ސެމީގެ ދެވަނަ މެޗުގައި ޑެންމާކާއި އިންގްލެންޑް ކުޅެގެން މޮޅުވާ ޓީމަކާ ދެކޮޅަށެވެ. މި މެޗު ކުޅެވޭނީ ލަންޑަންގެ ވެމްބްލީގައި މި މަހުގެ 12 ވާ ހޯމަ ދުވަހު އެވެ.